މާލޭގެ މަގުތަކަށް ދިމާވެފައިވާ އެއްގަމު އުޅަނދުފަހަރުން ތޮއްޖެހުމުގެ މައްސަލައަށް ހައްލު ހޯދުމަށް ދިވެހި ސަރުކާރުން ހަރުދަނާ އުސޫލެއްގެ ތެރެއިން ގެންނެވި ބަދަލާއެކު މާލޭ ވިޔަފާރި ބަނދަރުން މުދާ އުފުލާ ގަޑިތަކަށް ގެނެވުނު ބަދަލާއެކު، މަޖޫރީން ދަންވަރު މަސައްކަތް ކުރަން ޖެހުމުން އިޚްތިޖާޖް ކުރި ނަމަވެސް ވިޔަފާރިވެރިން ދެވަނަ ވިސްނުމަކަށް ދިއުމާއެކު މައްސަލަ ފިނިވެ، މަޖޫރީން އެނބުރި މަސައްކަތަށް ނިކުންނަން ފަށައިފިއެވެ.

މަޖޫރީން އިހްތިޖާޖު ކުރުމަށްފަހު މަސައްކަތުގެ އަގު ދެގުނަ އަށްވުރެވެސް ބޮޑުކޮށް ރޭގެ ވަގުތެއްގައި މަސައްކަތް ފެށި ނަމަވެސް، ގިނަ ވިޔަފާރިވެރިން އިހްތިޔާރުކުރީ އަމިއްލަ ގްރޫޕްތައް މެދުވެރިކޮށް ބަނދަރުން މުދާ ނެރުމެވެ. އެމްޕީއެލް އިން ވަނީ އެ ފުރުޞަތު ވިޔަފާރިވެރިންނަށް ދީ އެ ފަރާތްތަކުގެ މުދާ ބަނދަރުން ނެރުމުގެ ފަހި ފުރުޞަތުތަކެއް ހޯދައިދީފައެވެ.

"ވިޔަފާރިވެރިން މުދާތައް ނެރެމުންދަނީ، އިއްޔެ އެކަނިވެސް 160 ކޮންޓެއިނަރ ކްލިއަރ ކުރެވުނު. ވަރަށް ގިނަ ވިޔަފާރިވެރިން އަމިއްލަ ގޮތުން މުދާ ނެރުމުގެ މަސައްކްތަ އެބަ ކުރޭ" އެމްޕީއެލްގެ އެސިސްޓެންޓް ސީއީއޯ އަދި ކާގޯ ޑިވިޜަންގެ ވެރިޔާ ރާބިހް މުޙައްމަދު "ވަގުތަށް" ވިދާޅުވިއެވެ.

އެމްޕީއެލްގެ އެސިސްޓެންޓް ސީއީއޯ ރާބިހް ވިދާޅުވީ، މި ބަދަލަށް އެއްބާރުލުން ދީގެން މަސައްކަތްކުރާ މަޖޫރީން ވެސް އުޅޭކަމަށާއި، ބަދަލަށް ދެކޮޅު ހަދާ މީހުންވެސް އުޅޭކަމަށެވެ. އޭނާ ވިދާޅުވީ މަޖޫރީންނަކީ ދުވަހު މުސާރައަށް މަސައްކަތް ކުރާ ބަޔަކަށްވާއިރު، މަސައްކަތް ނުކޮށް ތިބޭކަށް މަޖޫރީންނަށްވެސް އެފޯޑް ކުރެވޭނެކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ.

"ތަރުހީބު ދޭ ބަޔަކުވެސް އެބަތިބި، ގަސްދުގައި ބަޔަކު މަސައްކަތް ނުކުރަން ތިބި ތިބުމެއް އެއީ. އެވެސް މާ ގިނަ ދުވަހަށް ދެމިގެން ނުދާނެ. އެ ފަރާތްތަކުގެ އާމްދަނީއަކީ ކުރާ މަސައްކަތް ބިނާވެފައިވާ ކަންކަމަށްވާއިރު، ކޮންމެވެސް އެހެން ބަޔަކު އައިސް މަސައްކަތް ކުރަން ފެށީމާ ދަތިވާނީ މަސައްކަތް ހުއްޓާލައިގެން ތިބޭ މަޖޫރީންނަށް." މަޖޫރީންގެ އަމަލުތަކާމެދު ކަންބޮޑުވުން ފާޅުކުރައްވަމުން ރާބިހް ވިދާޅުވިއެވެ.

މާލޭ ވިޔަފާރި ބަނދަރުގައި އިރުއޮއްސި ހަޔަކުން ހެނދުނު ހަޔަކަށް މާލެ ތެރެއަށް ގެންދާ މުދާ ނެރުމުގެ މަސައްކަތް ކުރާއިރު، ހެނދުނު އަށަކުން މެންދަމު ބާރައަށް ދޯނިފަހަރަށް ބަރުކުރާ މުދަލުގެ މަސައްކަތް ކުރިއަށްދެއެވެ. ނަމަވެސް މަޖޫރީން މަސައްކަތުގެ އަގު ދެގުނައަށްވުރެވެސް ބޮޑު ކޮށްފައިވަނީ 24 ގަޑިއިރު މަސައްކަތް ކުރަންޖެހޭކަމަށްބުނެއެވެ.

