ޤަަތަރުގެ ގައި އޮތް ފީފާ ވޯލްޑްކަޕް ގެ ތަޖުރިބާ ވަރަށް ސަޅި ކަމަށް އިންގްލެންޑުގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޑޭވިޑް ބެކަމް ބުނެފިއެވެ.

އިންގްލެންޑްގެ ގައުމީ ޓީމާއެކު ތިން ވޯލްޑްކަޕް ކުޅެފައިވާ ބެކަމް ވަނީ ވޯލްޑްކަޕަށް ޤަތަރަށް ޒިޔާރަތް ކުރި މީހުންނަށް ކުރެވުނު ތަޖުރިބާ ވަރަށް ރަނގަޅު ކަމަށް ބުނެ ތައުރީފު ކޮށްފައެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ސަޕޯޓަރުން އެއްބައިވަންތަ ކަމާއެކީގައި އުޅުނު މަންޒަރު ފެނުމުން އުފާވާކަމަށްވެސް ބެކަމް ބުނެފައިވެއެވެ.

"ހުރިހާ ސަޕޯޓަރުން އެކުގައި އުޅޭ ތަނާއި، މި މުބާރާތުގެ ފުޓްބޯޅައިގެ ފެންވަރު ފެނުމަކީ ލިބުނު އުފާވެރިކަމެއް." ޤަތަރުގެ ނޫހަކާއި ވާހަކަ ދައްކަމުން ބެކަމް ބުނެފައިވެއެވެ.

"ސަޕޯޓަރުން ވެފައި ތިބި އުފަލާއި އެމީހުން އެހާ މަޖާ ކުރާ ތަން ފެނުމަކީ ލިބުނު ނަސީބެއް."

ޤަތަރުން މިވަނީ ފަހުގެ ތާރީހެއްގައި އެންމެ ކުޑަ ސަރަހައްދެއްގައި ބޭއްވި ވޯލްޑްކަޕް މުބާރާތް އިންތިޒާމްކޮށް ކާމިޔާބު ކަމާއެކު ނިންމާލާފައެވެ. ޤަތަރުގައި މުބާރާތް ކުރިއަށް ދިޔަ 8 ސްޓޭޑިއަމްވެސް ހުރީ ދޯހާގެ މެދުން އެންމެ ލަސްވެގެން ގަޑިއެއްހާއިރުން ދެވޭހާ ދުރުމިނުގައެވެ. އޭގެ ސަބަބުން ގުރޫޕް ސްޓޭޖުގައި ކުޅެވުނު މެޗުތަކުގައި ސަޕޯޓަރުންނަށް ވަނީ ދުވާލަކު އެއް މެޗަށް ވުރެ ގިނަ މެޗަށް ދިއުމުގެ ފުރުސަތު ލިބިފައެވެ.

މި މުބާރާތުގައި ފެނިގެންދިޔަ ފުޓްބޯޅައިގެ ފެންވަރަށްވެސް ބެކަމް ވަނީ ވަރަށް ބޮޑަށް ތައުރީފު ކޮށްފައެވެ.

"ކުޅުމުގެ ފެންވަރު ހަމަ ވަރަށްވެސް ފުރިހަމަ." ބެކަމް ބުނެފައިވެއެވެ.

"އަހަރެން އަބަދުވެސް ތާއީދުކުރަނީ ސީޒަންގެ މެދުތެރޭން ވޯލްޑްކަޕް ބާއްވަން. އޭރުން ކުޅުންތެރިން ތިބޭނީ ފްރެޝްކޮށް، އަދި އެމީހުންގެ ފިޓްނެސް އާއި ހަކަތަ ލެވެލްވެސް ހުންނާނީ މަތީގައި." ބެކަމް ބުނެފައިވެއެވެ.

އާންމުކޮށް ވޯލްޑްކަޕް ބާއްވަނީ ދުނިޔޭގެ އުތުރު ފަޅިއަށް ހޫނު މޫސުމުގެ ދުވަސްވަރުއެވެ. ނަމަވެސް އެ ދުވަސްވަރު ޤަތަރުގައި މުބާރާތް ނުބޭއްވޭނެތީ މިފަހަރު މުބާރާތް ބާއްވާފައިމިވަނީ މުޅިން ތަފާތު ދުވަސްވަރެއްގައެވެ.

