އޮމާން އެއާގައި ބޭނުން ކުރާ، ބޮއިން ކުންފުނީގެ އުފެއްދުމެއް ކަމުގައިވާ "ބީ737 މެކްސް" މަރުކާގެ އެއާ ކްރާފްޓެއް އާދީއްތަ ދުވަހު ފުރަތަމަ ފަހަރަށް ރާއްޖެ އަށް ދަތުރު ފަށާނެ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ، މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ (އެމްއޭސީއެލް) އިން ދަނީ އޮމާން އެއާގެ "ބީ737 މެކްސް" އެއާކްރާފްޓް އަށް މަރުހަބާ ކިޔުމަށް އާދިއްތަ ދުވަހު ތައްޔާރު ވަމުންނެވެ.

އޮމާން އެއާއިން ރާއްޖެއަށް ދަތުރުތަށް ފަށާއިރު އެ އެއަރލައިން އިން ބީ737 މެކްސް މަރުކާގެ މަތިންދާ ބޯޓު ހޯދާފައިވަނީ މި އަހަރުގެ ޖެނުއަރީ މަހު އެވެ. އެ އެއަރލައިން އަކީ ދުނިޔޭގެ 27 ގައުމެއްގެ 50 މަންޒިލަށް ދަތުރުކުރަމުން އަންނަ ބިޔަ އެއަރލައިންއެކެވެ.

އޮމާނުގެ ޤައުމީ އެއަރލައިންއިން މަސައްކަތް ކުރަމުން ދަނީ 2030 ވަނަ އަހަރު އަންނަން ވާއިރަށް އެ އެއާލައިނުން ދަތުރު ކުރާ ފަސިންޖަރުންގެ އަދަދު 39 މިލިއަން މީހުންނަށް އިތުރު ކުރުމަށެވެ. އެ އެއަރލައިންއިން ވަނީ ދުނިޔޭގެ "ބިޒްނަސް ކްލާސް" ހިދުމަތްދޭ އެންމެ ރަނގަޅު އެއަރލައިންއަށް ދޭ އެވޯޑް 2017 ވަނަ އަހަރު ހޯދައިފައެވެ.

ބޮއިން ކުންފުނިން 2011 ވަނަ އަހަރު ތައާރަފުކޮށް، 29، ޖެނުއަރީ 2016 ވަނަ އަހަރު ބޭނުން ކުރަން ފަށާފައިވާ "ބީ 737 މެކްސް" މަރުކާގެ އެއާކްރާފްޓް ފަރުމާކޮށްފައިވަނީ ހަރަދު ކުޑަ އަދި ގިނަ މީހުން އުފުލޭނެ އަދި ދިގު ދަތުރުތަށް ކޮށްލެވޭ ބޯޓެއްގެ ގޮތުގަ އެވެ.

ބީ737 މެކްސް މަރުކާގެ ބޯޓުފަހަރުތަކުގެ ތެޔޮ ހަރަދު އެހެން ބޯޓުތަކާއި އަޅާބަލާއިރު 40-50 އިންސައްތަ ކުޑަކަމަށް ތަޖުރިބާކާރުން ބުނެއެވެ.

އެންމެ ބޮޑެތި ބޯޑުފަހަރުތަކަށް ވެސް ފަސޭހަކަމާއި އެކު ޖެއްސޭނެ އައު ރަންވޭ އާއި އެކު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ފަތުރުވެރިކަމުގެ އައު ސީޒަންއަށް ތައްޔާރުވަމުން އަންނައިރު ގިނަ އެއަރލައިންތަކުން އަންނަނީ ރާއްޖެެއަށް ކުރާ ދަތުރުތަށް އިތުރުކުރާނެ ކަމަށް ބުނަމުންނެވެ، އެގޮތުން ފްލައިޓުގެ ކެޕޭސިޓީ އިތުރުކުރާނެކަން އެންމެ ފަހުން އިއުލާނުކޮށްފައިވާ އެއް އެއާލައިންއަކީ ގަތަރު އެއާވޭސް އެވެ.