މިދިޔަ އަހަރުގެ މާލީ ތަފާސްހިސާބުތަކަށް ބަލާއިރު އިނގިރޭސިވިލާތުގެ އާސެނަލް އަށް 100 މިލިއަން ޕައުންޑުގެ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހިއްޖެއެވެ.

އާސެނަލް ހޯލްޑިންގްސް ލިމިޓެޑުން އެ ކްލަބުގެ އަހަރީ ތަފާސްހިސާބުތަކުގެ މައުލޫމާތު ހާމަކޮށްފައިވާއިރު މިދިޔަ އަހަރު އެ ކްލަބަށް މާލީ ގޮތުން ލިބުނު ގެއްލުމުގެ ޖުމްލަ އަދަދު 107.3 މިލިއަން ޕައުންޑަށް އަރައެވެ. އޭގެ ކުރީ އަހަރު އާސެނަލުން ނިންމާލީ 50 މިލިއަން ޕައުންޑުގެ ގެއްލުމެއްގައެވެ.

މިދިޔަ އަހަރު ކޮވިޑުގެ ސަބަބުން އާސެނަލް އަށް މުޅިއެކު 85 މިލިއަން ޕައުންޑުގެ ގެއްލުމެއް ލިބުނުއިރު ކޮވިޑާ ގުޅިގެން މިދިޔަ ސީޒަނުގެ ގިނަ މެޗުތަކެއް ކުޅެފައިވަނީ ސަޕޯޓަރުން ނުވައްދައެވެ. ސަޕޯޓަރުންނާއެކު އާސެނަލް ކުޅެފައިވަނީ އެންމެ ތިން މެޗެކެވެ. އެއާއެކު ޓިކެޓުގެ ގޮތުގައި އާއި އެހެނިހެން މެޗްޑޭ ރެވެނިއުގެ ގޮތުގައި ލިބޭ އާމްދަނީ 75 މިލިއަނުން 3.8 މިލިއަން ޕައުންޑަށް ވެއްޓުނެވެ.

އަދި ވިޔަފާރި ނަފާ އިން މިދިޔަ އަހަރު ލިބުނު އާމްދަނީގެ އަދަދު ވަނީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު ގާތްގަނޑަކަށް 6 މިލިއަން މިލިއަން ޕައުންޑް ދަށްވެފައެވެ.

ކުޅުންތެރިން ވިއްކައިގެން މިދިޔަ އަހަރު އާސެނަލް އަށް ލިބުނީ 11.8 މިލިއަން ޕައުންޑެވެ.

އާސެނަލް އިން ކްލަބުގެ މާލީ ތަފާސްހިސާބުތައް ހާމަކޮށްފައިވާއިރު އެ ކްލަބުން ވަނީ އަންނަ ސީޒަނަށް އެ ކްލަބުގެ ޓިކެޓުގެ އަގު ވެސް ބޮޑުކޮށްފައެވެ. މިއީ ކްލަބަށް ދިމާވެފައިވާ މާލީ ގޮންޖެހުންތަކުން އަރައިގަތުމަށް އެޅި ފިޔަވަޅެއް ކަމަށް އެ ކްލަބުން ވަނީ ބުނެފައެވެ.