ގަތަރު އެއާވޭސް އިން ރާއްޖެއަށް ދުވާލަކު ބާއްވާ ފްލައިޓުތަކުގެ އަދަދު ތިނަކަށް އިތުރުކުރުމަށް ނިންމާފައިވާކަން ހާމަަކޮށްފިއެވެ.

ޖަރުމަނުގެ ބާލިންގައި ނިމިގެން ދިޔަ އައިޓީބީ ބާލިން ފެއާގައި، ގަތަރު އެއާވޭސްގެ ސީއީއޯ އަކްބަރު އަލް ބަކުރު ވިދާޅުވީ، މި އަހަރާއި އަންނަ އަހަރު ތެރޭގައި ގަތަރް އެއާވޭސް އިން އިތުރު މަންޒިލްތަކަށް ދަތުރުތައް ފަށާނެ ކަމަށާއި، އަދި ބައެއް މަންޒިލްތަކަށް ކުރާ ދަތުރުތައް އިތުރު ކުރުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން އިތުރު 16 މަންޒިލަކަށް ދަތުރު ކުރަން ފަށާނެ ކަަމަށާއި، ބައެއް މަންޒިލްތަކަށް މިހާރު ދުވާލަކު އެއްފަހަރު ކުރާ ދަތުރުތައް، ދޭއްކަަށް ބަދަލުކުރާނެ ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި މިހާރު ގަތަރު އެއާވޭސް އިން ރާއްޖެއަށް ކުރާ ދަތުރުތައް ތިނަކަށް އިތުރުކުރާނެ ކަމަށް ވަނީ ހާމަކޮށްފައެވެ.

ގަތަރު އެއާވޭސް އިން މިހާރު ދަނީ ރާއްޖެއާއި ދޯހާއާ ދެމެދު ދުވާލަކު ދެ ދަތުރު ބާއްވަމުންނެވެ.