ޙާއްޞަ ޕްރޮމޯޝަނަކާއި އެކު އެންޒީގެ އައު ފިހާރައެއް މާލޭގައި ހުޅުވައިފިއެވެ.

ބުރުޒު މަގާއި، ނިކަގަސް ހިނގުން ގުޅޭ ކަންމަތީގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި މި ފިހާރަ ހުޅުއްވައިދެއްވީ، ރައީސް އޮފީހުގެ މިނިސްޓަރ ޢަލީ ޝިޔާމެވެ.

މި ރަސްމިއްޔާތުގައި، އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ، މުޙައްމަދު ވަސީމް އިޞްމާޢިލްގެ އިތުރުން، އެ ކުންފުނީގެ މުވައްޒަފުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި، ނޫސްވެރިއަކު ކުރެއްވި ސުވާލުގެ ޖަވާބު ދެއްވަމުން، ވަސީމް ވިދާޅުވީ، މިރޭ ހުޅުވިގެން ދިޔަ އައު ފިހާރައާއި އެކު، ވަރަށް ޙާއްޞަ ޕްރޮމޯޝަނެއްވެސް ކުރިއަށްދާނެ ކަމަށާއި، ޕްރޮމޯޝަންގައި ހޮވޭ ނަޞީބުވެރިންނަށް ދޭނެ އިނާމު ވަރަށް އަވަހަށް އިޢުލާން ކުރައްވާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ މި ފިހާރަ ހުޅުވުމާއި އެކު ފިހާރައިގައި ވަރަށް ރަނގަޅު ޕްރޮމޯޝަނެއް އެބަ ފައްޓަން. އެއްކަމަކީ ފިހާރައިން ވިޔަފާރި ކުރައްވާ ކޮންމެ ބޭފުޅަކަށް މަސްދަޅެއް ހިލޭ ލިބޭނެ. ވަކި މުއްދަތެއް ވަންދެން މި ޕްރޮމޯޝަން ކުރިއަށްދާނެ. އެއާއި އެކު އަޅުގަނޑުމެންގެ މަސްބަންދު ކުރާ ފެކްޓްރީ ހުޅުވުމާއި އެކު އަންނަ ޕްރޮމޯޝަންވެސް ވަރަށް އަވަހަށް އެބަ އާދޭ. އިރާދަ ކުރެއްވިއްޔާ ފެބްރުއަރީ 1 ގައި އަޅުގަނޑުމެން ޕްރޮމޯޝަން ފަށާނަން. މީގެ ތެރޭގައި ވަރަށް ރަނގަޅު އިނާމު ތަކާއި އޮފާރތައް އޮންނާނެ." ވަސީމް ވިދާޅުވިއެވެ.

މިރޭ ހުޅުވި އެންޒީގެ އައު ފިހާރަ ހުރި ސަރަހައްދު - -

މަހުގެ އުފެއްދުންތަކުގެ ވިޔަފާރި ކުރާ އެންސިސް ފިޝަރީޒްގެ ޕްރައިވެޓް ލިމިޓެޑްގެ އެންސިސް ދަޅުމަސް ފެކްޓަރީ އާއި އައިސްޕްލާންޓް ހުޅުމާލޭގައި މިހާރު ވަނީ ހުޅުވާފައެވެ.

މިއަދު ހުޅުމާލޭގައި ހުޅުވި ފެކްޓަރީއަކީ މީގެ 4 އަހަރު ކުރިން، 2015 ގައި ބިންގާ އަޅާފައިވާ ކާރުހާނާ އެކެވެ. މި ފެކްޓަރީއަކީ މާލެ ސަރަހައްދުގައި ގާއިމު ކޮށްފައިވާ ހަމަ އެކަނި ކާރުހާނާއެވެ. ދުވާލެއްގެ މައްޗަށް 25 ޓަނުގެ ދަޅުގައިމަސް ބަންދުކުރެވޭ ގޮތަށް ތަރައްގީ ކޮށްފައިވާ މި ފެކްޓްރީއަކީ މިހާތަނަށް އެންސިސް ކުންފުނިން ކޮށްފައިވާ އެންމެ ބޮޑު އިންވެސްޓްމެންޓްއެވެ. މި ޕްރޮޖެކްޓްއަށް މުޅިއަކު 25 މިލިއަން ޑޮލަރު ހަރަދުކޮށްފައި ވެއެެވެ.

އެންސިސް ފިޝަރީޒް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުޅުވުމަށް ތައްޔާރުވަމުން ގެންދާ މަސް ފެކްޓަރީއާއި އެކު ޖުމްލަ 400 އަށްވުރެގިނަ ވަޒީފާގެ ފުރުސަތު ހުޅުވިގެން ދާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. އޭގެ ތެރޭގައި 175 ވަޒީފާއަކީ އަންހެނުންނަށް ހާއްސަ ކުރެވިފައިވާ ވަޒީފާތަކެކެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކަސްޓަމަރކެޔަރ

    ކާރެ، ސައިކަލެއް ނުވަތަ އެޕާރޓްމަންޓެއް ލިބޭނެ ޕްރޮމޯޝަނެއް ފެއްޓެވުން ވަރަށް ރަގަޅުކަމަށް ފެނޭ