އަންނަ ބޮޑު ޗުއްޓީއާ ދިމާކޮށް އައްޑޫ ސިޓީ، ގަން އިންޓަނޭޝަނަލް އެއާޕޯޓުން ސްރީލަންކާއަށް ދަތުރު ކުރަން ބޭނުންވާ ފަރާތްތަކަށް ހާއްސަ ދެ ފްލައިޓެއް ބާއްވާ ގޮތަށް ސްރީލަންކަން އެއާލައިންސުން ނިންމައިފިއެވެ.

ސްރީ ލަންކާގެ ގައުމީ އެއާލައިން ސްރީ ލަންކަން އިން ކޮލަމްބޯ އާއި އައްޑޫގެ ގަމާ ދެމެދު ޝެޑިއުލް ދަތުރުތައް ކުރަން ފެށީ 1 ޑިސެންބަރު، 2016 ގައެވެ. އަދި ސްރީ ލަންކަން އެއާލައިންސުންގެ ފަރާތުން ގަމާއި ކޮލަމްބޯއާ ދެމެދު ހަފްތާއަކު ތިން ފްލައިޓް ބާއްވައެވެ.

ސްރީލަންކަން އިން ބުނީ، ބޮޑު ޗުއްޓީއާ ދިމާކޮށް ކޮލަމްބޯއިން ގަމަށް ހާއްސަ ދެ ދަތުރެއް ކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެ ދަތުރު ހަމަޖައްސާފައިވަނީ، ގަމުން ކޮލަމްބޯއަށް ގޮސް، ޓްރާންސިޓްގައި މާގިނައިރު މަޑުނުކޮށް، އެހެން ފްލައިޓެއްގައި އެހެން މަންޒިލަކަށް ދަތުރުކޮށްލެވޭނެ ގޮތަށް ކަމަށް އެ އެއާލައިނުން ބުނެއެވެ.

ސްރީލަންކަން އެއާލައިނުން ބުނީ، ހާއްސަ ދަތުރުތަކުގެ ތެރެއިން ފުރަތަމަ ފްލައިޓް ކޮލަމްބޯއިން ގަމަށް އަންނާނީ ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހުގެ މެންދަމު ކަމަށާއި ގަމުން އަނބުރާ ކޮލަމްބޯއަށް ފުރާނީ އެދުވަހުގެ ހެނދުނު ކަމަށެވެ.

އަދި އެ ފްލައިޓުގައި ކޮލަމްބޯއަށް ގޮސް ލަންކާ މަގުން، އިންޑިއާގެ ޓްރިވެންޑްރަމް، ކޮޗިން އަދި ހައިދަރްއާބާދަށާއި ބަންގުލަދޭޝްގެ ޑާކާގެ އިތުރުން މެލޭޝިއާގެ ވެރިރަށް ކުއަލަލަމްޕޫރު، އިންޑޮނޭޝިއާގެ ވެރިރަށް ޖަކާޓާ އަދި ސިންގަޕޫރަށް ދާން ބޭނުންވާ ފަރާތްތަކުން، ފަސޭހަކަމާއެކު ޓްރާންސިޓް ކުރުމަށްފަހު ފުރޭނެ ކަމަށް ސްރީލަންކަން އެއާލައިންސުން ބުނެއެވެ.

ހާއްސަ ދަތުރުތަކުގެ ތެރެއިން ދެވަނަ ފްލައިޓަށް ކޮލަމްބޯއިން ގަމަށް އަންނާނީ ޖެނުއަރީ އަށް ވަނަ ދުވަހު މެންދުރުއެވެ. އެދުވަހު ހަވީރު އަނބުރާ ކޮލަމްބޯއަށް ފުރާ އެ ފްލައިޓުގައި ދަތުރުކުރާ ފަރާތްތަކަށް، ލަންކާގައި ޓްރާންސިޓް ވުމަށްފަހު އިންޑިއާގެ ޓްރިވެންޑްރަމް އަދި ހައިދަރްއާބާދަށާއި ތައިލެންޑުގެ ބެންކޮކް، މެލޭޝިއާގެ ކުއަލަ ލަމްޕޫރު އަދި ސިންގަޕޫރަށް ދަތުރުކުރެވޭނެއެވެ.

ސްރީ ލަންކަން އެއާލައިންސް އިން ފަށާ މި ހާއްސަ ދަތުރުތަކަކީ، އައްޑޫ ސިޓީ އާއި އެ ސިޓީ ކައިރީގައި ހުރި ރަށްތަކުގެ މީހުންނަށްވެސް ލަންކާ މަގުން އެމީހަކު ދާން ބޭނުންވާ މަންޒިލަކަށް ދަތުރުކުރުމަށް ލިބިގެންދާނެ ރަނުގެ ފުރުސަތެކެވެ.

ގަމުން ކޮލަމްބޯއަށް ފަށާ އެ ހާއްސަ ދަތުރުތަކުގެ ޓިކެޓް، ސްރީލަންކަން އެެއާލައިންސްގެ ރާއްޖޭގެ ޖެނެރަލް ސޭލްސް އޭޖެންޓް ކަމަށްވާ އޭސް އޭވިއޭޝަނުން ލިބިވަޑައިގަންނާނެއެވެ.