ގައުމީ އެއާލައިން މޯލްޑިވިއަންގެ ހިދުމަތް އިތުރަށް ފުޅާކުރުމަށް ކުރަމުންދާ މަަސައްކަތުގެ ދަށުން އިތުރު މަތިންދާ ބޯޓެއް މިއަދު ރާއްޖެ ގެނެސްފި އެވެ.

ނިއުޒިލޭންޑުން ފުރައިގެން މިއަދު ރާއްޖެ އައި މިބޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ގައި ޖެއްސިއިރު ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުގެ އިތުރުން އައިލެންޑް އޭވިއޭޝަންގެ އިސް ވެރިން އެއާޕޯޓުގައި ތިއްބެވިއެވެ.

މޯލްޑިވިއަން އިން މައުލޫމާތުދިން ގޮތުގައި މި މަތިންދާބޯޓަކީ ޑޭޝް 8 މަރުކާގެ، 50 މީހުންގެ ޖާގައިގެ ބޯޓެކެވެ.

މޯލްޑިވިއަންގެ ފްލީޓަށް މިއަދު އިތުރުވި ބޯޓާ އެކު އެކުންފުނީގައި މިހާރު 23 ބޯޓް ބޭނުންކުރެ އެވެ. މީގެތެރޭގައި ހިމެނެނީ ޑޭޝް އަށެއްގެ 10 ބޯޓާއި، 11 ސީޕްލޭންގެ އިތުރުން ދެ އެއާބަސް އެވެ.

ރާއްޖޭގެ ހުރިހާ އެއާޕޯޓް ތަކަށް މޯލްޑިވިއަން އިން ދަތުރުކުރަމުންދާއިރު ތައިލެންޑް، ޗައިނާ، އިންޑިއާ އަދި ބަންގްލަދޭޝް އަށް ވެސް އަށް މޯލްޑިވިއަން ގެންދަނީ ދަތުރުކުރަމުންނެވެ.