އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)ން ލޯނު ދޫކުރުން ހުއްޓާލާފައިވާ ކަމަށް ދެކެވެމުންދާ ވަހަކަތައް އެ ކުންފުނިން ދޮގު ކޮށްފިއެވެ.

އެސްޑީއެފްސީއަކީ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދިމާވާ ދަތިތައް ހައްލުކުރުމަށްޓަކައި ފަސޭހައިން ލޯނު ލިބޭނެ މަގެއް ހަމަޖައްސަވައިދެއްވުމުގެ ގޮތުން ގާއިމްކުރެވިފައިވާ ކުންފުންޏެކެވެ.

އެ ކުންފުނިން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވީ، އެ ކުންފުނިން ލޯނު ދޫކުރުން ވަގުތީގޮތުން ހުއްޓާލާފައިވާ ކަމަށް ބުނެ ފަތުރަމުން ދަނީ ހަގީގަތާއި ހިލާފު ވާހަކަތަކެއް ކަމަށެވެ.

އަދި އެ ކުންފުނިން ދޫކުރަމުންދާ ލޯނުތަކުގެ ތެރެއިން، މަސްވެރިކަމާއި ގުޅުން ހުރި ދާއިރާއަށް "ކަނޑުފަޅު ނަފާ"، ލޯނު ޕްރޮޑަކްޓްތަކުގެ ދަށުން، ފަރުމަހުގެ މަސްވެރިކަމަށް ހާއްސަ ކެޓެގަރީއެއް އިތުރު ކުރެވި، އަދި "ދަނޑުވެރި ނަފާ" ލޯނު ޕްރޮޑަކްޓް އަދި އަންހެނުން ޝާމިލްވާ ވިޔަފާރިތަަކަށް "ފަަށާ މަދަދު"ގެ ލޯނު ޕްރޮޑަކްޓްގެ ދަށުން މިހާރުވެސް ލޯނަށް އެެދި ހުށަހެޅޭނެ ކަަމަށް އެ ކުންފުނިން މައުލޫމާތު ދެއްވައެވެ.

އެ ކުންފުނިން ވިދާޅުވީ، މި ދާއިރާތަކުން ކަނޑައެޅިފައިވާ ލޯނުތަަކަށް، އެސްޑީއެފްސީގެ ކަސްޓަމަރ ލޯޓަލް މެދުވެރިކޮށް ލޯނަށް އެދުމުގެ ފުރުސަތު ކަސްޓަމަރުންނަށް މިހާރުވެސް ހުޅުވާލެވިފައިވާ ކަމަށެވެ.

އަދި މި އަހަރު މި ލޯނުތަކަށް އެދި އެކި ފަރާތްތަކުން ހުށަހަޅަމުންދާއިރު، އެކަމަށް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށްވެސް އެ ކުންފުނިން މައުލޫމާތު ދެއްވައެވެ.

އެ ކުންފުނިން ވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށް އެކި ދާއިރާތަކުން ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ދަނޑިވަޅެއްގައި އެ ކުންފުނިން ދޫކުރާ ލޯނުތައް ހުއްޓާލާފައިވާ ކަމަށް ބުނެ ހަގީގަތާއި ހިލާފު ވާހަކަތައް ނުފެތުރުމަށް އިލްތިމާސް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު