އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު ލިވަޕޫލް އާއި ދެކޮޅަށް ކުޅުނު މެޗު މެންޗެސްޓަރ ސިޓީން، އެޓީމުގެ އެންމެ އިތުބާރު ފޯވާޑް އާލިން ހާލަންޑް އާއި ނުލައި ވެސް ބޮޑު ތަފާތަކުން ކާމިޔާބު ކޮށްފިއެވެ.

ސިޓީން މިއަދު ލިވަޕޫލާއި ދެކޮޅަށް މެޗު ކުޅުމުގެ ކުރިން އެޓީމު އޮތީ 61 ޕޮއިންޓާއި އެކީ ތާވަލުގެ ދެވަނައިގައެވެ. މި މެޗުން ލިބުނު މޮޅާއި އެކީ ވެސް 64 ޕޮއިންޓާއި އެކީ ސިޓީ އޮތީ އަދިވެސް ދެވަނައިގައެވެ. ތާވަލުގެ އެއްވަނައިގައި އޮތް އާސެނަލް އޮތީ 8 ޕޮއިންޓުގެ ލީޑެއްގައެވެ.

މިއަދުގެ މެޗަށް ސިޓީން ނިކުތްއިރު، ހާލަންޑްގެ ބަދަލުގައި ކުޅެން އަރާފައިވަނީ އާޖެންޓީނާގެ ޒުވާން ފޯވާޑް ހޫލިއަން އަލްވަރޭޒަށެވެ. މި މެޗުގައި އަލްވަރޭޒް ވަނީ ގޯލެއް ކާމިޔާބު ކޮށްދީފައެވެ.

ސިޓީއާއި ލިވަޕޫލް ބައްދަލު ކުރި މެޗުގެ ތެރެއިން-- ފޮޓޯ: ގެޓީ އިމޭޖެސް

މެޗުގެ ފުރަތަމަ ހާފްގައި ލީޑު ނަގާފައިވަނީ ލިވަޕޫލުންނެވެ. މި ގޯލު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ މެޗުގެ 17 ވަނަ މިނެޓުގައި ޑިއޮގޯ ޖޮޓާ ފޯރުކޮށްދިން ބޯޅައަކުން މުހައްމަދު ސަލާހުއެވެ. ލިވަޕޫލުން ލީޑު ނެގިތާ 10 މިނެޓު ފަހުން، މެޗުގެ 27 ވަނަ މިނެޓުގައި ޖެކް ގްރީލިޝް ފޯރުކޮށްދިން ބޯޅައަކުން އަލްވަރޭޒް ވަނީ ގޯލެއް ކާމިޔާބުކޮށް، މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.

މެޗުގެ ފުރަތަމަ ހާފް ނިމިގެން ދިޔައީ ދެ ޓީމުން ވެސް ދާދި ހަމަހަމަ ކުޅުމެއް ދައްކައިގެންނެވެ. ނަމަވެސް ދެވަނަ ހާފް ފެށިގެން ފެނިގެން ދިޔައީ ސިޓީން މެޗު ކޮންޓްރޯލް ކޮށްގެން ކުޅެމުން ދިޔަތަނެވެ.

ސިޓީއާއި ލިވަޕޫލް ބައްދަލު ކުރި މެޗުގެ ތެރެއިން-- ފޮޓޯ: ގެޓީ އިމޭޖެސް

ސިޓީގެ ދަނޑުގައި ކުޅުނު މި މެޗުގައި ސިޓީއަށް އިތުރު ގޯލެއް ކާމިޔާބުކޮށް، ލީޑު ނަގައި ދިނީ، 46 ވަނަ މިނެޓުގައި ރިޔާދް މަހްރޭޒް ފޯރުކޮށްދިން ބޯޅައަކުން، ކެވިން ޑި ބްރޫނޭއެވެ. އަދި މެޗުގެ 53 ވަނަ މިނެޓްގައި އިލްކާއި ގުންޑޮގާން ސިޓީގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދިންއިރު، އެޓީމުގެ ހަތަރު ވަނަ ގޯލު މެޗުގެ 74 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ކެވިން ޑި ބްރޫނޭ ފޯރުކޮށްދިން ބޯޅައަކުން ޖެކް ގްރީލިޝްއެވެ.

ލީގުގައި ދެން ސިޓީން ސައުތްހެމްޓަނާއި ބައްދަލު ކުރާއިރު، ލިވަޕޫލުން ބައްދަލުކުރާނީ ޗެލްސީއާއި ދެކޮޅަށެވެ.