މީގެ ކުރިން ވިޔަފާރިއެއް ކޮށް، ނަމަވެސް މިހާރު ވިޔަފާރި ހުއްޓާލައިފައިވާ ފަރާތްތަކުން އަދި ވިޔަފާރިއެއް ކުރިނަމަވެސް ޓެކްސް ދައްކަން ނުޖެހޭ ފަރާތްތަކުން މީރާގެ ޓެކްސް ދަފްތަރުން އުނިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މީރާއިން ހާމަކޮށްފައިވާ ގޮތުގައި މިކަން ކުރަން ނިންމާފައި ވަނީ މީރާގެ ދަފްތަރުގައި ވިޔަފާރި ނުކުރާ ފާރާތްތަކުން އަދި، ކުރާ ވިޔަފާރީގައި ޓެކްސް ދައްކަން ޖެހޭ މިންވަރަށްވުރެ މަދުން ލިބޭ ފަރާތްތައް ގިނަ އަދަކަަށް ހިމެނިފައި ވުމުގެ ސަބަބުންނެވެ. އަދި އެފަރާތްތަކުން ދަފްތަރުގައި ރަޖިސްޓްރީ ވެފައި އޮތުމުގެ ސަބަބުން، ޓެކްސް ނުދެއްކި ކަމުގައި ވީނަމަވެސް ޓެކުހާއި ގުޅޭ ބަޔާންތައް އެ އޮތޯރިޓީ އަށް ހުށަހަޅަން ޖެހެއެވެ.

ޓެކުހާ ބެހޭ ގާނޫނުގައި ވަނީ ދަފުތަރުގައި ރަޖިސްޓްރީ ވެފައި ވާނަމަ ޓެކުހާއި ގުޅޭ ބަޔާންތައް ހުށަހެޅުމަށް ލާޒިމުކޮށްފައެވެ. އަދި އެގާނޫނުގައި ވާގޮތުން ޓެކްސް ބަޔާން ހުށަނާޅައިފި ނަމަ، ޓެކުހުގެ ގޮތުގައި ފައިސާ ދައްކަން ޖެހޭ ފަރާތްތަކާއި އެއްވަރަށް ދަފްތަރުގައި ރަޖިސްޓްރީ ވެފައިވާ އެހެނިހެން ފަރާތްތަކުންވެސް ޖޫރިމަނާވާނެ އެވެ.

2017 ވަނަ އަހަރުން ފެށިގެން ކުދި ވިޔަފާރިތަކަށް އޮންނަނީ ލުއި ގޮތެއްވެސް ދީފައެވެ. މިހާރު ޓެކްސް ދައްކަން ޖެހޭ މުއްދަތަށް ޓެކްސް ނުދައްކައިފި ނަމަ އެފަރާތްތަކުން ޓެކްސް ދެއްކުމަށް 30 ދުވަހުގެ މުއްދަތެއް ދެއެވެ. އަދި އެ މުއްދަތުގައ ނުދައްކައިފި ނަމަ އިތުރު ތިން ދުވަސް ދެއެވެ. އެ ތިންދުވަހުގައ ނުދައްކައިފި ނަމަ ފިޔަވަޅު އަޅާނެ ކަމަށް ބުނެ އިންޒާރުގެ ނޯޓިހެއް ފޮނުވައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ޓެޖްސް ނަގަން ވާނީ، ޚަރަދު ކަޑާފައި، 1 (އެކެއް) ލައްކަ ރުފިޔާ އަށް ވުރެ ބޮޑުފައިދާ ލިބޭ ފަރާތުން.

  2. އަހުމަދު

    މި ފުރުސަތަކީ އަބަދުވެސް އޮންނަ ފުރުސަތެއް. ވަކި ހާއްސަ ފުރުސަތެއް ހުޅުވާލައިފައެއް ނެތް މިވަގުތު. ވިޔަފާރިނުކުރާނަމަ ކަމާގުޅޭ ދަފްތަރުތަކުން އުނިވުމަށް ކުރަންޖެހޭ ކަންކަން ކުރުމަކީ އޮފީހަކުން ނުވަތަ މީހަކު ފުރުސަތެއް ނުދިނަސް އަދި ނުބުނިކަމުގައިވީނަމަވެސް ތިމާގެ ޒިންމާއެއް. ނޫސްވެރިން މިކަންކަން ހަނދާންކޮށްދިނުމަކީ ރަނގަޅުކަމެއް. އެހެން ނަމަވެސް މި ހަބަރުގެ ސަބަބުން ހީވަނީ ވަކި ހާއްސަ ފުރުސަތެއް ހުޅުވާލައިގެން އުޅޭހެން. މިކަން ސާފުކޮށްދެއްވުން ރަނގަޅު.