އޮންލައިން ވިޔަފާރީގައި ދުނިޔޭގެ އެންމެ ކުރީގައި އުޅޭ އެމެރިކާގެ މަޝްހޫރު "އެމޭޒަން" ކުންފުނިން އެމީހުންގެ އެންމެ ބޮޑު އޮފީސް، ފަނަރަ ހާސް މުވައްޒަފުންނާ އެކު އިންޑިއާގެ ހައިދަރުއާބާދުގައި ހުޅުވައިފިއެވެ.

282 ފޫޓު އުސް މި އިމާރާތުގައި ސިކުންތަކު ފްލޯއެއް ކަޑައްތު ކުރާނެ 49 ލިފްޓާއި، 290 ކޮންފަރެސް ހޯލް އާއި، 4.9 ލައްކަ ލީޓަރުގެ ފެން އެއްފަހަރާ ރައްކާ ކުރެވޭނެ ފެން ޕްލާންޓަކާއި މުޅި ދުވަހު ހުޅުވިފައި ހުންނަ ކެފިޓޭރިއާ އެއް ހިމެނެއެވެ. މުވައްޒަފުން ކަސްރަތު ކޮށްލުމަށްޓަކައި ޒުމްބާ ކުލާސްތައްވެސް ކުރިއަށްދާނެއެވެ. އަދި މި އިމާރާތުގެ މަތީގައި ހެލިކޮޕްޓަރު ޖެއްސޭ ގޮތަށް ހެލިޕެޑެއް ވެސް ހުރެއެވެ.

1.3 ބިލިޔަން މީހުންގެ އާބާދީ އެއް އޮންނަ އަވައްޓެރި އިންޑިއާގެ މާކެޓަކީ އެމޭޒަން އަށް މުހިއްމު މާކެޓެކެވެ. އެ ގައުމަކީ އޭޝިއާ ބައްރުގެ 3 ވަނަ އަށް އެންމެ ބޮޑު އިގްތިސާދެވެ. އެގައުމުގައި ކޮންމެ 3 މީހަކުން ކުރެ އެކަކު އިންޓަނެޓު ބޭނުންކުރެއެވެ. އިންޑިއާ ގައި ހުޅުވި އޮފީހަކީ އެ ކުންފުނިން ދެކުނު އޭޝިޔާގެ ގައުމުތަކުގައި ހުޅުވި ފުރަތަމަ އޮފީސް ކަން ވެސް ފާހަގަ ކޮށްލެވެއެވެ. މައުލޫމާތު ލިބޭ ގޮތުން މިހާރުވެސް އެމޭޒަން އިން ވަނީ 5 ބިލިއަން ޑޮލަރު އިންޑިއާގެ އިގްތިސާދު ތެރޭގައި އިންވެސްޓު ކޮށްފައެވެ.

"އަހަރެމެންނަށް އިންޑިއާ މާކެޓު ވަރަށް މުހިއްމު، ސަރަހައްދުގެ ގޮތުން ބެލިއަސް" އެމޭޒަން ގެ އިންޑިއާ އަދި މެދުއިރުމަތީގެ ޑިރެކްޓަރު ޑީޕްޓީ ވަރުމާ ބުންޏެވެ. ކުރިއަރަމުން އަންނަ އިންޑިއާގެ އިގްތިސާދު ތެރެއަށް އެމޭޒަން މިހާ ވަރުގަދަ އަށް އިންވެސްޓު ކޮށްފައިވާ އިރު މިދިޔަ އަހަރު އެމެރިކާގެ ކާމިޔާބު އެހެެން ކުންފުންޏެއް ކަމަށްވާ 'ވޯލްމާޓް' ކުންފުނިން ވަނީ އިންޑިއާގައި ވަރަށް މަޝްހޫރު ވިޔަފާރި ކުންފުންޏެއް ކަމަށްވާ 'ފްލިޕްކާޓް' ގެ 77 އިންސައްތަ ހިއްސާ 16 ބިލިޔަން އެމެރިކާ ޑޮލަރަށްް ގަނެފައެވެ.

އެމެރިކާގެ 2 ކުންފުނިން އިންޑިއާ ގައި ވިޔަފާރި އިތުރަށް ފުޅާ ކުރިއިރު މިކަމުގައި އެކުލެވޭނެ 'ރިސްކު' ވެސް ބޮޑު ކަމަށް ކަމާ ބެހޭ މާހިރުން ދެކެ އެވެ. އެމޭޒަން އިންޑިއާގައި އަދި އޮޕަރޭޓު ކުރަމުން އަންނަނީ ގެއްލުމުގައެވެ. އިންޑިއާގެ އެންމެ މުއްސަނދި މީހާ، މުކޭޝް އަމްބާނީ ގެ ރިލައިންސް ކުންފުނި އެންމެ ތަންކޮޅެއް ވެސް ފަހަތަކަށް ނުޖެހޭނެ ކަމަށް އެ ފަރާތްތަކުން ޤަބޫލު ކުރެއެވެ.

އިންޑިއާ އިން ފެބުރުއަރީ މަހު ފާސް ކުރި އޮންލައިން ވިޔަފާރިތަކާ ބެހޭ ޤަވާއިދުގެ ދަށުން އެއްވެސް ކުންފުންޏަކަށް އެމީހުންގެ ހިއްސާ އޮންނަ އެހެން ކުންފުނި ތަކުގެ މުދަލެއް ވިޔަފާރި އެއް ނުކުރެވޭނެއެވެ. އަދި ހޯލްސޭލް ކޮށް މުދާ ވިއްކަން ބޭނުންވާ ފަރާތަކާ ދެމެދުވެސް އެއްވެސް ކަހަލަ އެއްބަސްވުމެއް ހެދުމަކީ މަނާ ކަމެކެވެ.