ސްޕެނިޝް ލީގުގައި ރޭ ރަށުން ބޭރުގައި ސެވިއްޔާއާ ދެކޮޅަށް ރެއާލް މެޑްރިޑް ކުޅުނު މެޗު 1-1 އިން އެއްވަރުވެގެން ނިމިއްޖެއެވެ.

މި ނަތީޖާއާއެކު ރެއާލަށް ތާވަލްގެ ކުރީގައި ލީޑް ފުޅާކުރަން ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. ރެއާލް އެއްވަނައިގައި އޮތީ ކުޅުނު 10 މެޗުން ލިބުނު 25 ޕޮއިންޓާއެކު އެވެ. ދެވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑާއި، ތިނެއްގައި އޮތް ޖިރޯނާ އަށް ނުވަ މެޗުން ލިބިފައިވަނީ 22 ޕޮއިންޓެވެ. ޖިރޯނާ އަށް ކުރިއަށް އޮތް މެޗު ކާމިޔާބުކޮށްގެން ރެއާލްއާ އެއްވަރުކުރުމުގެ ފުރުސަތު އެބައޮތެވެ. ހަތަރުވަނައިގައި އޮތް ބާސެލޯނާ އަށް ލިބިފައިވަނީ ނުވަ މެޗުން 21 ޕޮއިންޓެވެ.

ސެވިއްޔާގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި ފެނިގެންދިޔަ ހުރިހާ ގޯލެއްވެސް ކާމިޔާބުކުރީ ފަހު ހާފުގައެވެ. ރޭގެ މެޗަކީ ކުރީން، ރެއާލަށް ކުޅުނު ސާޖިއޯ ރާމޯސްގެ އާ ޓީމާއެކު ރެއާލްއާ ދެކޮޅަށް ނިކުތް ފުރަތަމަ ފަހަރެވެ.

ރާމޯސް ވަނީ 2005 އިން ފެށިގެން 2021 ގެ ނިޔަލަށް ރެއާލަށް ކުޅެފައެވެ. ރޭގެ މެޗަކީ ހުރިހާ ގޮތަކުން އޭނާ އަށް ހާއްސަ މެޗަކަށްވީ ހިނދު، ސެވިއްޔާ އަށް ޕޮއިންޓެއް ހޯދައިދިނުމުގައި އޭނާ ވަނީ އިސް ދައުރެއް އަދާކޮށްފައެވެ.

މި މެޗުގައި ސެވިއްޔާ އިން ލީޑްނެގީ 74 ވަނަ މިނެޓުގައި ރެއާލްގެ ޑިފެންޑަރު، ޑޭވިޑް އަލަބާ އަތުން ބައިކޮޅަށް ވަތް ލަނޑަކުންނެވެ. އޭގެ ހަތަރު މިނެޓުފަހުން، ރެއާލަށް އެއްވަރުކޮށްދިނީ ސްޕެއިނުގެ ފުލްބެކް، ޑެނީ ކަރްވަހާލް އެވެ.

ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ތެރޭގައި، ސެލްޓާ ވިގޯގެ ދަނޑުގައި އެތުލެޓިކޯ މޮޅުވީ 3-0 އިންނެވެ. މި މެޗުގައި އެ ޓީމުން ޖެހި ތިން ލަނޑުވެސް ކާމިޔާބުކޮށްދިނީ ފްރާންސްގެ ފޯވާޑް، އެންޓޮއިން ގްރީޒްމަން އެވެ.

ގެޓަފޭގެ ދަނޑުގައި 1-1 އިން ރެއާލް ބެޓިސްއާ އެއްވަރުވިއިރު، ރެއާލް ސޮސިއެޑާޑް އިން ވަނީ އަމިއްލަ ދަނޑުގައި 1-0 މަޔޯކާ ބަލިކޮށްފައެވެ.

މި މުބާރާތުގައި މިއަދު ކުޅުމަށް ހަމަޖެހިފައިވާ މެޗުތަކުގެ ތެރޭގައި، ޖިރޯނާގެ ދަނޑުގައި އަލްމޭރިއާއާ ބައްދަލުކުރާ މެޗާއި، ވިޔަރެއާލްއާ ޑިޕޯޓިވޯ އަލަވެސް ކުޅޭ މެޗު ފާހަގަކޮށްލެވެއެވެ.