ފިނި މޫސުމާއި ދިމާކޮށް ފްރާންސްގެ ގައުމީ އެއާލައިންކަމަށްވާ އެއާ ފްރާންސްއިން ރާއްޖެއަށް ކުރާ ދަތުރުތަކަށް ބަދަލުގެންނަން ނިންމައިފިއެވެ.

އެއާ ފްރާންސްއާ ހަވާލާދީ ބޭރުގެ ނޫސްތައް ބުނާގޮތުގައި، ފިނި މޫސުމާއި ދިމާކޮށް އެއާ ފްރާންސް އިން ރާއްޖެއަށް ކުރާ ދަތުރުތަކަށް ބަދަލުތަކެއް ގެންނަން ނިންމާފައިވާކަމަށާއި، އެކަން މިިދިޔަ ހަފްތާ ތެރޭގައި ހުށަހަޅާފައިވާކަމަށެވެ.

އެގޮތުން އަންނަ ނޮވެމްބަރު މަހުގެ އެއް ވަނަ ދުވަހުން ފެށިގެން އެއާ ފްރާންސް އިން ޕެރިހުގެ ޗާލްސް ޑިގޯލް އެއާޕޯޓުން މާލެ އާ ދެމެދު ކޮންމެ ހަފްތާއަކު ދެ ދަތުރު ކުރާނެ ކަމަށާއި އެ ދަތުރުތަކަށް ބޭނުން ކުރާނީ ބޮއިން 9-787 މަރުކާރުގެ ޑްރީމްލައިނާއެއް ކަމަށެވެ.

މި ބޯޓު ބޭނުން ކުރަނީ އެއާ ފްރާންސް އިން މިދިޔަ އަހަރު ފަހުކޮޅު ރާއްޖެއަށް ފެށި ދަތުރުތަކަށް ބޭނުން ކުރަމުން އައި ބޯޓުގެ ބަދަލުގައެވެ. އެއިރު ބޭނުން ކުރަމުން ދިޔައީ 312 ސީޓް ހުންނަ ބޮއިން 200-777 މަރުކާގެ ބޯޓެކެވެ،

މީގެ އިތުރުން އެއާ ފްރާންސްއިން ގެނައި އަނެއް ބަދަލަކީ އަންނަ ޑިސެންބަރު މަހުގެ 10 ވަނަ ދުވަހުން ފެށިގެން އެއާ ފްރަންސް އިން ހަފްތާއަކު ތިން ދަތުރު ކުރެވޭނެ ގޮތް ހެދުމެވެ.

އެއާ ފްރާންސްގެ ދަތުރުތައް ރާއްޖެއަށް ފެށީ މިދިޔަ އަހަރުގެ ނޮވެމްބަރު ދެވަނަ ދުވަހުން ފެށިގެންނެވެ.