ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 493 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

ބީއެމްއެލް އިން ހިއްސާ ކުރި މައުލޫމާތަށް ބަލާއިރު، މި ކުއާޓަރގައި ވިޔަފާރީގެ މައިގަނޑު ހުރިހާ ދާއިރާ އަކުންވެސް ކުރިއެރުން ލިބިފައިވާއިރު، ދޫކޮށްފައިވާ ލޯނުތަކުގެ ފެންވަރު ރަނގަޅުވެ، އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް މި ކުއާޓަރގައި 967 މިލިއަން ރުފިޔާގެ އައު ލޯނު ވަނީ ދޫކޮށްފައެވެ. ބޭންކުގެ ރައުސްމާލާއި ލިކިއުޑިޓީ ރޭޝިއޯ ވަނީ ޤާނޫނުން ލާޒިމްކުރާ މިންވަރަށްވުރެ މަތީގައި ހިފެހެއްޓިފައިޥާއިރު، މި ކުއާޓަރ ނިމުނުއިރު ޖުމްލަ އެސެޓް 46.3 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ.

އަދި އެ ބޭންކްއަށް ފުރަތަމަ ކުއާޓަރުގައި ހިންގުމުގެ ފައިދާގެ ގޮތުގައި 708 މިލިއަން ރުފިޔާ ލިބުނުއިރު، މިއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރ އާ އަޅާބަލާއިރު %5.7 އިތުރު އަދަދެކެވެ.

މުޅި ރާއްޖެއަށް ބޭންކިންގ ހިދުމަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތާއި މުޖުތަމައަށް އިންވެސްޓް ކުރުމަށް ބޭންކުން ހިންގާ ޕްރޮގްރާމްތައް މި ކުއާޓަރގައިވެސް ހިންގިއިރު، މި މަސައްކަތުގެ ދަށުން ހުޅުމާލެ ފޭސް 2، ކ. ގުޅި އަދި ވ. ކެޔޮދޫގައި ވަނީ ސެލްފް ސަރވިސް ބޭންކިންގ ހިދުމަތް ފަށާފައިވާކަން ފާހަގަކޮށްލެވެއެވެ.

އަދި މި އަހަރުގެ ޖަނަވަރީ މަހު ބީއެމްއެލް އިން ވަނީ ކިޔަވާ ލޯނާއި ބީއެމްއެލް އިސްލާމިކް އެޑިއުކޭޝަން ފައިނޭންސިންގެ ރޭޓް އަނެއްކާވެސް ދަށްކޮށް %2.5 އަށް ކުޑަކޮށްފައެވެ.

މި ނަތީޖާއާ ގުޅޭ ގޮތުން ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ކާރލް ސްޓުމްކަ ވިދާޅުވީ މިއަހަރުގެ ފެށިފައި މިވަނީ ވަރަށް ހަރުދަނާ ގޮތެއްގައި އިގްތިސާދީ މާހައުލު ދަށަށް ދިޔަ ނަމަވެސް ވިޔަފާރީގައި ހަލުވި ދުވެލި ދަމަހައްޓައި، ސާފު ފައިދާގެ ގޮތުގައި 493 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ.

"އަޅުގަނޑުމެންގެ ސްޓްރެޓެޖީއާ ހާސިލްކުރުމަށް ކުރެވުނު މަސައްކަތުގެ ތެރެއިންޕާރސަނަލް ލޯނާއި ފައިނޭންސިންގ އަށް ވަގުތުން އެޕްރޫވަލް ލިބޭނެގޮތް ލޯންޗްކުރެވި، ބޭންކިންގ ވިއުގަ ފުޅާކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރެވުނު. މި ފަދަ މަސައްކަތްތަކުގެ ނަތީޖާއިން ސްޓްރެޓެޖީ ހާސިލްކުރުމުގައި ރަނގަޅު ކުރިއެރުމެއް ހޯދަމުންދާކަން އަޅުގަނޑު އުފަލާއެކު ފާހަގަ ކުރަން،". އޭނާ ވިދާޅުވިއެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 38 ބްރާންޗާއި ސަރވިސް ސެންޓަރ، 86 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 142 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.