ވޯލްޑް ކަޕް ކޮލިފައިންގައި ރަށުން ބޭރުގައި އުރުގުއޭ އަތުން 2-0 އިން ބްރެޒިލް ބަލިވި މެޗުގައި އެ ޓީމުގެ ތަރި ނޭމާ އަށް ސީރިއަސް އަނިޔާއެއް ކުރިމަތިވެއްޖެއެވެ.

މިއީ މިދިޔަ 22 އަހަރުގެ ތެރޭގައި ބްރެޒިލް އަތުން އުރުގުއޭ މޮޅުވި ފުރަތަމަ ފަހަރެވެ. އަނެއްކޮޅުން މިއީ 2015 ގެ ފަހުން ވޯލްޑް ކަޕް ކޮލިފައިން މެޗަކުން ބްރެޒިލް ބަލިވި ފުރަތަމަ ފަހަރެވެ. މި މެޗާއި ކުރިމަތިލިއިރު ބްރެޒިލް ވަނީ ބަލިނުވެ، 37 މެޗު ހަމަކޮށްފައެވެ.

މި ނަތީޖާއާއެކު ދެވަނައިގައި އުޅޭ އުރުގުއޭ ވަނީ މިހާރު ތިންވަނައިގައި އޮތް ބްރެޒިލާ އެއްވަރަށް ހަތަރު މެޗުން ހަތް ޕޮއިންޓް ހަމަކޮށްފައެވެ. އުރުގުއޭ އަށް ކުރިލިބެނީ ހެޑް-ޓު-ހެޑް އުސޫލުންނެވެ. ދެކުނު އެމެރިކާގެ ކޮލިފައިންގެ އެއްވަނައިގައި އަދިވެސް އުޅެނީ ސައްތައިން ސައްތައިގެ ރެކޯޑަކާއެކު އާޖެންޓީނާ އެވެ. އެ ޓީމަށް ކުޅުނު ހަތަރު މެޗުން ލިބިފައިވަނީ 12 ޕޮއިންޓެވެ.

މޮންޓެވީޑޯގައި ހުންނަ އެސްޓާޑިއޯ ސެންޓެނާރިއޯގައި ކުޅުނު މި މެޗުގައި އުރުގުއޭ އިން ޖެހި ފުރަތަމަ ލަނޑު، 42 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ލިވަޕޫލްގެ ފޯވާޑް، ޑާވިން ނޫނޭޒް އެވެ. މިއީ މެކްސިމިލިއާނޯ އަރައުހޯ ނެގި ހުރަހަކުން ލިބުނު ބޯޅައެއް ބޮލުން ގޯލްގެ ތެރެއަށް ފޮނުވާލައިގެން ނޫނޭޒް ކާމިޔާބުކުރި ގޯލެކެވެ.

ފުރަތަމަ ހާފުގެ އިތުރުވަގުތުގައި އުރުގުއޭގެ ނިކޮލަސް ޑެ ލަ ކްރޫޒް ކުރި ޓެކުލަކުން ބްރެޒިލްގެ އެންމެ މުހިއްމު ކުޅުންތެރިޔާ، ނޭމާގެ ކަކުލަށް ލިބުނު ސީރިއަސް އަނިޔާއެއްގެ ސަބަބުން ވަނީ ބަދަލުކޮށްފައެވެ. އަށިގަނޑުގައި ދަނޑުން ނޭމާ ބޭލިއިރު، އޭނާ ދިޔައީ ރޮމުންނެވެ. ނޭމާގެ ބަދަލުގައި ކުޅެން ނިކުތީ ރިޗާލިސަން އެވެ.

މި މެޗުގައި އުރުގުއޭ އިން ޖެހި ދެވަނަ ލަނޑު، 77 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޑެ ލަ ކްރޫޒް އެވެ. އޭނާ މި ލަނޑުޖެހީ ނޫނޭޒް ދިން ބޯޅައަކުންނެވެ.

ކޮލިފައިންގައި ދެން ބްރެޒިލަށް އޮތީ ކޮލަމްބިއާ އާ ބައްދަލުކުރާ މެޗެވެ. އުރުގުއޭ ނިކުންނާނީ އާޖެންޓީނާއާ ދެކޮޅަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ތި ނޭމާއަކާއި ހެދި ފަހަކަށް އައިސް ބުރެޒިލް ދަނީ ދުވަހެއް ދުވަހަކަށް ދަށަށް