ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން (އެސްޓީއޯ) އިން ރާއްޖެއަށް އިމްޕޯޓް ކޮށް ޑިސްޓްރިބިއުޓު ކުރާ ގޮދަން ފުށުގެ ބެޗަކުން ފާހަގަކުރެވުނު މައްސަލަތަކާ ގުޅިގެން، އެބެޗުގެ ގޮދަން ފުށް ޑިސްޓްރިބިއުޓް ކުރުން މަޑުޖައްސާލާފައިވާކަމަށް އެކުންފުނިން ބުނެފިއެވެ.

އެސްޓީއޯ އިން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މި ބެޗުގެ ގޮދަން ފުށް ޓެސްޓުކުރުމުގެ ގޮތުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ސާމްޕަލް ނަގާފައިވާކަމަށާއި ނަމަވެސް ޓެސްޓުގެ ނަތީޖާ އަދި ލިބިފައި ނުވާތީ މި ބެޗުގެ އުފެއްދުންތައް ޑިސްޓްރިބިއުޓް ކުރުން މަޑުޖައްސާލާފައިވާކަމަށެވެ.

އެކުންފުނިން ނެރެފައިވާ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ޓެސްޓުތައް ހަދަނީ، އެމްއެފްޑީއޭ އިން ފުރަތަމަ ބެލި ބެލުންތަކުން އާދަޔާ ޚިލާފުކަމެއް ފާހަގަކުރެވިފައި ނުވާތީކަމުގައެވެ.

މީގެއިތުރުންވެސް، ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރާ އެއް ކުންފުނިކަމުގައިވާ އެސްޓީއޯ އިން ބުނެފައިވަނީ އެކުންފުނިން ރާއްޖެއަށް ކާޑުގެ ބާވަތްތައް އެތެރެކޮށް ވިޔަފާރިވެރިންނާ ހަމައަށް ފޯރުކޮށްދެމުންދަނީ ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން ކަނޑައަޅާފައުވާ މިންފަނޑުތަކާ އެއްގޮތަށްކަމަށެވެ. އަދި، ކޮލިޓީ ހިފެހެއްޓުމަށްޓަކައި ކުރަން ޖެހޭ ކަންކަންވެސް ކުރަމުން އަންނަކަމަށް ބުނެފައިވެއެވެ.

އެމްއެފްޑީއޭ އިން އިއްޔެ ބުނެފައިވާ ގޮތުގައި އެސްޓީއޯ އިން އެތެރެކޮށްފައިވާ 17016853 ބެޗު ނަމްބަރުގެ ގޮދަން ފުށުން ނުބައި ވަހަކާއި ރަހައެއް ފާހަގަކުރެވިފައިވާކަމުގައެވެ. އެހެންނަމަވެސް، އެހެން ބެޗަކުން މިކަން ފާހަގަކުރެވުފައި ނުވާކަމަށްވެސް ބުނެފައިވެއެވެ.