މި އަހަރުގެ މާރިޗު މަހުގައި މީރާއަށް 2.94 ބިލިއަން ރުފިޔާ ބަލައިގަނެފިއެވެ. މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %34.4 އިތުރު އަދަދެއްކަން ފާހަގަކޮށްލެވެއެވެ. އަދި މިއީ މި އަހަރުގެ އެ މުއްދަތުގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ %26.0 ގިނަ އަދަދެކެވެ.

މިގޮތުން މި އަހަރުގެ މާރިޗުގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ބޭންކް އިންކަމް ޓެކްސް، ޓީޖީއެސްޓީ، ޓޫރިޒަމް ލޭންޑް ރެންޓް، އަދި ނޮން ރެޒިޑެންޓް ވިތުހޯލްޑިން ޓެކްސް ގެގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވެގެން ދިއުން ކަމަަށް މީރާއިން މައުލޫމާތު ދެއެވެ. އަދި ބޭންކް އިންކަމް ޓެކުހުގެ ކުރިއަށް ހުރި ސުންގަޑިތަކުގެ ފައިސާ މާރިޗު މަހުގެ ތެރޭގައި ދައްކައިފައިވާތީ މި މަހު ލިބުނު އާމްދަނީ އިތުރުވިއިރު، މިދިޔަ އަހަރުގެ މާރިޗު އާއި އަޅައިބަލާއިރު ފަތުރުވެރިކަމުގެ ދާއިރާއިން މި އަހަރުގެ މާރިޗްގައި ލިބިފައިވާ އާމްދަނީ އިތުރުވެފައި ވެއެވެ. މީގެ ސަބަބަކީ، މިދިޔަ އަހަރުގެ ފެބުރުވަރީއާ އަލާކިޔާއިރު މި އަހަރުގެ އެ މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އިންސައްތަ %22.2 އިތުރުވެފައިވުމެވެ.

މި އަހަރުގެ މާރިޗްގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީންނެވެ. އެއީ 51.7% ނުވަތަ 1.52 ބިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އިންކަމް ޓެކުހުންނެވެ. އެއީ 20.1% ނުވަތަ 589.65 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން ޓޫރިޒަމް ލޭންޑް ރެންޓް ގެ ގޮތުގައި 370.57 މިލިއަން ރުފިޔާ(12.6%)، ގްރީން ޓެކުހުގެ ގޮތުގައި 113.80 މިލިއަން ރުފިޔާ (3.9%)، އެއަރޕޯޓު ޑިވަލޮޕްމެންޓް ފީ ގެ ގޮތުގައި 106.12 މިލިއަން ރުފިޔާ (3.6%)، އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 240.62 މިލިއަން ރުފިޔާ (%8.2) ލިބިފައިވެއެވެ.

މި އަހަރުގެ މާރިޗްގައިި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 119.67 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު