ދިވެހިރާއްޖޭގައި އޭވިއޭޝަންގެ ދާއިރާ އަދި ފަތުރުވެރިކަމުގެ ދާއިރާ ފުޅާވެގެންދާއިރު، މި ސިނާއަތްތަށް ހުރި ނުރައްކާތައް ދެނެގަނެ، މިކަމާ ގުޅިގެން ކުރަންޖެހޭނެ މަސައްކަތްތައް ކުރަމުންދާކަމަށް ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުން ވިދާޅުވެއްޖެއެވެ.

މިއަދު މެންދުރުފަހު ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވީ، ރާއްޖޭގައި އޭވިއޭޝަންގެ ދާއިރާ އަދި ފަތުރުވެރިކަމުގެ ދާއިރާ ފުޅާވެގެންދާއިރު، ހާއްޞަކޮށް ލޯކަލް ޓޫއަރިޒަމް ވަރަށް ބޮޑަށް ފުޅާވެގެންދާތީ މި ސިނާއަތަށް ހުރި ނުރައްކާތައް ދެނެގަނެ، މިކަމާ ގުޅިގެން ކުރަންޖެހޭނެ މަސައްކަތްތައް ދިރާސާ ކުރެވި އެކަށީގެންވާ މަސައްކަތްތަކެއް އިނގިރޭސިވިލާތުގެ އެހީތެރިކަމާއެކު ކުރަމުން ގެންދާ ކަމަށެވެ.

އަދި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ލޯކަލް ޓޫއަރިޒަމްގެ ވިޔަފާރި ކުރައްވާ ފަރާތްތަކުން ޤާނޫނާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތްތަވައި، އިސްލާމް ދީނާއި ދިވެހިންގެ އާދަކާދައާއި ސަގާފަތަށް އުނިކަން ނާންނާނެ ގޮތްތަކަށް ކަންކަން ކުރެއްވުމަށް މިނިސްޓަރ އެދިލެއްލިއެވެ.

"ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ޤައުމަކަށް ވާތީ، ލޯކަލް ޓޫއަރިޒަމް ފުޅާކުރާ ފަރާތްތަކުންވެސް ސަރުކާރުން ހަދާފައިވާ ޤަވާއިދުތަކާއި އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތިން، ދިވެހިރާއްޖޭގެ އާދަކާދައާއި ސަގާފަތާއި އެއްގޮތްވާގޮތަށް އަދި ދިވެހިން ގަބޫލުނުކުރާ ކަންތައްތައް ދިވެހިންގެ ތެރެއަށް އާންމުވިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ ހަރުދަނާ ފިޔަވަޅުތައް އަޅުއްވައިގެން ލޯކަލް ޓުއަރިޒަމް ފުޅާކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ދަންނަވަން" ޑިފެންސް މިނިސްޓަރ ވިދާޅުވިއެވެ.

ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު
ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު

ފަތުރުރިކަން ފުޅާކުރުމަށް ކުރާ އެންމެހާ މަސައްކަތްތަކުގައި ވެސް ދީނަށް އިސްކަން ދެއްވުމަށާއި، ފަތުރުވެރިން ދިވެހިން ދިރިއުޅޭ ސަރަހައްދުތަކަށް ނުވަތަ އަވަށްތަކަށް ޒިޔާރަތް ކުރާއިރު ހިފަހައްޓަންޖެހޭ މިންގަނޑުތަކަށް ހުރުމަތްތެރިކޮށް ހިތްތެވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޑިފެންސް މިނިސްޓަރ އިތުރަށް ވިދާޅުވީ، ދިވެހިރާއްޖެއަކީ ހައްދުފަހަނައަޅާދާ މީހުން އުފައްދާ ގައުމެއްގެ ގޮތުގައި ދެއްކުމަށް ބޭރުގެ ބައެއް ގައުމުތަކުން މަސައްކަތް ކުރަމުންދިޔަ ކަމަށާއި، އެހެންނަމަވެސް ކައުންޓަރ ޓެރަރިޒަމް ސެންޓަރ އުފެދިގެން ކުރެވުނު މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން ދިވެހިރާއްޖެއަކީ ހައްދުފަހަނައަޅާދިއުމުގެ ފިކުރު އުފައްދާ ޖަމާއަތެއްގެ ގޮތުގައި ބޭރުގެ އެހެން ޤައުމުތަކުން ސިފަކުރަމުންދިޔަ ދިފަކުރުން މިހާރު ކޮންމެވެސް ވަރެއްގެ ހެޔޮ ބަދަލެއް އައިސްފައިވާ ކަމަށެވެ.

ހަމަ އެއާއެކު ދިވެހިރާއްޖެއަކީ މެދުމިނުގެ ސިޔާސަތުތަކަށް ތާއީދުކުރާ، އިސްލާމް ދީން ފެތުރުމަށް މަސައްކަތްކުރާ ގައެމެއްގެ ގޮތުގައި ދުނިޔޭގެ ގިނަ ގައުމުތަކުން ގަބޫލުކުރާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.