އޮސްޓްރިއާ ގައުމީ ފިރިހެން ފުޓުބޯޅަ ޓީމުގެ ކޯޗު ކަމަށް މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗު ރަލްފް ރަންގްނިކް ހަމަޖައްސައިފިއެވެ.

އޮސްޓްރިއާއާއެކު ރަންގްނިކް ދެ އަހަރުގެ އެއްބަސްވުމެއް ހަދާފައިވާއިރު، އޭނާ ކްލަބުގައި 2024 ވަނަ އަހަރުގެ ނިޔަލަށް މަޑުކުރާނެއެވެ. އަދި 2024 ވަނަ އަހަރުގެ ޔޫރޯއަށް އޮސްޓްރިއާ ކޮލިފައިވެއްޖެނަމަ، އޭނާ ހެދި އެއްބަސްވުމުގެ މުއްދަތު އިތުރު ކުރުންވެސް އޮޕްޝަނަކަށް ވަނީ ހިމަނާފައެވެ.

ޔުނައިޓެޑުގެ ރަސްމީ ވެބްސައިޓަށް ދިން އިންޓަވިއުއެއްގައި އުމުރުން 63 އަހަރުގެ ރަންގްނިކް ބުނީ، މި ސީޒަނަށްފަހު އޮސްޓްރިއާގެ ކޯޗުކަމާ އޭނާ ހަވާލުވާނެ ކަމަށާއި، މިކަމުގެ ސަބަބުން ޔުނައިޓެޑަށް ކޮންސަލްޓެންސީ ދިނުމުގައި ހުރަހެއް ކުރިމަތި ނުވާނެ ކަމަށެވެ.

މިދިޔަ ނޮވެމްބަރު މަހު ޔުނައިޓެޑުގެ ހަ މަހުގެ އެއްބަސްވުމަކާއެކު ވަގުތީ ކޯޗަކަށް ރަންގްނިކް ހަމަޖެއްސިއިރު، މި ސީޒަނަށްފަހު އެޓީމުގެ ކޯޗުކަމާ ހަވާލުވާނީ އަޔަކްސްގެ ކޯޗު އެރިކް ޓެން ހާގްއެވެ. މިއާއެކު، ރަންގްނިކް ޔުނައިޓެޑުގައި އަންނަ ސީޒަނުގައި އާދާކުރަމުން އަންނާނީ ކޮންސަލްޓެންސީގެ ރޯލެއްކަން ވަނީ އިއުލާންކޮށްފައެެވެ.

ޖަރުމަންގެ ރަންގްނިކްގެ އިރުޝާދުގެ ދަށުން ޔުނައިޓެޑު މިހާތަނަށް 26 މެޗު ކުޅެފައިވާއިރު، އޭގެ ތެރެއިން މޮޅުވެފައި ވަނީ 10 މެޗުންނެވެ. ބާކީ ހަ މެޗުން އެޓީމު ބަލިވިއިރު، އަނެއް 10 މެޗު ނިމުނީ އެއްވަރުވެގެންނެވެ.

ކޯޗިންގެ ތެރެއަށް 1983 ވަނަ އަހަރު ނިކުތް ރަންގްނިކް ވަނީ ޖަރުމަންގެ މަޝްހޫރު ކްލަބްތައް ކަމަށްވާ ޝާލްކާ އާއި ސްޓުޓްގާޓް އަދި ހޮފެންހައިމްގެ އިތުރުން ލައިޕްޒިގަށް ކޯޗުކަން ކޮށްދީފައެވެ. އަދި އޭނާ ވަނީ 2011 ވަނަ އަހަރު ޝާލްކާ އަށް ޖަރުމަނު ކަޕް ޗެމްޕިއަންކަން ހޯދައިދީފަ އެވެ.