ގިނަ ވިޔަފާރިތަކެއް ބައިވެރިކޮށްގެން އޯރކާ މީޑިއާ ގްރޫޕުގެ ފަރާތުން ކުރިއަށްގެންދާ "ބިޒްނަސް އެކްސްޕޯ 2020" ފަށައިފިއެވެ.

މި އެކްސްޕޯ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ދަރުބާރުގޭގައި ދެދުވަހުގެ މުއްދަތަކަށެވެ.

އޯރކާ މީޑިއާ ގްރޫޕުން ބުނީ، މި އެކްސްޕޯ އަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ އިތުރުން ބޮޑެތި ވިޔަފާރިތަކަށްވެސް އާ ފުރުސަތުތަކެއް ހޯދައިދިނުމަށް ކުރިއަށްގެންދާ އެކްސްޕޯއެއް ކަމަށެެވެ. އަދި މި އެކްސްޕޯގެ ޒަރިއްޔާއިން ވިޔަފާރިތަކުން ދެމުން އަންނަ ހިދުމަތްތަތާއި ވިއްކާ ތަކެތި ކަސްޓަމަރުންނަށް ދައްކާލައި އެތަކެތި ތަޖުރިބާކޮށްލުމުގެ ފުރުސަތު ހޯދައިދިނުމަކީވެސް މިއެކްސްޕޯގެ ބޭނުމެއް ކަމަށް އާރކޯ މީޑިއާ ގުރޫޕުން ވަނީ މައުލޫމާތު ދީފައެވެ.

ބިޒްނަސް އެކްސްޕޯ 2020 - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

މިއަހަރުގެ އެކްސްޕޯގައި 60 އަށްވުރެ ގިނަ ވިޔަފާރީން ވަނީ ބައިވެރިވެފައެވެ. އޭގެ ތެރޭގައި، އެސްޓީއޯ، ސްރީލަންކަން އެއާލައިން، އުރީދޫ ވެސް ހިމެނެއެވެ.

މި އެކްސްޕޯގެ ތެރެއިން ހަތަރު ސަމިޓެއް ފެށުމަށްވެސް ވަނީ ހަމަޖެހިފައެވެ. އެއީ ފަތުރުވެރިކަމަށް ހާއްސަ ސަމިޓަކާއި، އަންހެނުންނަށް ހާއްސަ ސަމިޓެއް، އަދި ވިޔަފާރިވެރިންނަށް ހާއްސަ ސަމިޓެއްގެ އިތުރުން ފައިނޭންސް ޕްރޮފެޝަނަލް ސަމިޓެވެ.

މީގެ ތެރެއިން އެންމެ ފުރަތަމަ ފަށާފައި ވަނީ އަންހެނުންނަށް ހާއްސަ ސަމިޓެވެ. މި ސަމިޓުގައި ވިޔަފާރީގެ ދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރުކޮށް، މި ދާއިރާއިން އަންހެނުންނަށް ކުރިއަށް ދެވިދާނެ ދާއިރާތަކާއި މެދު ފުޅާ ދާއިރާއެއްގައި ބަހުސް ކުރުމުގެ އިތުރުން، ތަޖުރިބާކާރު ކަނބަލުގެ ތަޖުރިބާގެ އަލީގައި، އަންހެނުން އިތުރަށް ބާރުވެރިކުރުވައި، ފަސްޖެހުމަކާއި ނުލައި ފިރިހެނުންނެކޭ އެއްފަދައިން ކުރިއަށްދެވިދާނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާ ކުރެވޭނެއެވެ.

ބިޒްނަސް އެކްސްޕޯ 2020 - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

މި އެކްސްޕޯގައި ހުރި އެހެނިހެން ސަމިޓުތަކުގައިވެސް ޖުރިބާކާރު ބޭފުޅުން ބައިވެރިވަޑައިގަންނަވާނެއެވެ. އެގޮތުން ބައިވެރިވާ ފަރާތްތަކުގެ ތަޖުރިބާ ބައިވެރިންނާއި ހިއްސާކޮށް މި ހުރިހާ ދާއިރާތަކުގައިވެސް ހުރި ގޮންޖެހުންތަކާއި ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މި ސަމިޓުގެ ތެރެއިން މަޝްވަރާ ކުރާނެއެވެ.

މިއީ ޖެހިޖެހިގެން މި ސަމިޓު ބާއްވާ ދެވަނަ އަހަރުކަން ފާހަގަކޮށްލެވެއެވެ. މި ސަމިޓަށް ގިނަބައެއްގެ ތަރުހީބު ދަނީ ލިބެމުންނެވެ.

މިއީ އަލަށް ވިޔަފާރި ފެށުމަށް މަސައްކަތް ކުރާ ފަރާތްތަކަށްވެސް ބޭނުންތެރި އެކްސްޕޯއެއް ކަމަށް މިކަން އިންތިޒާމްކުރާ ފަރާތުން ވަނީ ފާހަގަކޮށްފައެވެ.