ރާއްޖޭގެ އެންމެ ފުރަތަމަ އިސްލާމިކް ބޭންކު ކަމުގައިވާ މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ) ގެ ހިއްސާތައް ރަށު ކައުންސިލް ތަކުންނާއި އަތޮޅު ކައުންސިލް ތަކުން ގަންނަމުން އެބަދެއެވެ.

މޯލްޑިވްސް އިސްލާމިކް ބޭންކު ޕަބްލިކް ލިމިޓެޑް ކުންފުންޏަކަށް ބަދަލު ކުރުމަށް ފަހު އެކުންފުނީގެ ހިއްސާތައް ވިއްކަން ފަށާފައި ވަނީ މި އަހަރުގެ ޖުލައި މަހުގެ 28 ވަނަ ދުވަހުއެވެ. މިއާއި އެކު އެކި ފަރާތްތަކުން އެ ކުންފުނީގެ ހިއްސާތައް ގަންނަމުން ދާއިރު، މި ފުރުސަތު މި މަހުގެ 18 ގެ ނިޔަލަށް ވަނީ ހުޅުވާލެވިފައެވެ.

އެ ކުންފުނީގެ ހިއްސާ އެއް 35 ރުފިޔާގެ މަގުން ވިއްކަމުން ގެންދާ މި ދަނޑިވަޅުގައި ށ. އަތޮޅު ކައުންސިލުން ވަނީ 3 މިލިއަން ރުފިޔާގެ ހިއްސާ ގަންނަން އެދި ހުށަހަޅާފައެވެ. ބ. އަތޮޅު ކައުންސިލުން 1.75 މިލިއަން ރުފިޔާގެ ހިއްސާއަށް އެދިފައި ވާއިރު، ފުވައްމުލަކު ސިޓީ ކައުންސިލުން އެދިފައި ވަނީ އެއް މިލިއަން ރުފިޔާގެ ހިއްސާއަށެވެ. މީގެ އިތުރުން، އައްޑޫ ސިޓީ ކައުންސިލާއި، ޅ. ނައިފަރު ކައުންސިލްގެ އިތުރުން ބ. އޭދަފުށީ ކައުންސިލުން 700،000 ރުފިޔާގެ ހިއްސާ ގަންނަން އެދި ހުށަހަޅާފައި ވާކަމަށްވެސް މޯލްޑިވްސް އިސްލާމިކް ބޭންކުން ވަނީ މައުލޫމާތު ދީފައެވެ.

އެ ކުންފުނީގެ ހިއްސާ ގަންނަން ބޭނުންވާ ފަރާތްތަކުން އެންމެ މަދުވެގެން ގަނެވޭނީ 20 ހިއްސާ އެވެ. އަދި އެއަށް ވުރެ ގިނައިން ގަންނަނަމަ، 10 ހިއްސާ އިން އިތުރު ކުރުމުގެ ފުރުސަތުވެސް އޮންނާނެއެވެ. ބެލެވޭ ގޮތުގައި ސެޕްޓެމްބަރު 18 ގެ ކުރިން ރާއްޖޭގެ އިތުރު ރަށު ކައުންސިލް ތަކާއި އަތޮޅު ކައުންސިލް ތަކުންވެސް އެ ކުންފުނީގެ ހިއްސާ ގަތުމަށް އެދި ހުށަހަޅާނެއެވެ.