ފީފާ ވޯލްޑް ކަޕްގެ ގުރޫޕް ސްޓޭޖުގެ ފަހު މެޗަށް މިއަދު ވޭލްސް އާއި އިންގްލޭންޑް ނިކުންނައިރު، އިންގްލޭންޑް މި މެޗަށް ނިކުންނާނީ ތާވަލުގެ އެއްވަނައިގައި އޮވެ ގްރޫޕް ސްޓޭޖު ނިންމާލުމަށެވެ. އަދި ވޭލްސް އިން ވެސް ނުކުންނާނީ މެޗުން މޮޅެއް ހޯދުމަށެވެ.

މިއަދުގެ މެޗަށް އިންގްލޭންޑުން ނުކުންނައިރު، އެޓީމުން މުބާރާތުގެ ގްރޫޕް ސްޓޭޖުގައި އެމެރިކާއާއި ދެކޮޅަށް ކުޅުނު މެޗު 0-0ގެ ނަތީޖާއަކުން އެއްވަރުވެފައިވާއިރު، އީރާނާއި ދެކޮޅަށް ކުޅުނު މެޗުން ވަނީ 6-2 ގެ ނަތީޖާއަކުން މޮޅުވެފައެވެ. އެހެން ކަމުން މިވަގުތު އިންގްލޭންޑް އޮތީ ހަތަރު ޕޮއިންޓާއި އެކީ ގްރޫޕް ބީގެ ތާވަލުގެ އެއްވަނައިގައެވެ.

ވޭލްސްއަށް ބަލާއިރު، އީރާން އަތުން ވަނީ 2-0ގެ ނަތީޖާއަކުން ބަލިވެފައެވެ. އަދި އެމެރިކާއާ ދެކޮޅަށް ކުޅުނު މެޗު ވަނީ 0-0 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ. އެހެން ކަމުން ވޭލްސް އޮތީ އެންމެ ޕޮއިންޓަކާއި އެކީ ތާވަލުގެ އެންމެ ފުލުގައެވެ.

ތާވަލުގެ ދެވަނައިގައި އީރާން ތިން ޕޮއިންޓާއި އެކީ އޮތްއިރު، އެމެރިކާ އޮތީ ތިން ވަނައިގައި ދެ ޕޮއިންޓާއި އެކީއެވެ. މި ދެޓީމަށް ވެސް އަދި ގްރޫޕް ސްޓޭޖުގެ އެއް މެޗު އޮންނާނެއެވެ.

އިންގްލޭންޑުގެ އަރާނެ ކަމަށް ލަފާ ކުރެވޭ ފުރަތަމަ 11:

ރަހީމް ސްޓާލިން، ފިލް ފޮޑެން، ޖޯޑަން ޕިކްފޯޑް، ކައިލް ވޯކާ، ޖޯން ސްޓޯންސް، ހެރީ މަގުއާ، ލޫކް ޝޯ، ޖޫޑް ބެލިންހަމް، ޑެކްލަން ރައިސް، މޭސަން މައުންޓް އަދި ހެރީ ކޭން އެވެ.

ވޭލްސްގެ އަރާނެ ކަމަށް ލަފާ ކުރެވޭ ފުރަތަމަ 11:

ނެކޯ ވިލިއަމްސް، ޑެނިއަލް ޖޭމްސް، ކިއެފާ މޫރޭ، ގެރެތް ބޭލް، ޑެނީ ވާޑް، ކްރިސް މެފަމް، ޖޯ ރޮޑޮން، ބެން ޑެވީސް، ކޮނޯ ރޮބާޓްސް، އާރޮން ރަމްޒީ އަދި އީތަން އަމްޕަޑޫ އެވެ.

