ފީފާ ވޯލްޑް ކަޕްގައި ސެގެނަލް އިން ގަތަރުގެ މައްޗަށް 3-1 ގެ ނަތީޖާއަކުން ކުރި ހޯދައިފިއެވެ.

މުބާރާތުގައި ގަތަރުން ފުރަތަމަ މެޗު ކުޅެފައިވަނީ އިކުއާޑޯއާއި ދެކޮޅަށެވެ. އެމެޗުން 2-0ގެ ނަތީޖާއަކުން ގަތަރު ބަލިވެފައިވާއިރު، ސެނެގަލް އާއި ނެދެލޭންޑްސް ބައްދަލު ކުރި މެޗުން ސެނެގަލް ވެސް ވަނީ 2-0ގެ ނަތީޖާއަކުން ބަލިވެފައެވެ. މިއާއި އެކީ މި ދެ ޓީމު ވެސް އޮތީ މި ގްރޫޕުގެ އެންމެ ފުލުގައެވެ.

ނަމަވެސް މިއަދުގެ މެޗުން ސެނެގަލްއަށް ލިބުނު މޮޅާއި އެކީ ތިން ޕޮއިންޓުން އެޓީމުން ވަނީ ގްރޫޕުގެ ތިން ވަނައަށް ޖެހިލާފައެވެ. އަދި ގަތަރު އޮންނާނީ ގްރޫޕުގެ ފުލުގައެވެ. މި ބައްޔާއި އެކީ ގަތަރަށް ވަނީ މުބާރާތުގައި ކުރިއަށް ދިއުމަށް އަމިއްލަ ބާރު ގެއްލިފައެވެ. ގަތަރަށް ދެން މުބާރާތުގައި ކުރިއަށް ދެވޭނެކަން އެނގޭނީ މިރޭ މި ގްރޫޕުގައި ހިމެނޭ ނެދަލޭންޑްސް އާއި އިކުއާޑޯގެ މެޗުގެ ނަތީޖާ ނިކުންނަ ގޮތުންނެވެ.

މެޗުގެ ފުރަތަމަ ހާފް ފެށިގެން މާ ގިނަ އިރުތަކެއް ނުވަނީސް ސެނެގަލްގެ ކުޅުންތެރިން ވަނީ ގަތަރު ކޮޅަށް ނުރައްކާތެރި ހަމަލާއެއް ފޮނުވާފައެވެ. ނަމަވެސް ސެނެގަލްގެ ކުޅުންތެރިއަކު ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ އަރިމަތިން ބޭރަށެވެ. މިއީ ސެނެގަލްއަށް މުހިންމު މެޗެއް ކަމުން އެޓީމުން ދިޔައީ ލިބޭ ފުރުސަތެއް ގޯލަށް ފޮނުވާލުމަށް ވަރަށް މަސައްކަތް ކުރަމުންނެވެ.

މެޗުގެ 14 ވަނަ މިނެޓާއި ހަމައަށް ސެނެގަލްއިން ހަމަލާތަކެއް އުފައްދަމުން ދިޔަ ނަމަވެސް، ގަތަރަށް ވެސް މި މިނެޓުގައި ވަނީ ރަނގަޅު ފުރުސަތެއް ލިބިފައެވެ. ނަމަވެސް ގަތަރުގެ އަކްރަމް އަފީފް ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ މާ މަތިން ބޭރަށެވެ.

ގަތަރުގެ ކަރިން ބޯޅަ ހިފައިގެން-- ފޮޓޯ: ގެޓީ އިމޭޖެސް

ސެނެގަލްއިން މެޗުގެ ލީޑު ނެގުމަށް މެޗުގެ 23 ވަނަ މިނެޓުގައި ގުޔޭ ފިއާސް އަށް ވަނީ ލިބިފައެވެ. ނަމަވެސް އޭނާ ބާރަށް ފޮނުވާލި ބޯލަށް ދިޔައީ ގޯލުގެ ކަނާތް ފަޅިން ބޭރަށެވެ. ސެނެގަލް އިން މިހަމަލާ އުފެއްދިތާ މަދު ވަގުތުކޮޅެއްގެ ތެރޭގައި ގަތަރުން ވެސް ވަނީ ހަމަލާއެއް އެފައްދާފައެވެ. ގަތަރުން އުފެއްދި ހަމަލާވެސް ގޯލާއި އަމާޒު ނުވެ ގޮސްފައިވަނީ މާ މަތިން ބޭރަށެވެ.

މެޗުގައި ސެނެގަލް އިން ކުޅެމުން އަންނަ ގޮތަށް ބަލާއިރު، އެޓީމުން އުފައްދަމުން އަންނަ ގިނަ ހަމަލާތަކަކީ އަރިމަތިން ހުރަސް ކޮށްދީގެން އުފައްދަން އުޅޭ ހަމަލާތައްކަން ފާހަގަ ކޮށްލެވެ.

ސެނެގަލްގެ ސަޕޯޓަރުން-- ފޮޓޯ: ގެޓީ އިމޭޖެސް

މެޗުގެ 33 ވަނަ މިނެޓުގައި ގަތަރުގެ އަފީފަށް ލިބުނު ރީތި ބޯޅައެއް އޭނާ ހިފައިގެން ދަނިކޮށް އޭރިޔާ ތެރެއިން ސެނެގަލްގެ އިސްމާއީލް ސާގެ ގައިގައި ޖެހި އޭނާ ވަނީ އޭރިއާ ތެރެއަށް ވެއްޓިފައެވެ. ނަމަވެސް ރެފްރީ ވަނީ އެއީ ފައިލެއް ނޫން ކަމަށް ނިންމާފައެވެ.

ގަތަރަށް މުހިންމު މެޗަކަށް މި މެޗު ވެގެން ގޮސްފައިވާއިރު، އެޓީމުން ވެސް ދިޔައީ ލިބޭ މަދު ބޯޅަތައް ގޯލަށް ވެއްދުމަށް ގިނަ މަސައްކަތެއް ކުރަމުންކަން ފާހަގަ ކޮށްލެވެއެވެ.

މެޗުގައި ސެނެގަލްއިން ލީޑު ނަގާފައިވަނީ ގަތަރުގެ ޑިފެންޑަރަކަށް ހެދުނު މިސްޓޭކެއްގެ ސަބަބުންނެވެ. އެގޮތުން މެޗުގެ 40 ވަނަ މިނެޓުގައި ގަތަރުގެ ޑިފެންޑަރު ބައުލެމް ކައުކީ ސާފުކޮށްލަން އުޅުނު ބޯޅައެއް އޭނާ ފައިގަ ލައްވާ ނުލެވުމުގެ ނަތީޖާއަކީ ސެނެގަލްގެ ޑިއާ އެ ބޯޅަ ގޯލަށް ވެއްދުމެވެ.

ކައުކީއަށް ހެދުނު މިސްޓޭކުން ޑިއާ ގޯލު ޖަހަނީ-- ފޮޓޯ: ސްކައި ސްޕޯޓްސް

މެޗުގެ ދެވަނަ ހާފް ފެށިގެން މާ ގިނަ އިރުތަކެއް ނުވަނީސް އަނެއްކާ ވެސް ސެނެގަލް އިން ވަނީ ގޯލެއް ކާމިޔާބުކޮށް މެޗުގެ ލީޑު ފުޅާކޮށްފައެވެ. ސެނެގަލްއަށް މި ގޯލު ކާމިޔާބު ކޮށްދީފައިވަނީ މެޗުގެ 48 ވަނަ މިނެޓުގައި އިސްމާއީލް ޖަކޮބްސް ތަނަވަސް ކޮށްދިން ބޯޅައަކުން ފަމަރާ ޑީޖޫއެވެ.

ސެނެގަލްގެ ދެވަނަ ގޯލާއި އެކީ ގަތަރަށް ވަނީ މެޗު ކާމިޔާބު ކުރުމަށް ބޮޑު ޕްރެޝަރަކަށް ވެފައެވެ. އެ ޕްރެޝަރާއި އެކީ ވެސް ލިބުނު ރަނގަޅު ބޯޅަތަކެއް ގޯލަށް ވެއްދުމަށް ގަތަރުގެ ކުޅުންތެރިން ވަނީ މަސައްކަތް ކޮށްފައެވެ.

