ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ގެނެސްދިނުމަށް ނިންމާފައިވާ ފީފާ ވޯލްޑްކަޕް ކަވަރޭޖުގެ ޕަވާ ސްޕޮންސަރެއްގެ ގޮތުގައި ހަމަޖައްސައިފިއެވެ.

މިއަދު ޓީވީއެމް ސްޓޫޑިއޯ އެކެއްގައި ބޭއްވި ރަސްމިއްޔާތެއްގައި ވޯލްޑް ކަޕް ކަވަރޭޖު ގެނެސް ދިނުމަށް ޕީއެސްއެމް އާއި ދިރާގާއި ދެމެދު ފަހުމުނާމާއެއްގައި ސޮއިކުރެވިފައިވާއިރު އެ ފަހުމުނާމާގައި ދިރާގުގެ ފަރާތުން ސޮއިކުރެއްވީ ދިރާގުގެ ސީއޯއޯ އަދި މެނޭޖިންގް ޑިރެކްޓަރ އިސްމާއިލް ރަޝީދެވެ. ޕީއެސްއެމްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޕީއެސްއެމްގެ މެނޭޖިންގް ޑިރެކްޓަރ އަހުމަދު ހަލީލްއެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ވަގުތު އިމޭޖެސް: އަމީން ފަހުމީ

ފަހުމުނާމާގައި ސޮއިކުރެއްވުމަށް ފަހު ވާހަކަ ދައްކަވަމުން ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދު ވިދާޅުވީ ވޯލްޑްކަޕް ބެލުމަކީ ގައުމީ ފެންވަރުގައި ކުރާ ކަމެއް ކަމަށާއި އެހެންކަމުން އެފަދަ ކޮންމެ ކަމެއްގައި ދިރާގުން ބައިވެރިވާނެ ކަމުގައެވެ. އަދި މިފަހަރުގެ ވޯލްޑް ކަޕްގެ ކަވަރޭޖް އެންމެ ފުރިހަމަ ގޮތުގައި ގެނެސްދިނުމަށް ދިރާގުން ޕީއެސްއެމްއަށް ދޭން ޖެހޭ ހުރިހާ އެއްބާރުލުމެއް ދޭނެ ކަމަށް އިސްމާއިލް ވިދާލުވިއެވެ.

ދިރާގުން ވޯލްޑްކަޕް ކަވަރޭޖުގައި ބައިވެރިވުމާއި ބެހޭ ގޮތުން ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ހަލީލް ވިދާޅުވީ ދިރާގާއި ޕީއެސްއެމް އަކީ ވަކި ނުކުރެވޭނެ ދެ ކުންފުނި ކަމަށެވެ. އަދި މިހާތަނަށް ޕީއެސްއެމް އިން ނުވަތަ ޓީވީއެމްއިން ކޮށްފައިވާ ކޮންމެ ކަމެއްގައިވެސް ދިރާގުން ބައިވެރިވެފައިވާކަން ފާހަގަކޮށް ހަލީލް ވަނީ ދިރާގުގެ އިސްވެރިންނަށާއި މުވައްޒަފުންނަށް ހާއްސަ ޝުކުރެއް އަދާކޮށްފައެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ވަގުތު އިމޭޖެސް: އަމީން ފަހުމީ

"ދިރާގަކީ އަބަދުވެސް ޕީއެސްއެމްއާއިި ވަރަށް ގާތް ގުޅުމެއް ބާއްވަމުން އަންނަ ފަރާތެއްް. މިހާތަނަށް ޕީއެސްއެމް ނުވަތަ ޓީވީއެމް އިން ކޮށްފައިވާ ހުރިހާ ކަމެއްގައި ދިރާގުން ބައިވެރިވެފައިވޭ. ދިރާގާއި އެކު މިއަދު މިވެވުނު އެއްބަސްވުމުގެ ދަށުން ވަރަށް ފުރިހަމަ ކަމާއި އެކު އިރާދަކުރެއްވިއްޔާ ވޯލްޑްކަޕްގެ ކަވަރޭޖް ބެލުުންތެރިންނަށް ގެނެސްދޭނަން " ހަލީލް ވިދާޅުވިއެވެ.

މިއަހަރުގެ ވޯލްޑްކަޕްގެ ކަވަރޭޖުގެ ތެރެއިން ބެލުންތެރިން ޝައުގުވެރިވާނެ ފަދަ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދާނެ ކަމަށް ޕީއެސްއެމްއިން ބުނެއެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ވަގުތު އިމޭޖެސް: އަމީން ފަހުމީ

އަދި ވޯލްޑްކަޕްގެ ކަވަރޭޖަށް ޕީއެސްއެމްގެ އެންމެ ބޮޑު ސްޓޫޑިއޯ ވަރަށް ފުރިހަމައަށް ދަނީ ތައްޔާރުކުރެވެމުން ކަމުގައިވެސް ޕީއެސްއެމްއިން ބުނެއެވެ.