މިދިޔަ ހޮނިހިރު ދުވަހާއި އާދީއްތަ ދުވަހު މާރިޗް މަހުގެ ގިނަ އަދަދަކަށް ފަތުރުވެރިން ރާއްޖެ އައިސްފައިވާ ކަމަށް ފަތުރުވެރިކަމާއި ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެ ވުޒާރާއިން ހާމަކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މި ހިނގާ މާރިޗް މަހު އެންމެ ގިނަ ފަތުރުވެރިން އައީ މިމަހު 23 އަދި 24 މި ދެދުވަހުގައެވެ. އެގޮތުން:

  • ހޮނިހިރު ދުވަހު - 8،462 ފަތުރުވެރިން
  • އާދީއްތަ ދުވަހު - 8،301 ފަތުރުވެރިން

މި ދެ ދުވަސް ތެރޭ ރާއްޖެއަށް 16،763 ފަތުރުވެރިން އައިސްފައި ވެއެވެ.

އާދީއްތަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައީ ޗައިނާއިންނެވެ. ޗައިނާއިން 63،647 ފަތުރުވެރިންނާއި ޒިޔާރަތްކުރިއިރު ދެވަނައަށް 58،038 ފަތުރުވެރިންނާއި އެކު ލިސްޓުގައި އޮތީ ރަޝިޔާއެވެ. އަދި ތިންވަނައިގައި އޮތް އިޓަލީން އައި ފަތުރުވެރިންގެ އަދަދު 53،249 އަށް އަރައެވެ. އަދި ޔޫކޭ، ޖަރުމަނުން ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވެސް އުޅެނީ ސާޅީސް ހާހުން މަތީގައެވެ.

އެހެންނަމަވެސް އިންޑިއާ އިން އަންނަ ފަތުރުވެރިންގެ އަދަދު މިވަނީ ދަށަށް ގޮސްފައެވެ. އެގޮތުން އަހަރު ފެށިގެން އައިއިރު އިންޑިއާ ވެފައި އޮތީ އެންމެ ގިނަ އިން ރާއްޖެ އަށް ފަތުރުވެރިން އައި ގައުމަށެވެ. މިދިޔަ އަހަރު އިންޑިއާ އިން 200،000 އަށް ވުރެ ގިނަ ފަތުރުވެރިން އައިސްފައިވެއެވެ. މިހާރު އިންޑިއާ ވަނީ ލިސްޓުގެ ހަ ވަނައަށް ވެއްޓިފައެވެ.

މި އަހަރު ރާއްޖެއަށް ދެ މިިލިއަނަށް ވުރެ ގިނަ ފަތުރުވެރިން އަންނާނެ ކަމަށް އަންދާޒާކޮށްފައިވާއިރު، މިހާތަނަށް ރާއްޖެއަށް އައި ޖުމްލަ ފަތުރުވެރިންގެ އަދަދަކީ 558،233 އެވެ.

އެ ވުޒާރާއިން ރިޕޯޓުކޮށްފައިވާ ގޮތުން މާޗު މަހުގެ ނިޔަލަށް ރާއްޖޭގައި ހިންގާ ޖުމްލަ ރިސޯޓުތަކުގެ އަދަދަކީ 43،192 އެނދާއި އެކު 175 އެވެ. އަދި 2،016 އެނދާއި އެކު 15 ހޮޓެލް ހިންގާއިރު 14،097 އެނދާއި އެކު 837 ގެސްޓްހައުސްއެއް ހުރީ އޮޕަރޭޝަންގައެވެ.

ރާއްޖޭގައި މިވަގުތު ހިދުމަތް ދެމުން ދަނީ، 147 ސަފާރީއަކުންނެވެ. އެއީ 2،835 އެނދެވެ.

ކިޔުންތެރިންގެ ހިޔާލު