އެމެރިކާގެ ބޮސްޓަންގައި މިހާރު ކުރިއަށްދާ ސީފުޑް އެކްސްޕޯ ނޯތް އެމެރިކާ 2023 ގައި އެންސިސް ފިޝަރީސްގެ ފަރާތުން ބައިވެރި ވެއްޖެއެވެ.

ނޯތް އެމެރިކާގެ ސީފުޑް މާކެޓް ޕްލޭސްއަށް ޚާއްސަ ކުރެވިގެން، ކޮންމެ އަހަރެއްގެ މާޗް މަހުގައި އޮންނަ މި ސީފުޑް ޓްރޭޑް ފެއާއަކީ ދުނިޔޭގެ ގިނަ ގައުމުތަކުންނާއި ބޮޑެތި މަސް ކުންފުނިތަކުން ބައިވެރިވާ ބޮޑު އިވެންޓެކެވެ.

މިއަހަރުގެ އެކްސްޕޯގައި ރާއްޖޭގެ ޝިޔާރަކީ މޯލްޑިވްސް ޓުނާ "ވޯލްޑްސް މޯސްޓް ސަސްޓެއިނަބަލް" އެވެ.

އެންސިސް ފިޝަރީސްގެ ފަރާތުން މި އެކްސްޕޯގައި ބައިވެރިވާ އެކުންފުނީގެ ޖެނެރަލް މެނޭޖަރ، ހުސެއިން އަފީފް ވިދާޅުވީ، މިއަހަރު އެ އެކްސްޕޯގައި އެންސިސްގެ އަމާޒަކީ އިތުރު ގިނަ އެމެރިކާގެ މާކެޓް ތަކަކަށް އެންސިސް އިން ރާއްޖޭގައި ބަންދު ކުރެވޭ ދަޅުގެ އުފެއްދުންތައް ތައާރަފް ކުރުމާ އަދި ހަމަ ގަނޑުކުރި މަސް އިތުރު އެމެރިކާގެ މާކެޓްތަކަށް ފުޅާ ކުރުން ކަމަށެވެ.

އެކްސްޕޯގެ ބައިވެރިންނަށް ދިވެހި އުފެއްދުންތަކުގެ ރަހަ ދައްކާލުމަށް އެންސިސްގެ ސްޓޯލް ތެރޭގައި ވަނީ އިންތިޒާމު ހަމަޖައްސާފައެވެ. މީގެ ތެރޭގައި އެންސިސް ކޭނިން ފެކްޓަރީގައި އުފައްދާ އެންޒީ ބްރޭންޑްގެ މަސް ހުނި ދަޅާ، އަދި ދިވެހި ވަޅޯމަހާ ތެލުލި ބަނޑައިދޫ ވެސް ހިމެނެއެވެ.

އެންސިސް އިން ބުނާ ގޮތުގައި އެކްސްޕޯގައި ބައިވެރި އެންމެންނަށް ވެސް މަސްހުނި ދަޅުވީ ވަރަށް ތަފާތު އަދި މީރު އުފެއްދުމަކަށް ކަމަށެވެ.

ކޮވިޑަށް މެދުކެނޑުނު ފަހުން މިއީ މިއެކްސްޕޯ ބާއްވާ ދެވަނަ އަހަރެވެ. ރާއްޖޭގެ ފިޝަރީޒް ޕްރޮމޯޝަން ބޯޑާއި އެމްއެސްޕީއީއޭ އާއި އެއްކޮށް ކޮންމެ އަހަރަކު ވެސް ބޮޑެތި ދިވެހި މަސް ކުންފުނިތައް މި އެކްސްޕޯގައި ބައިވެރިވެއެވެ.

ރާއްޖޭގެ ދޮށީގެ އަދި ހޭންޑްލައިން މަސްވެރިކަމަކީ ދުނިޔެ ބަލައިގަންނަ އެންމެ ތިމާވެއްޓާ ރައްޓެހި ސަސްޓެއިނަބަލް މަސްވެރިކަން ކަން ފާހަގަ ކޮށްލެވެއެވެ.