އެމްޕީއެލްގެ ކާގޯ ޑިވިޜަންގެ ވެރިޔާ ރާބިއު ވިދާޅުވީ، 24 ގަޑިއިރު މަސައްކަތް ކުރުމޭ ބުނުމުން ގަބޫލުކުރަން ދަތިކަމަށާއި، އެއްވެސް ބަޔަކު 24 ގަޑިއިރު މަސައްކަތެއް ނުކުރާނެކަމަށެވެ. އަދި މަސައްކަތް ރާވާ ހިންގާ ބަޔަކު ހިންގާނީ ޝިފްޓަކަށް ބަހައިގެން ކަމަށް ޤަބޫލުކުރެވޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ބަދަލާއެކު މަޖޫރީންގެ އަމަލުތައް ހުރިގޮތުން ވިޔަފާރިވެރިންނަށް ކޮންމެވެސް ވަރެއްގެ ދަތިތަކެއް ކުރިމަތިކުރި ނަމަވެސް ޕޯޓުގައި އެއްވެސް މައްސަލައެއް ނެތް ކަމަށާއި، ނުވެފައިހުރީ މަސައްކަތް ނުކުރި ބައެއްގެ މަސައްކަތް އެކަނިކަމަށްވެސް ރާބިއު ވިދާޅުވިއެވެ.

"ހަޔަކުން ހަޔަކަށް މުދާ ބޭރަށް ނެރޭ ވަގުތުތަކުގައި ބޭނުންކުރާ އިކުއިޕްމަންޓްތައް، އެ ނޫން ވަގުތުތަކުގައި އެހެން މަސައްކަތްތަކަށް ބޭނުންކުރެވުނީމަ އެއީ ލިބޭ މަންފާއެއް" މި ބަދަލުގެ ސަބަބުން މާލޭ ވިޔަފާރި ބަނދަރަށް ލިބުނު ލުއިފަސޭހަ ފާހަގަ ކުރައްވާ ރާބިއު ވިދާޅުވިއެވެ.

މާލޭގެ މަގުތަކުގައި ލޮރީތަކަށް ބަރުކޮށްގެން މުދާ އުފުލާ ގަޑިތަކަށް ގެނައި ބަދަލާއެކު، މާލޭގެ ޓްރެފިކްގެ މައްސަލަތަކަށް ލުޔެއް ލިބިފައިވާއިރު، މަޖޫރީން މަސައްކަތް ހުއްޓާލައި ކުރިމަތިކުރި ދަތިތައްވެސް މިދަނީ ނިމެމުންނެވެ. މި ބަދަލަކާއެކުވެސް މައްސަލަތަކެއް ފެންމަތިވި ނަމަވެސް، ސަރުކާރުން މި ބަދަލު ދަމަހައްޓާފައިވާއިރު ސަރުކާރުން ގެންދަނީ ކަމާ ގުޅުންހުރި މުއައްސަސާތަކާ މަޝްވަރާވެސް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ޙަފްޞާ / މާލެ

    ތިޔަވަނީ ވާތުފިޔާގެ ޖާހިލުންނަށް! ބަލާނޭކަމެއްނެތެވެ. ސަރުކާރު ސަރުކަރުގެ ގޮތުގައި ކުރިޔަށް ދިޔާމަ ވާތުފިޔާގެ މީހުންވެސް ޖެހޭނީ ގޮތްދޫކުރާށެވެ!

  2. ނަފާ

    އާނ މިއޭ މަބުނާ ވާހަކައަކީ އެމެން ސައިޒުކޮށްލާށޭ. ނަނޑަށް ޖެހޭވަރުވީމަ ނިކުންނާނޭ މަސައއކަތަށް

  3. ޢިބްރާހިމް

    ޢަސްލު ރަގަލު ގޮތަކީ އެމް ޕީ އެލް އިން މުދާ ޑޯޓުޑޯ ކޮއްދިނުން އޭރުން ލޮރީ ފަހަރު މީހުން ނަށްވެސް އެގޮތައް ފުއްޕަން އުދަގޫ ވާނެ
    ސަރުކާރު ގާބިލް ކަން އެބަހުރި މިކަންވާނެ ގޮތަކަށް ކުރުމުގާ މިގޮތައް ހަޅުތާލު ކުރާކަށް ފުރު ސަތެއް ނެތް...

  4. ޙަމޭ

    ސާބަހެ ރައީސް ޔާމީން އަދި ސަރުކާރުގެ ވެރިންނާ ކުންފުނުތަކުގެ ވެރިން ތިޔަކުރައްވާ މަސައްކަތައް. ދިމާވާ ދަތިތައް ގިރާކުރައްވާ ކުރިއައް ވަޑައިގަންނަވާ.

  5. މުލަކު އަލިބެ

    މިރާއްޖޭގައި އޮންނާނެ ހައްލު ނުކުރެވޭ 3 ކަމެއް!

