ކޮވިޑް-19 އާއި ގުޅިގެން މެދުކަނޑާލާފައިވާ ފްލައިމީގެ ޑޮމެސްޓިކް ދަތުރުތައް އަލުން މިއަދު ފަށައިފިއެވެ.

ފްލައިމީގެ ދަތުރުތައް ކޮވިޑް-19 އާއި ގުޅިގެން މެދުކަނޑާލާފައިވަނީ މާޗްމަހުގެ ތެރޭގައެވެ.

ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ނާޝިދު "ވަގުތު" އަށް ވިދާޅުވީ، މިއަދު ދަތުރުތައް މާލެ އާއި މާމިގިލިއަށް ފަށާފައިވާ ކަމަށާއި ދަތުރުތައް ޝެޑިއުލް ކުރަނީ ދަތުރު ކުރާ ފަރާތްތަކުގެ ޑިމާންޑު އޮންނަ ވަރަކުން ކަމަށެވެ.

"ޕެސެންޖާ ޑިމާންޑް އޮންނަ ވަރަށް ބަލާފައި، ޓޫރިސްޓް އެރައިވަލް އަށް ބަލާފައި ބުކިންގްސް ހުންނަ ވަރަށް ބަލާފައި އަޅުގަނޑުމެން ފްލައުޓްތައް ޝެޑިއުލް ކުރަނީ" ނާޝިދު ވިދާޅުވިއެވެ.

މާލެ އާއި މާމިގިއްޔާއި ދެމެދު އަދި ދަތުރުތައް ފެށި ނަމަވެސް ލޯޑު ލިބޭ ވަރަކުން އިތުރު މަންޒިލްތަކަށް ދަތުރު ކުރާނެ ކަމަށް ނާޝިދު ވިދާޅުވިއެވެ. އަދި މިމަހު ދަރަވަންދޫއަށް ދާން ބޭނުންވާ ފަރާތްތަކުން އިތުރުވެއްޖެ ނަމަ އެދަތުރުވެސް ފަށާނެ ކަމަށް ނާޝިދު ވިދާޅުވިއެވެ.

"ކޮވިޑް-19ގެ ކުރިން އަޅުގަނޑުމެން ދުވާލަކަށް 14 ފްލައިޓް ބޭއްވީ މާމިގިއްޔަށް، ދަރަވަންދޫ އަށް ދުވާލަކު 12 ފްލައިޓް އެވްރެޖްކޮށް އަޅަމުން. ޖުމްލަކޮށް ދުވާލެއްގެ މައްޗަށް ޗާޓަރު ފްލައިޓްތައް ލައިގެން 32 ފްލައިޓް އަޅަމުން އަޅުގަނޑުމެން އައީ." ނާޝިދު ވިދާޅުވިއެވެ.

ކޮވިޑާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު ޖުލައި 15 ގައި ބޯޑަރު ހުޅުވާލި ނަމަވެސް ފްލައިމީގެ ދަތުރުތައް ނުފެށި އޮތީ ފަސިންޖަރުންގެ ޑިމާންޑު ނެތުމުން ކަމަށް ނާޝިދު ވިދާޅުވިއެވެ.

ނާޝިދު އިތުރަށް ވިދާޅުވީ، ފްލައިމީގެ ދަތުރުތައް ފަށައި ކުންފުނި އަލުން ރަނގަޅުވަމުން އަންނަ ވަރަށް ބަލާފައި ނޯޕޭގައި ތިބި މުވައްޒަފުން ވަޒީފާއަށް ނެރޭނެ ކަމަށެވެ.

ވިލާ އެއާގެ ދަތުރު ތަކުގައި ބޭނުންކުރަނީ 48 މީހުންގެ ޖާގައިގެ ބޯޓަކާއި 68 މީހުންގެ ޖާގައިދެ ދެ ބޯޓުގެ އިތުުރުން 72 މީހުންގެ ޖާގައިގެ ބޯޓެކެވެ.