ކުރިން މެންޗެސްޓާ ޔުނައިޓެޑް އާއި، ރިއާލް މެޑްރިޑް އަދި އެލްއޭ ގެލެކްސީ އަށްވެސް ކުޅެފައިވާ ބެކަމް ބުނެފައިވަނީ މުބާރާތުގައި އޭނާއަށް އެންމެ ކަމުދިޔަ މެޗަކީ އާޖެންޓީނާ އާއި ނެދަލެންޑްސް ބައްދަލުކުރި މެޗު ކަމަށެެވެ.

"ފުޓްބޯޅައަށް ސަޕޯޓް ކުރާ މީހެއްގެ ހައިސިއްޔަތުން، އަހަންނަށް އެ މެޗުގައި ހުރިހާ ކަމެއް ހަމަވޭ. މެޗުގައި ޑްރާމާ ހިމެނޭ، ޕެނެލްޓީ ތައް ހިމެނޭ. އަދި ދެ ޓީމުންވެސް ދައްކާފައިވަނީ އެހާ މޮޅު ކުޅުމެއް." ބެކަމް ބުނެފައިވެއެވެ.

މުބާރާތުގައި ބެކަމް އަށް އެންމެ ކަމުދިޔަ ގޯލަކީ ސާބިއާ އާއި ދެކޮޅަށް ކުޅުނު މެޗުގައި ބްރެޒިލްގެ ރިޗާލިސަން ޖެހި ގޯލެވެ. އަދި ސައުދީ އަރަބިއްޔާ އާއި ދެކޮޅަށް މެކްސިކޯ ކުޅުނު މެޗުގައި ލުއިސް ޗަވޭޒް ޖެހި ހިލޭ ޖެހުންވެސް ބެކަމަށް ވަރަށް ފާހަގަ ކޮށްލެވެއެވެ.

ބެކަމް އިތުރަށް ބުނެފައިވަނީ މޮރޮކޯގެ މިޑްފީލްޑަރުންގެ މޮޅު ކުޅުންވެސް އޭނާ އަށް ވަރަށް ކަމުދިޔަ ކަމަށެވެ. އަދި ހަމަ އެހެންމެ އިނގިރޭސި ޓީމުގެ 'ޕޮޒިޓިވް' ކުޅުންވެސް ވަރަށް ކަމުދިޔަ ކަމަށެވެ. ބެކަމް ވަނީ ހާއްސަކޮށް އިނގިރޭސި ޓީމުގެ ބުކާޔޯ ސަކާ އަދި ޖޫޑް ބެލިންގްހަމްގެ ނަން ފާހަގަ ކޮށްލާފައެެވެ. އަދި އޭނާ ބުނެފައިވަނީ ފްރާންސްގެ ކިލިއަން އެމްބާޕޭވެސް ވަނީ މުބާރާތުގައި މޮޅު ކުޅުމެއް ދައްކާފައި ކަމަށެވެ. އަދި އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީއާއި ބެހޭ ގޮތުން ބެކަމް ބުނެފައިވަނީ، މެސީއަކީ ހާއްސަ ކުޅުންތެރިއެއް ކަމަށާއި، އަދި ދަނޑު މަތީގައިވެސް ދަނޑުން ބޭރުގައިވެސް ހާއްސަ މީހެއްކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހުސޭނުބޭ

    ރެއިންބޯ ބޭންޑް އަޅާހިތުން އުޅުނު ސޮރެއް ބެކަމް ނުދަންނަންތަ

    15
    1
  2. ރަން ރީނދޫ

    2000ގެ އަހަރު ތަކާއި ހަމައަށް ވެސް ،ހީކުރެވިފައި އޮތީ މުޅިގައިގައި ޓެޓޫ ކުރަހާފަ ތިބެނީ ވަރަށް ބޮޑެތި ގޭންގްތަކުގެ ލީޑަރުން ކަމަށް. އެކަމަކު މިހާރު އެންމެން ގައިގާ ވެސް ފުރެންދެން ޓެޓޫ. ވީމާ މިކަމުން ވެސް މި އެނގެނީ އޭރުގެ މާފިއާ މީހުންގެ ތަހުޒީބު ވިސްނުން. 😂