ރ.އަތޮޅުގައި ތަރައްޤީ ކުރަމުން އަންނަ ފާރުފުށި ރިސޯޓް އަންނަ މާޗް މަހު ހުޅުވާލެ ކަމަށް ފަތުރުވެރިިކަމުގެ ދާއިރާގެ ޚަބަރުތައް ގެނެސްދޭ ބައިނަލްއަޤުވާމީ މީޑިއާތަކުން ރިޕޯޓް ކޮށްފިއެވެ.

އެންމެ މަތީ ފެންވަރުގެ ލަގްޒަރީ ޚިދުމަތް ދިނުމަށް ތަރައްޤީ ކޮށްފައިވާ ފާރުފުށީގައި ހުންނާނީ 80 ވިލާ އެވެ. އޭގެތެރޭގައި ބީޗް ވިލާތަކާއި މޫދު ވިލާތައް ހުންނާނެއެވެ.

ފާރުފުށި ރިސޯޓަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން 50 މިނެޓުން ސީ ޕްލޭންގައި ދެވޭ ހިސާބުގައި އޮންނަ ރިސޯޓެކެވެ.

ފަތުރުވެރިކަމުގެ ދާއިރާގެ ޚަބަރުތައް ގެނެސްދޭ ވެބްސައިޓްތަކުގައި ބުނެފައިވާ ގޮތުގައި ފާރުފުށި އައިލެންޑް ރިސޯޓްގައި އެއްގަމުގައި ކުޅެވޭ ކުޅިވަރުތަކަށް ހާއްސަ ސަރަހައްދެއްގެ އިތުރުން ޑައިވިން ސެންޓަރަކާއި މޫދު ކުޅިވަރުތައް ކުޅެވޭނެ ވަސީލަތްތައް ހުންނާނެއެވެ.

ރިސޯޓްގެ ފަރު ވެސް ވެގެން ދާނީ ކަނޑުގެ ދިރުންތަކުން މުއްސަނދިވެފައިވާ ފަރަކަށް ކަމަށާއި އެފަރު ބަލާލުމުގެ ފުރުސަތު ފަތުރުވެރިންނަށް އޮންނާނެ ކަމަށް ރިސޯޓުން ބުނެއެވެ.

މީގެ އިތުރުން ރާއްޖޭގެ އެހެން ރިސޯޓްތަކުން ވެސް ލިބެން ހުންނަ ޑޯލްފިން ބެލުމާއި މަސް ބޭނުމާއި އެހެނިހެން ޚިދުމަތްތައް ފާރުފުށި ރިސޯޓުން ލިބޭނެއެވެ.

ރިސޯޓްގައި ތިން ރެސްޓޯރެންޓާއި ދެ ބާ ހުންނާނެއެވެ. އޭގެތެރެއިން އެއް ބާ ހުންނާނީ މޫދުގައެވެ. އެހެންކަމުން ބާ އިން ޚިދުމަތް ހޯދާ މީހުންނަށް އިރު އޮއްސޭ މަންޒަރު ވަރަށް ރީއްޗަށް ފެންނާނެއެވެ.

ވަރަށް ރީތި ގަސްތަކުން މުޅި ރަށަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދޭނެ ކަމަށް ވެސް ރިސޯޓުން ބުނެއެވެ.

ފާއިތުވި ފަސް އަހަރު ތެރޭގައި ރާއްޖޭގައި އަލަށް ހުޅުވި ރިސޯޓްތަކުގެ އަދަދު 50 އަށް އިތުރު ވެފައި ވާއިރު ފަތުރުވެރިން އަންނަ އަދަދު އަންނަނީ ކޮންމެ މަހަކު ވެސް އިތުރު ވަމުންނެވެ. ނަމަވެސް ބައެއް ރިސޯޓްތަކުގެ އޮކިއުޕެންސީ ރޭޓް ވަނީ ދަށް ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޢާދަނު

    ޙދ އަތޮޅުގަ ކޮންއިރަކުންބާ ރިސޯޓެއްހުޅުވަނީ

  2. މާނާ

    ރައީސް ޔާމީން ދަރަނި ނަންގަވާފައިވަނީ ދަރަނި އަދާކުރުމަށް ފައިސާ ލިބޭނޭގޮތްތައް ހަދާފައެވެ. ދަރަންޏަށް ނެގި ފައިސާއިން ތަރައްޤީކޮށްފައިވާ ތަންތަނާ މަޝްރޫޢުތައް އެހުރީ ފެންނާށެވެ. މިއަދު މިފެންނަނީ ރައީސް ޔާމީންގެ މަސައްކަތުގެ ފޮނިކަން ބަޔަކު ޙާޞިލްކުރަމުންދާ މަންޒަރެވެ. އަލަށް ކަމެއްކޮށް ، އަލަށް ފައިސާ ހޯދަން ކަމެއްކުރާތަނެއް ނުފެނެއެވެ. ފެންނަނީ ފޮނިކަނޑާތަނާ ހުސްއަނގަތަޅާތަނެވެ.

    15
    2