އިންގްލެންޑުގެ އެންމެ ފާހަގަ ކޮށްލެވޭ ކުޅުންތެރިޔާއަކީ ހެރީ ކޭން

އިންގްލެންޑުގެ ކެޕްޓަން ހެރީ ކޭން އަކީ ޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާއެވެ. ކޭން ވަނީ އެ ގައުމުގެ ފާއިތުވި ވޯލްޑުކަޕުގައި ވެސް އަދި ޔޫރޯ ގައިވެސް މޮޅު ކުޅުމެއް ދައްކާފައެވެ. އަދި މިހާރު ކުރިއަށްދާ މުބާރާތުގައި އެ ޓީމު މޮޅުވި މެޗުގައި އޭނާ ވަނީ ގޯލެއް ނުޖެހި ނަމަވެސް، މުހިންމު ދައުރެއް އަދާ ކޮށްފައެވެ.

އިންގްލޭންޑުގެ ހެރީ ކޭން-- ފޮޓޯ: އޭއެފްޕީ

2018 ވަނަ އަހަރުގެ ވޯލްޑްކަޕްގައި ކޭން ވަނީ އެންމެ ގިނަ ގޯލް ޖަހާ ރަން ބޫޓު ވެސް ހާސިލް ކޮށްފައެވެ. އެ މުބާރާތުގައި ކޭން ޖަހާފައިވާ ޖުމްލަ ހަ ގޯލުގެ ތެރެއިން ފަސް ގޯލު ޖަހާފައިވަނީ ގްރޫޕް ސްޓޭޖްގައި ކުޅުނު މެޗުތަކުގައެވެ.

އަދި މެމްފިސް ޑިޕޭ އާކު މިފަހަރުގެ ވޯލްޑު ކަޕުގެ ކޮލިފައިން ގައިވެސް ޔޫރަޕުން އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ މަގާމު ކޭން ވަނީ ހޯދާފައެވެ. އަދި މަދުވެގެން ހަ ގޯލް ޖެހި ހުރިހާ ކުޅުންތެރިންގެ ތެރެއިން ވެސް އެންމެ މަތީ ކޭންގެ ޝޮޓް ކޮންވާޝަން ރޭޓެވެ.

އިންގްލޭންޑަށް ނުރައްކާ ކުރާނެ ކަމަށް ބެލެވެނީ ބޭލް!

ވޭލްސްގެ ޖޯޒީ ނަންބަރު 11 އަށް ކުޅެމުން އަންނަ ގެރެތް ބޭލް އަކީ ނުރައްކާތެރި ކުޅުންތެރިއެކެވެ. ދުރު ބޯޅަތަކަށް ބާރަށް ދުވެ، އިދިކޮޅު ކުޅުންތެރިންނަށް ބޯޅަ ލިބުމުގެ ކުރިން އޭނާ ބޯޅަ ހޯދައި ގޯލަށް ނުރައްކާ ކުރެއެވެ.

މިއަހަރުގެ ވޯލްޑް ކަޕުގައި ވޭލްސްއިން އެމެރިކާއާއި ދެކޮޅަށް ކުޅުނު މެޗުން އެމެރިކާ އިން މޮޅުވާން ދަނިކޮށް ވޭލްސް އެއްވަރު ކުރި ލަނޑު، ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށް ދިނީ ވެސް ބޭލްއެވެ. އަދި މިމުބާރާތުގައި ޓީމުގެ ކުޅުންތެރިންނާއި ގުޅިގެން މޮޅު ކުޅުމެއް ބޭލް ވަނީ ދައްކާފައެވެ.

ވޭލްސްގެ ތަރި ގެރެތު ބޭލް-- ފޮޓޯ: ގެޓީ އިމޭޖެސް

ވޭލްސްގެ ގައުމީ ޓީމަށް ބޭލް ކުޅެން ފެށީ 2006 ވަނަ އަހަރުގައެވެ. ބޭލް ވޭލްސްއަށް މިހާތަނަށް 108 މެޗު ކުޅެދީފައިވާއިރު، 41 ގޯލް ވަނީ ވޭލްސް އަށް ކާމިޔާބުކޮށް ދީފައެވެ.

އިންގްލޭންޑާއި ވޭލްސް ބައްދަލު ކުރާ މެޗު އަހުމަދު ބިން އަލީ ސްޓޭޑިއަމްގައި ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖެ ގަޑިން ދަންވަރު 12 ޖަހާއިރުއެވެ.