ސަރުކާރުގެ މަސް ކުންފުނި މިފްކޯގެ ދަށުން ހިންގަމުން އަންނަ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްއިން މަސްވެރިންނަށް އައިސް ލިބޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ.

އައްޑޫގެ މަސްވެރިންގެ ފަރާތުން ލިބެމުންދިޔަ އެންމެ ބޮޑު އެއް ޝަކުވާއަކީ މަސްވެރިންނަށް އައިސް ނުލިބުމެވެ. ނަމަވެސް މި ޝަކުވާތަކަށް މިހާރު ވަނީ ނިމުމެއް އައިސްފައެވެ. އެގޮތުން ހުޅުމީދޫގައި ހުންނަ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްއިން މަސްވެރިންނަށް މިހާރު އައިސް ލިބޭނެގޮތް އިންތިޒާމް ހަމަޖެއްސުމުން އައްޑޫ މިފްކޯގެ ދެ ސަރަހައްދަކުން މަސްވެރިންނަށް އައިސް ލިބިގެންދާނެއެވެ.

އެއީ ހިތަދޫގައި ހުންނަ އައިސް ޕްލާންޓުންނާއި، ހުޅުމީދޫ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި ހުންނަ އައިސް ޕްލާންޓުނެވެ. މިފްކޯގެ މި ނިންމުމާއި އެކު އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްއިން އައްޑޫގެ މަސްވެރިންނަށް އައިސް ލިބޭނެގޮތް ހެދުމުން އައްޑޫގެ މަސްވެރިންނަށާއި، ދެކުނުގެ މަސްވެރިންނަށްވެސް ވަރަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެއެވެ.

އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަކީ ދުވާލެއްގެ މައްޗަށް 100 ޓަނުގެ އައިސް އުފައްދާ ޕްލާންޓެކެވެ. އަދި ހިތަދޫ އައިސް ޕްލާންޓުން 24 ގަޑިއިރު ތެރޭގައި 50 ޓަނުގެ އައިސް އުފައްދައެވެ.

މިފްކޯ އާއި ހަވާލުވުމަށް ފަހު އާ ސީއީއޯ އިސްމާއިލް ފައުޒީ ގެންދަވަނީ މިފްކޯގެ ހިންގުން ހަރުދަނާ ކުރެއްވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އަދި މަސްވެރިނަށް ދިމާވެފައިވާ ދަތިތަށް ހައްލުކުރުމަށް މަސައްކަތް ކުރަމުންނެވެ.

މީގެ އިތުރުން ރައީސް ސޯލިހު ވެސް ވަނީ މިފްކޯ އަކީ އަމިއްލަ ފައިމައްޗަށް ތެދުވެވޭނެ ވަރުގެ ކުންފުންޏަކަށް ހައްދަވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.