ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން މާމިގިލިއަށް ދިޔަ ފްލައިޓަކަށް މޫސުން ގޯސްވުމުގެ ސަބަބުން އެއާޕޯޓުގައި ޖައްސަން އެތައް ފަހަރަކު ކުރި މަސައްކަތް ކާމިޔާބު ނުވުމުން އެންމެފަހުން އެނބުރި މާލެ އައިސްފިއެވެ.

ފްލައިމީ VP610 މާލެއިން ފުރީ މިރޭ 18:00 ކަންހާއިރުއެވެ. ފްލައިޓް ނުޖެއްސިގެން އަނބުރާ މާލެ އަށް ޑައިވާޓް ކުރީ 21:05 ކަންހާއިރުއެވެ.

މޫސުން ގޯސްވެފައި ވީނަމަވެސް ފްލައިޓް މާމިގިއްޔަށް ޖައްސަން ޕައިލެޓުން ވަނީ ވަރަށް މަސައްކަތް ކޮށްފައެވެ. އެގޮތުން ތިން ފަހަރެއްގެ މަތިން ފްލައިޓް މާމިގިލީ އެއާޕޯޓަށް ޖައްސަން މަސައްކަތް ކޮށްފައިވާކަން ވަނީ އެނގިފައެވެ.

އެންމެ ފަހުން 21:00 ކަންހާއިރު ވެސް ފްލައިޓް މާމިގިލީ އެއާޕޯޓަށް ޖެއްސުމަށް މަސައްކަތް ކުރިއެވެ. ނަމަވެސް އެފަހަރު ވެސް އެއާޕޯޓަށް ޖެއްސޭ ގޮތް ނުވުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އެފްލައިޓް ޑައިވާޓްކޮށް، ރައްކާތެރިކަމާއިއެކު މިހާރު ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފްލައިޓް ޖައްސާފައެވެ.

ފްލައިމީގެ ފްލައިޓަށް މާމިގިލީގައި ނުޖެއްސިގެން ދަތުރުކުރިގޮތް ދައްކުވައިދޭ ޗާޓެއް
ފްލައިމީގެ ފްލައިޓަށް މާމިގިލީގައި ނުޖެއްސިގެން ދަތުރުކުރިގޮތް ދައްކުވައިދޭ ޗާޓެއް

މާލެއިން ފުރައިގެން ދިޔަ ފްލައިމީގެ ފްލައިޓަށް މާމިގިލީގައި ޖައްސަން އުނދަގޫތަކެއް ދިމާވެފައިވާއިރު، މޫސުމާއި ބެހޭ ގައުމީ އިދާރާ މެޓްއިން ވަނީ މީގެ ކުޑައިރުކޮޅެއް ކުރިން މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފައެވެ.

މޫސުން ގޯސްވުމުގެ ސަބަބުން މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވެސް ބައެއް ފްލައިޓްތައް ނުޖެއްސިގެން ވަނީ ޑައިވާޓް ކޮށްފައެވެ. އެހެން އެއާޕޯޓްތަކަށް މިއަދު ޑައިވާޓް ކުރި ފްލައިޓްތަކުގެ ތެރޭގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސަން އައި އިންޓަނޭޝަނަލް ފްލައިޓްތައް ވެސް ހިމެނެއެވެ.

މިރޭ ދަންވަރު 2:45 އާއި ހަމައަށް މެޓުން ނެރެފައިވާ ހުދު ސަމާލުގައި ބުނެފައިވަނީ މި ވަގުތުތަކުގައި ބޯކޮށް ވާރޭ ވެހުމާއި އެކު ގުގުރާނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ްމާމިގިލީ މީހާ

    މަމިގިލިއަށް ވަރަށް މޫސުން ގޯސް. ފުލައިޓް އަނބުރާ މާލެ ގޮސްފި ނުޖެއްސިގެން

  2. ޒިކް

    އީއައޭގެ މައްސަލައަކަށް ތިވާނި.. ނަންވާނި އެންމެ ރަށެއް