އެގޮތުން މެޗުގެ 60 ވަނަ މިނެޓާއި 62 ވަނަ މިނެޓުގައި ގަތަރުގެ ކުޅުންތެރިން ވަނީ ނުރައްކާތެރި ހަމަލާތަކެއް އުފައްދާފައެވެ. މި ހަމަލާތައް ހުއްޓުވާފައިވަނީ ސެނެގަލްގެ ކީޕަރު މެންޑީއެވެ.

ގަތަރުގެ އިސްމާއީލް މުހައްމަދު-- ފޮޓޯ؛ ގެޓީ އިމޭޖެސް

މި މެޗުގެ 66 ވަނަ މިނެޓުގައި ގަތަރަށް ވަނީ ލަނޑެއް ކާމިޔާބު ކުރަން ރަނގަޅު ފުރުސަތެއް ލިބިފައެވެ. ނަމަވެސް ގަތަރުގެ އިސްމާއީލް މުހައްމަދު ފޮނުވާލި ހަމަލާ ކީޕަރު މެންޑީ ވަނީ ހުއްޓުވާފައެވެ.

ހަލުވި ވަރުގަދަ ހަމަލާތަކެއް ގަތަރުން އުފައްދަމުން އައި ކަމުގެ ނަތީޖާއަކީ މެޗުގެ 74 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދަނޑަށް އެރި މުހައްމަދު މުންތާރީ ބޮލުން ޖަހައި ގޯލެއް ކާމިޔާބު ކޮށްދިނުމެވެ. އޭނާ މި ގޯލު ކާމިޔާބު ކޮށްދީފައިވަނީ މެޗުގެ 7 ވަނަ މިނެޓުގައެވެ.

ގަތަރުގެ މި ގޯލާއި އެކީ ސަޕޯޓަރުންގެ އަޑު ގަދަވެ، ގަތަރަށް ވަނީ އިތުރު ހިތްވަރެއް ލިބިފައެވެ.

ގަތަރުގެ ގޯލު ކާމިޔާބު ކޮށްދިން މުންތާރީ ބޮލުން ބޯޅަ ޖައްސަނީ -- ފޮޓޯ: ގެޓީ އިމޭޖެސް

ގަތަރުން ގޯލު ޖެހިތާ މާ ގިނައިރުތަކެއް ނުވަނީސް، މެޗުގެ 83 ވަނަ މިނެޓުގައި ސެނެގަލްގެ އެންޑިޔޭ އަރިމަތިން ހުރަސްކޮށްދިން ބޯޅައެއް ބަންބާ ޑިއެން ވަނީ ގޯލުގެ ތެރެއަށް ވައްދައި މެޗުގެ ލީޑު ފުޅާ ކޮށްފައެވެ. މި ގޯލަށްފަހު، ގަތަރަށް ލިބުނު ހިލޭ ޖެހުމެއް ވެސް ނުރައްކާތެރި ކޮށް ގަތަރުގެ އަބްދުލް ކަރީން ހަސަން ވަނީ ފޮނުވާލާފައެވެ. ނަމަވެސް އެ ބޯޅަ ގޮސްފައިވަނީ ގޯލުގެ އަރިމަތިން ބޭރަށެވެ.

މިއީ ގަތަރުން މި މުބާރާތް ކުޅޭ ފުރަތަމަ ފަހަރަށްވީ ނަމަވެސް، ސެނެގަލް އިން މީގެ ކުރިން ދެ މުބާރާތެއްގައި ވަނީ ކުޅެފައެވެ. އެއީ 2002 އަދި 2018 ގެ ވޯލްޑް ކަޕެވެ.

އެ މުބާރާތްތަކުގެ ތެރެއިން 2002 ވަނަ އަހަރު ބޭއްވި މުބާރާތުގައި ސެނެގަލް ވަނީ ކުއާޓް ފައިނަލަށް ދަތުރު ކޮށްފައެވެ. އަދި 2018 ވަނަ އަހަރުގައި އެ ޓީމު ވަނީ ގްރޫޕު ސްޓޭޖުން އަލްވަދާއު ކިޔާފައެވެ.

މި މުބާރާތުގައި ދެން ގަތަރުން ބައްދަލު ކުރާނީ މިމަހުގެ 29 ވަނަ ދުވަހު ނެދެލޭންޑްސްއާއި އެވެ. އަދި ހަމަ އެދުވަހު ސެނެގަލް އިން ނިކުންނާނީ އިކުއާޑޯއާއި ދެކޮޅަށެވެ.