ކޮވިޑް-19 އަށް ފަހު ބޯޑަރު ހުޅުވި ފަހުން އެންމެ ގިނަ ފަތުރުވެރިން މިހާތަނަށް ރާއްޖެއަށް ޒިޔާރަތް ކޮށްފައި ވަނީ އެމިރޭޓްސް އެއާލައިން މެދުވެރިކޮށް ކަމަށް ޓުއަރިޒަމް މިނިސްޓްރީ އިން ހާމަކޮށްފިއެވެ.

ޓުއަރިޒަމް މިނިސްޓރީ އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިދިޔަ ޖުލައި މަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ރަސްމީކޮށް ފަތުރުވެރިކަމަށް ހުޅުވާލުމާއި އެކު އޭގެ އެއްދުވަސް ފަހުން ރާއްޖެއާއި ދެމެދު ދަތުރުތައް ފަށާފައިވާ އެމިރޭޓްސް އެއާލައިނުން 15،000 އާއި ގާތްކުރާ އަދަދަކަށް ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.

މިމަހުގެ 28 ވަނަ ދުވަހާއި ހަމަޔަށް އެ މިނިސްޓްރީ އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން އެމިރޭޓްސްގެ އެކަނި 178 ފްލައިޓެއް މި ކުރު މުއްދަތުގެ ތެރޭގައި ރާއްޖެއަށް ވަނީ އައިސްފައެވެ.

ފްލައިޓު ރާއްޖެއަށް އައިސްފައިވާ އަދަދު އެންމެ އިތުރީ ގަތަރު އެއާވޭސްގަ އެވެ. ގަތަރު އެއާވޭ 206 ފްލައިޓު މިހާތަނަށް ރައްޖެއަށް އައިސްފައި ވާއިރު، އެ އާލައިން މެދުވެރިކޮށް 14،690 ފަތުރުވެރިން ވަނީ ރާއްޖެއަށަ ޒިޔާރަތްކޮށްފައެވެ.

ތިންވަނަ އަށް އެންމެ ގިނަ ފްލައިޓު ރާއްޖެއަށް އޮޕަރޭޓް ކޮށްފައި ވަނީ ރަޝިއާގެ ވެރިރަށް މޮސްކޯއިން އަންނަ ޔޫރޯ ފްލޯޓުންނެވެ. އެ އެއާލައިން މެދުވެރިކޮށް 28 ފްލައިޓެއް ރާއްޖެ އައިސްފައި ވާއިރު 4000 އަށްވުރެ ގިނަ ފަތުރުވެރިން ވަނީ އެ އެއާލައިން މެދުވެރިކޮށް ރާއްޖެ އައިސްފައެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތަކޮށްފައި ވަނީ 420،279 ފަތުރުވެރިންނެވެ. ޖުލައި މަހު ބޯޑަރު ހުޅުވާލި ފަހުން މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ރަޝިޔާއިންނެވެ. ރަޝިޔާއިން މިހާތަނަށް 7،507 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވެއެވެ.