ޖަރުމަން ބުންޑެސްލީގުގައި ރޭ ބަޔާ ލެވަކޫސަންއާ ދެކޮޅަށް ކުޅުނު މެޗުން އެއްވަރުވެ ބަޔާން މިއުނިކް ޕޮއިންޓަކުން ފަރުޖައްސާލަން ޖެހިއްޖެއެވެ.

އެލިއާންޒް އެރީނާގައި ކުޅުނު މި މެޗު އެއްވަރުވީ 1-1 އިންނެވެ. ރޭގެ މެޗުގެ ކުރިން ލެވަކޫސަން ވަނީ ލީގުގައި އެ ޓީމު އެންމެ ފަހުން ކުޅުނު ހަ މެޗުގެ ތެރެއިން ފަސް މެޗު ކާމިޔާބުކޮށްފައެވެ. ރަނގަޅު ފޯމެއްގައި އޮތް ލެވަކޫސަން އިން ރަށުން ބޭރުގައި ކުޅެ އެންމެ ފަހުގެ ޗެމްޕިއަނުން މޮޅުވިޔަ ނުދީ ހިފެހެއްޓިއިރު މިއީ މި ސީޒަނުގައި ބަޔާން އަމިއްލަ ދަނޑުގައި ލީގު މެޗަކުން އެއްވަރުވި ފުރަތަމަ ފަހަރެވެ.

ބަޔާން އަދި ލެވަކޫސަން ވާދަކުރި މެޗުގައި ފުރަތަމަ ގޯލް ޖަހައި ލީޑު ނެގީ ބަޔާނުންނެވެ. ފުރަތަމަ ހާފުގެ 18 ވަނަ މިނިޓްގައި ބަޔާނަށް ލީޑުނަގައިދިނީ ޑިފެންޑަރު ނިކްލަސް ސޫލާއެވެ. ލެވަކޫސަން އިން ނަތީޖާ ހަމަހަމަ ކުރީ މެޗުގެ 36 ވަނަ މިނިޓްގައި ބަޔާނުގެ ތޯމަސް މުލާ އަތުން ބައިކޮޅަށް ވަތް ގޯލަކުންނެވެ. ލެވަކޫސަންގެ ކުޅުންތެރިއަކު ހިލޭ ޖެހުމަކުން ނެގި ބޯޅަ ދިފާއުކުރުމުގެ ތެރޭގައި މުލާގެ ފައިގައި ޖެހިފައި ބޯޅަ ވަނީ ބައިކޮޅަށެވެ.

މެޗުން ބަޔާން މޮޅުކޮށްދޭން އެ ޓީމުގެ ފޯވަޑް ރޮބަޓް ލެވަންޑޯސްކީ އަށް ގިނަ ފުރުސަތުތަކެއް ލިބުނު ނަމަވެސް ޕޮލަންޑް ކުޅުންތެރިއާ ބޮލުން ފޮނުވާލި ހަމަލާތައް ދިޔައީ ގޯލާ އަމާޒު ނުވެ ބޭރަށެވެ.

މި މެޗުން އެއްވަރުވި ނަމަވެސް ލީގުގެ އެއްވަނައިގައި ބަޔާން އޮތީ ބޮޑު ލީޑަކާއެކުއެވެ. ލީގުގައި ކުޅުނު 25 މެޗުން 59 ޕޮއިންޓް ބަޔާނުން ހޯދާފައިވާއިރު ދެ ވަނައިގައި އޮތް ބޮރޫޝިއާ ޑޯޓްމަންޑަށް ލިބިފައިވަނީ 24 މެޗުން 50 ޕޮއިންޓެވެ.

ޖަރުމަނުގެ ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު އާރްބީ ލެއިޕްޒިގާއި ފްރެއިބާގް ބައްދަލުކުރި މެޗު ނިމުނީ 1-1 އިން ދެ ޓީމު އެއްވަރު ވެގެންނެވެ. ލީގުގެ ހަތަރު ވަނައިގައި އޮތް ލެއިޕްޒިގާއި ފަސްވަނައިގައި އޮތް ފްރެއިބާގަށް ވެސް ލިބިފައިވަނީ 25 މެޗުން 41 ޕޮއިންޓެވެ.