ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗެއްގައި ސްކޮޓްލެންޑް އަތުން 4-1 އިން ފްރާންސް މޮޅުވިއިރު، މެކްސިކޯއާ ދެކޮޅަށް ޖަރުމަނު ކުޅުނު މެޗު 2-2 އިން އެއްވަރުވެއްޖެއެވެ.

ލިއްލޭގެ ހުންނަ ޑިކެތުލޯން އެރީނާގައި ރޭ ކުޅުނު މެޗުގެ ކުރީން ލީޑްނެގީ ގިނަ ބަދަލުތަކާއެކު ނިކުތް ސްކޮޓްލެންޑުންނެވެ. މެޗު ފެށިގެން 11 ވަނަ މިނެޓުގައި އެ ޓީމަށް މި ލަނޑުޖަހައިދިނީ ބިލީ ގިލްމޯ އެވެ. މިއީ ފްރާންސްގެ މިޑްފީލްޑަރު، އެޑޮއާޑޯ ކަމަވިންގާ އަށް ހެދުނު ގޯހެއްގެ ފައިދާނަގައި ގިލްމޯ ކާމިޔާބުކުރި ގޯލެކެވެ.

ސްކޮޓްލެންޑުން ލީޑްނެގިތާ ފަސް މިނެޓުގެ ތެރޭގައި ފްރާންސަށް އެއްވަރުކޮށްދިނީ ބެންޖަމިން ޕަވާޑް އެވެ. އެންޓޮއިން ގްރީޒްމަން ނެގި ކޯނަރަކުން ޕަވާޑް މި ލަނޑުޖެހީ ބޮލުންނެވެ. އަދި އޭގެފަހުން، މެޗުގެ 24 ވަނަ މިނެޓުގައި ފްރާންސަށް ލީޑްނަގައިދިނީ ވެސް ޕަވާޑް އެވެ. މި ލަނޑުވެސް ޕަވާޑް ޖެހީ ބޮލުންނެވެ. މިއީ އެ ޓީމުގެ ކެޕްޓަން، ކިލިއަން އެމްބާޕޭ ދިން ބޯޅައަކުން ޕަވާޑް ޖެހި ލަނޑެކެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން، 41 ވަނަ މިނެޓުގައި ފްރާންސަށް ދެ ލަނޑުގެ ލީޑެއްނަގައިދިނީ އެމްބާޕޭ އެވެ. މިއީ ޕެނަލްޓީއޭރިޔާ ތެރެއިން ފްރާންސްގެ ފޯވާޑް، އޮލިވިއޭ ޖިރޫ އަށް ސްކޮޓްލެންޑްގެ ޑިފެންޑަރު، ލިއާމް ކޫޕާ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއަކުން އެމްބާޕޭ ކާމިޔާބުކުރި ގޯލެކެވެ. މިއީ ފްރާންސްގެ ޖާޒީގައި އެމްބާޕޭ ކުޅުނު 73 މެޗުގައި ޖެހި 43 ވަނަ ލަނޑެވެ. އެމްބާޕޭ އަށް ވުރެ ގިނައިން ގައުމީ ޓީމަށް ލަނޑުޖަހައިދީފައިވަނީ؛ ގްރީޒްމަން (44)، ތިއެރީ އޮންރީ (51) އަދި ޖިރޫ (54) އެވެ.

ފްރާންސުން މި މެޗުގައި ޖެހި ހަތަރުވަނަ ލަނޑު، 68 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ބަޔާން މިއުނިކްގެ ވިންގާ، ކިންގްސްލީ ކޯމަން އެވެ.

ޖަރުމަނުގެ އައު ކޯޗު ހޫލިއަން ނާގަލްސްމަންގެ އިރުޝާދުގެ ދަށުން އެ ޓީމު ކުޅުނު ދެވަނަ މެޗުގައި ލީޑްނަގައިދިނީ ރެއާލް މެޑްރިޑްގެ ޑިފެންޑަރު، އެންޓޯނިއޯ ރޫޑިގާ އެވެ. ފުރަތަމަ ހާފު ނިމުމުގެކުރީން، މެކްސިކޯގެ އުރިއެލް އެންޓޫނާ ވަނީ އެ ޓީމަށް އެއްވަރުކޮށްދީފައެވެ.

މި މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު މެކްސިކޯ އިން ފުރަތަމަ ފަހަރަށް ލީޑްނެގި ލަނޑުޖަހައިދިނީ އެރިކް ސަންޗޭޒް އެވެ. ޖަރުމަނަށް އެއްވަރުކޮށްދިނީ ފަހު ހާފުގައި ކުޅެން ނިކުތް ބޮރޫޝިއާ ޑޯޓްމަންޑްގެ ފޯވާޑް، ނިކްލަސް ފުލްކްރުގް އެވެ.

ކިޔުންތެރިންގެ ހިޔާލު