އެއާ އިޓަލީގެ ދަތުރުތައް ރާއްޖެއަށް އަނެއްކާވެސް ފަށައިފިއެވެ.

މިއަދު އިޓަލީގެ މިލާންގެ މަލްފެންސާ އެއާޕޯޓުން ފުރައިގެން ރާއްޖެ އައި އެއާ އިޓަލީގެ ފުރަތަމަ ފްލައިޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި މިއަދު ހެނދުނުވަނީ ޖައްސާފައެވެ.

އެއާ އިޓަލީން ރާއްޖެއަށް އަލުން ދަތުރު ފެށުމާއި ގުޅިގެން އެމްއޭސީއެލް އިން މިއަދު ވެލާނާ އެއާޕޯޓުގައި ރަސްމިއްޔާތެއް ބޭއްވިއެވެ.

މި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ އެކްޓިން މެނޭޖިން ޑިރެކްޓަރު މޫސާ ސޯލިހާއި އިޓަލީން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ކޮންސުލޭޓް އޭޖެންޓް ޖިއޯޖީނާ މަރާޒީގެ އިތުރުން އިމިގްރޭޝަނާއި ކަސްޓަމްސްގެ ބައެއް އިސްބޭފުޅުން ބައިވެރިވެވަޑައިގެންފައިވެއެވެ.

މި އެއާލައިނުން މީގެ ކުރިންވެސް ވަނީ ރާއްޖެއަށް ދަތުރުތައް ކޮށްފައެވެ. ދެއަހަރަށްފަހު މިއަދު ވީއޭއައިގައި ޖައްސާފައިވަނީ އެއާ އިޓަލީގެ އެއާބަސް އޭ330 މަރުކާގެ ބޯޓެކެވެ. މި ބޯޓު ޖެއްސުމާއެކު މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ވަނީ ފެނުގެ ސެލިއުޓާއެކު ހޫނު މަރުހަބާއެއް ކިޔާފައެވެ.

އެއާ އިޓަލީގެ ބޯޓް ވީއައިއޭއަށް ޖެއްސުމުން ވޯޓާ ސެލިއުޓެއް ދެނީ-- ފޮޓޯ އެމްއޭސީއެލް

މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މޫސާ ސޯލިހް ވިދާޅުވީ، އިޓަލީ އަކީ ރާއްޖޭގެ ޓޫރިޒަމަށް ބޮޑު އެއްބާރުލުންދޭ އެއް ގައުމު ކަމަށާއި މި އެއާލައިނަކީ އިޓަލީ އިން ރާއްޖެއަށް ދަތުރު ކުރާ 3 ވަނަ އެއާ ލައިނަށް ވުމުން ފަތުރުވެރިންގެ އަދަދު އިތުރުވެގެންދާނެ ކަމަށް ބެލެވޭ ކަމަށެވެ.

ދެއަހަރަށްފަހު އަލުން އެއާ އިޓަލީގެ ދަތުރުތައް ފަށާފައިވާއިރު މި ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ މަލްޕެންސާ އެއާޕޯޓުން ވީއައިއޭއަށް ހަފްތާގެ ހޮނިހިރު، އަންގާރަ އަދި ބުރާސްފަތި މި ތިން ދުވަހުގައެވެ.

އިޓަލީ އިން ރާއްޖެއަށް ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތް ކުރަމުން އަންނައިރު މިއަހަރުގެ މިހާތަނަށް އެގައުމުން ވަނީ 97،000 ހަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައެވެ.