މިދިޔަ ޖެނުއަރީ މަހު މީރާއަށް 1.81 ބިލިއަން ރުފިޔާ ބަލައިގެންފައިވާކަމަށް އެ އޮތޯރިޓީން ހާމަކޮށްފިއެވެ.

މީރާ އިން މިއަދު އާއްމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މީރާއަށް މިދިޔަ މަހު 1.81 ބިލިއަން ރުފިޔާ ލިބުނުއިރު، މިއަދަދަކޯ މި އަހަރުގެ މި މުއްދަތުގައި ލިބޭނެކަމަށް އަންދާޒާކުރި އަދަދަށްވުރެ 7.4 އިންސައްތައިގެ އިތުރު އަދަދެކެވެ.

މީރާ އިން ވިދާޅުވީ، އަންދާޒާ ކުރިވަރަށްވުރެ އާމްދަނީ އިތުރުވެފައި ވަނީ ޑިސެމްބަރު2018 އާ ބަލާއިރު، ޑިސެމްބަރު 2019ގައި ޓުއަރިސްޓުން ރާއްޖެ އައި މިންވަރު 13.6 % އިތުރުވުމުގެ ސަބަބުންނެވެ. އެގޮތުން ޓުއަރިޒަމް ދާއިރާއާއި ގުޅުންހުރި ޓެކްސްތައް އިތުރުވެފައިވުމާއި، ޓޫރިޒަމް ލޭންޑް ރެންޓުގެ ފަހު ޑެޑްލައިންގެ ބައެއް ފައިސާތައް ޖެނުއަރީ މަހު ލިބުމުން ކަމަށެވެ.

ނަމަވެސް، މިއީ މިދިޔަ 2019 ވަނަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ ދަށް އަދަދެކެވެ. މީރާއިން ވިދާޅުވީ، 2019 ވަނަ އަހަރަށްވުރެ މި އަހަރުގެ ޖެނުއަރީ މަހުގެ އާމްދަނީ ދަށްވީ ޓެކުހުގެ ގޮތުގައި ލިބިފައިވާ އަަދަދު މަދުވުމާއި، ޖެނުއަރީ 2019 ގައި ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި ލިބިފައިވާ ފައިސާއަކީ ހަމައެކަނި އެ މުއްދަތުގައި ދައްކަން ޖެހޭ ފައިސާއެއް ކަމުގައި ވުންކަމަށެވެ.

ޖެނުއަރި މަހު މީރާ އަށް އޮތޯރިޓީއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާ ކުރަނީ ޖީއެސްޓީއެވެ.އެއީ 44.5 އިންސައްތަ ނުވަތަ 807.13 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ބީ.ޕީ.ޓީއިންނެވެ. އެއީ 35.6 އިންސައްތަ ނުވަތަ 645.04 މިލިއަން ރުފިޔާއެވެ.