މި އަހަރުގެ ނޮވެމްބަރު މަހަށް ދާއިރު، ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން އިން ވައިޑް ބޮޑީ އެއާކްރާފްޓާއެކު ޗައިނާ އާއި ޔޫރަޕްގެ ގައުމުތަކަށް ސީދާ ދަތުރުތައް ފަށާނެ ކަމަށް މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުހައްމަދު އަމީން މިރޭ ވިދާޅުވެއްޖެއެވެ.

ރާއްޖެ އަންނަ ފަތުރުވެރިން އިތުރު ކުރުމަށް މޯލްޑިވިއަން އިން ސީދާ ދަތުރުތައް ފެށުމަށްޓަކައި 'ވައިޑް-ބޮޑީ އެއަރކްރާފްޓް އޮޕަރޭޝަން' ބޭނުންވާ ފްލައިޓްތައް ގެނެސް އޮޕަރޭޝަން ފެށުމަށް ތައްޔާރުވެފައިވާކަން މީގެ ކުރިން ސަރުކާރުން ވަނީ ހާމަ ކުރައްވާފައެވެ.

މިހާރު ކުރިއަށްގެންދާ އަހާ ފޯރަމްގައި މީހަކު ކުރި ސުވާލަކަށް ވާހަކަދައްކަވަމުން އަމީން ވިދާޅުވީ، އޮކްޓޯބަރު ފަހުކޮޅު ނޮވެމްބަރު މަހުގެ ތެރެއަށް ދާއިރު މޯލްޑިވިއަންއިން ޗައިނާގެ ސިޓީތަކަށާއި ޔޫރަޕްގެ ބައެއް ގައުމުތަކަށް ޝެޑިއުލް ދަތުރުތައް ފެއްޓޭނެ ކަަމަށެވެ.

"އެ ހިސާބަށް ދާއިރު މޯލްޑިވިއަން އޮންނާނީ ވައިޑް ބޮޑީ އޮޕަރޭޝަނާއި އެކީގައި ފެށިފައި، އެއީ އަޅުގަނޑުމެން ކުރަން ބޭނުންވާ ވަރަށް މުހިންމު މަސައްކަތެއް،".

މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުހައްމަދު އަމީން އަހާ ފޯރަމްގައި - ވަގުތު އިމޭޖްސް: އަހްމަދު މަމްދޫހް

އަމީން ވިދާޅުވީި، މޯލްޑިވިއަން އަކީ ފައިދާވަމުން ގޮސް ސަރުކާރަށް ޑިވިޑަންޓް ދައްކަމުން އައި ކުންފުންޏެއް ކަމަށެވެ. އަދި މި ސަރުކާރުން ސަރުކާރާއި ހަވާލުވެ ހުރިހާ ކުންފުންޏެއް އެސެސް ކުރުމުގެ ތެރެއިން ފާހަގަވެގެން ދިޔައީ ވޭތުވެދިޔަ ފަސް އަހަރު ތެރޭގައި މޯލްޑިވިއަން އެތައް ބިލިއަން ރުފިޔާއަކުން ދަރަނިވެރިވެފައި އޮތް ކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މޯލްޑިވިއަންއަކީ ގައުމީ އެއާލައިން ކަމަށްވާއިރު، މޯލްޑިވިއަންއަށް ގެއްލުންތަކެެއް ވިޔަސް، އެ އެއާލައިން ބޭރު ގައުމުތަކަށް އުދުހުމުން ވަރަށް ބޮޑެތި އިކޮނޮމިކް ކޮންޓްރިބިއުޝަނެއް ގެނެސްދޭނެ ކަަމަށެވެ. އަދި ގައުމީ އެއާލައިނެއް އޮތުމަކީ ގައުމީ ސަލާމަތަށްވެސް ވަަރަށް މުހިންމު ކަމެއްގެ ގޮތުގައި ވަޒީރު ސިފަކުރެއްވިއެވެ.

"މިގޮތުން ރައީސް ނިންމެވީ ވައިޑް ބޮޑީ އޮޕަރޭޝަންސް މޯލްޑިވަން ތެރޭގައި ކުރަން ޖެހޭ ކަމެއްގެ ގޮތުގައި، އެކަންތައް ކުރުމުގައި އަޅުގަނޑުމެންނަށް ވަރަށް ބޮޑެތި ކުރިއެރުން ލިބިފައި ވަނީ،". ވަޒީރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    މޯލްޑިވިއަނުން ފުރަތަމަ ޓްރިވެމްޑްރަމް އާއި ބެންގަލޫރަށް ދަތުރު ފަށާބަލަ.. އިންޑިގޯ އިން ކޮންޓްރޯލް ކުރަނީ ރާއްޖޭގެ ސެކްޓަރ މި ދެމަންޒިލަށް ދަތުރު ކުރާ ދިވެހިން.. ވަރަށް ހީވޭ މޯލްޑިވިއަން އިން އިންޑިގީ އާއި ޑީލް ހަދައިގެން ޓްރިވަމްޑްރަމް އަދި ބެންގަލޫރަށް މޮލްޑިވިއަން ނުކުރަނީ ހެން..

    2
    2
    • ކައްޕި

      މިހާރުވެސް ތި ދެ މަންޒިލަށް އުދުހޭ! ކޮމެންޓް ކުރުމުގައި ޒިންމާދާރުވަމާ!

      5
      0