    1. ޓެކްސީގެ ކަންތަށް
    2. އެއަރޕޯޓް ފެރީގެ ކަންކަން
    3. މަޖޫރީންގެ ކަންކަން

    ކޮންމެ ސަރުކާރެއްގަވެސް މި ބަލާވެރިކަން ޖެހޭނެ، ކޮންމެ ކަމެއްވެސް ހަޅުތާލު ކޮއްގެން ހައްލު ކުރަން އުޅޭނީ..
    އަޅުގަނޑު އުއްމީދު ކުރަން މިފަހަރު މި މަޖޫރީންގެ ކަންކަން ހަމަ ޔަކަށް އަޅުވައި މި ކަން ހުއްޖަތަކަށް ހަދައި ތަކެތީގެ އަގު ބޮޑުބުރާ ފަރާތްތަކުގެ ވިޔަފާރި ހުއްދަ ބާތިލް ކޮށް އިމްޕޯޓް ލައިސަންސްވެސް ބާތިލް ކޮއްލާނެ ކަމަށް.

    ވަރަށް ސަލާމް.

  6. ޒާ

    މަޖޫރީން ބޮޑާހާކަން ބައިތިއްޔާ. ކޮންމެ ކަމަކަށް ޖެއްސުން ކުރަން ހަޅުތާލުކުރަން ބައިތިއްބާ. ލާރި ނުލިބުނީމާ ކުލިދައްކަން ތެޅިގަންނާނެ.

  7. އާބިދު

    ސަރުކާރުން ރައްޔިތުންނަށް ކުރާ ޖެއްސުން ވަރަށް ފުރިހަމައަށް ހާވަމާ ކަމެއްތީ!
    ގޮތެއް ނެތިފަ ހުރި އާޢިލާއެއްގެ މަންމަ ބަލިވެ ފައިސާލިބޭނެ އެއްވެސް ގޮތެއް ނެތް ހާލަތެއްގައި އެގޭގައި ހުރި ހަމައެކަނި އަންހެން ދަރިފުޅު ކައިރީ ރޭ ކޮށްލަން މުއްސަނޖަކު އެދުނު ވަގުތު މަންމަގެ ފުރާނަ ސަލާމަތް ކުރުމަށް އެ އަންހެން ކުއްޖާ އެ މުއްސަނދިމީހާ ކައިރީ ރޭ ކުރަން މަޖުބޫރުވެ ރޭ ކުރުމަކީ އެމީހާގެ މޮޅުކަމެއްނޫން
    އެއީ އިންސާނީ ކަރާމާތް ނަގާލުން، މިއަދުގެ ސަރުކާރުގެ އަމަލުތައް މި ހުންނަނީ މިހެން ، މި ކޮމެންޓް ހިޔެއް ނުވޭ ޕޯސްޓް ކުރާނެ ހެނެއް ވަގުތު މީހުންވެސް އެހާ ހަޖަމެއް ނުވާނެ

    • Anonymous

      ރައްޔިތުންނަށް ޖެއްސުންކުރަނީ މަޖޫރީން މެދުވެރިކޮށް އިދިކޮޅުމީހުން.

  8. މުހައްމަދު ޢައްޑޫ ސިޓީ

    ތީ މަޖޫރީން ބޭރުކޮށްފަ ކުންފުނި ތަކުން އަމިއްލަ އަށް ކުރީމަ އޯކޭ ވާނެ ދެން މަޖޫރީން ބޮޑާ ހާކަހާކާ ތިބޭ މިހާރު އޮންނާނީ ރާކަނިމަސް ކެވިފަ މަޖޫރީ ގުރޫޕް ސަރަހައްދައް ނުވައްދާ ތީ މަކަރުވެރި ބައެއް އަލައް މީހަކު ގޮސްފިއްޔާ އެމީހަކު ފެލާ ލާނެ އެއަރޕޯރޓް ގަ ވެސް އުޅޭ ތިކަހަލަ މަކަރުވެރި ގުރޫޕެއް

  9. ތިޖޫ

    އިރާދަފުޅުން އަޅުގަނޑުމެން މިދަނީ ކަމާބެހޭ ފަރާތްތަކާ ވާހަކަ ދައްކަމުން.މަޖޫރީންގެ މި ދަތިތަކުން އަރައިގަންނަން އިތުރު މަޖޫރީންތަކެއް އެއް މުއައްސަސާއެއްގޮތަށް އެކުލަވާލަމުން.އަދި އޭގެފަހުން މިހާރު މަސަތްކަތް ކުރަމުންދާ ހުރިހާ މަޖޫރިން އެމްޕީއެލްގެ ތެރެއިން ބޭރުވެގެންދާނެ.

    މިނިސްޓްރީ އޮފް ތިޖޫރީ
    މާލެ، ދިވެހިރާއްޖެ

  10. އޭނަ

    މަޖޫރީންނަކީ ކޮބާ ؟ ނޭނގުނޭ ދެން ލަލާ :ޕ

  11. ާވަގުތުފެއިލް

    160 ކޮންޓެއިނަރ މުދާ ބޭރުކުރީ މަޖޫރީން..