މި އަހަރު ފެށިގެން މިދިޔަ ހަފުތާގެ ނިޔަލަށް ދައުލަތުގެ ހަރަދު 17.8 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަން ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް އިން ކޮންމެ ހަފުތާއަކު އެއް ފަހަރު އާންމު ކުރަމުންދާ ތަފާސް ހިސާބުތަކުގެ މިދިޔަ ހަފުތާގެ ރިޕޯޓް ދައްކާ ގޮތުން، ދައުލަތުގެ ރިކަރެންޓް ހަރަދުތަކަށް 12.6 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ. ކެޕިޓަލް ހަރަދުގެ ގޮތުގައި 5.5 ބިލިއަން ރުފިޔާ ހަރަދު ކުރިއެވެ.

މުސާރަ އާއި ޕެންޝަންއަށް 6.6 ބިލިއަން ރުުފިޔާ ހަރަަދުކޮށްފައިވެއެވެ. ދަައުލަތް ހިންގުމުގެ ހަރަދަށް 5.57 ބިލިއަން ރުފިޔާ އަރާކަން ތަފާސްހިސާބުގައިވެއެވެ.

މިދިޔަ ހަފުތާގެ ނިޔަލަށް ދައުލަތުގެ ހަރަދަށް 17.8 ބިލިއަން ރުފިޔާ އަރާފައިވާއިރު، މިދިޔަ ހަފުތާގެ ނިޔަލަށް ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 9.94 ބިލިއަން ރުފިޔާއެވެ.

މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު އަށް ބިލިއަން ރުފިޔާގެ އާމްދަނީ ދަށްވެފައިވާއިރު، މި އަހަރު ދައުލަތަށް އާމްދަނީގެ ގޮތުގައި 30 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް މިދިޔަ އަހަރު އަންދާޒާ ކުރިއެވެ.

އެކަމަކު ކޮވިޑް-19 ގެ ބަލިމަޑުކަން ކުރިމަތިވެ ޓޫރިޒަމް މުޅިން ހުއްޓުމަކަށް އައިސް ދައުލަތަށް ލިބޭ އާމްދަނީ އެއަށް ވުރެ ދެބައިކުޅަ އެއް ބައި ދަށް ވާނެ ކަމަށް މިހާރު ލަފާ ކުރެއެވެ.

ފިނޭންސް މިނިސްޓްރީން މިހާރު ވަނީ ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރުގެ ޖަލްސާތައް ފެށުމުން ދައުލަތުގެ މި އަހަރުގެ ބަޖެޓް ރިވިއު ކުރުމަށް ހުށަހަޅަން ވެސް ނިންމާފައެވެ. އެ ގޮތުން ހަރަދުތައް ކުޑަ ކުރުމަށް ހުށަހަޅާނެ ކަމަށް ބެލެވެއެވެ.