އިހުސާން ފިހާރައިން އާންމުކޮށް ވިޔަފާރިކުރާ ކަސްޓަމަރުންނަށް އަމާޒުކޮށްގެން ހާއްސަ "ލޯޔަލްޓީ ޕްރޮގްރާމް"އެއް ފަށައިފިއެވެ.

މާލޭގައި ދިރިއުޅެމުން އަންނަ ގިނަ ބައެއްގެ މެދުގައި މަގުބޫލްކަން ހޯދާފައިވާ އިހުސާން ފިހާރައަކީ ކެއިން ބުއިމަށް ބޭނުންވާ އެކި ސަމާނުން ފެށިގެން ހިފާ ގެންގުޅޭ ސާމާނާ ހަމައަށް އެއްތަނަކުން އެންމެ ގިނަ ބާވަތްތަކުގެ މުދާ ލިބޭނެ އެއް ފިހާރައެވެ. މިއާއެކު އިހުސާން ފިހާރަ ވަނީ އެންމެ ގިނަބައެއްގެ މެދުގައި މަގުބޫލުކަން ލިބިފައިވާ ފިހާރައަށްވެސް ވެގެންގޮސްފައެވެ.

އިހުސާން ފިހާރައިން ވަނީ އާންމުކޮށް ވިޔަފާރިކުރާ "ލޯޔަލް" ނުވަތަ އިހުލާސްތެރި ކަސްޓަމަރުންނަށް ހާއްސަކޮށްގެން "މަގޭވެސް"ގެ ނަމުގައި ލޯޔަލްޓީ ޕްރޮގްރާމެއް ފަށައިފައެވެ. މި ޕްރޮގްރާމް އިފްތިތާހުކޮށްފައި ވަނީ އިއްޔެ "އިހުސާން ފިހާރަ 3"ގައެެވެ.

އިހުސާން ކޮމްޕެނީ މެނޭޖަރު މުހައްމަދު އިހުސާން "ވަގުތަށް" ވިދާޅުވީ މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ކޮންމެ ފަރާތަކަށްވެސް އޮންނާނެ ކަމަށެވެ. މި ޕްރޮގްރާމްގައި ބައިވެރިވެވޭނެ ވަކި ޝަރުތެއް ނެތް އިރު، އެ ފިހާރައިގެ އެޕްލިކޭޝަން "އިހުސާން ފިހާރަ" މެދުވެރިކޮށްވެސް ބައިވެރި ވެވިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ޕްރޮގްރާމްގައި އިހުސާން ފިހާރަ ތިނަކަށް ގޮސްގެން ބައިވެރިވާ މީހުންނަށް ހިލޭ އައިކެފޭ ދަޅެއް ލިބޭނެއެވެ.

މި ޕްރޮގްރާމްގެ ދަށުން ކަސްޓަމަރުންނަށް އެތައް ފައިދާތަކެއް ލިބެން ހުރި އިރު މިއީ ރާއްޖޭގެ ރީޓެއިލް ފިހާރައަކުން މިފަދަ ޕްރޮގްރާމެއް ފެށި ފުރަތަމަ ފަހަރެވެ.

"މި ޕްރޮގްރާމްގެ އެންމެ ހާއްސަ އެއް ކަމަކީ، މި ޕްރޮގްރާމްގެ ދަށުން ކަސްޓަމަރުންނަށް އިހުސާން ފިހާރައިގެ ހަތަރު އައުޓްލެޓަށް އަދި މާލޭގެ ބައެއް ކެފޭ، ރެސްޓޯރެންޓުތަކަށް ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖެހިގެން ދިއުން" މުހައްމަދު އިހުސާން ވިދާޅުވިއެވެ.

މަގޭވެސް ޕްރޮގްރާމްގައި ބައިވެރިވާ މީހުންނަށް ފައިސާ ދެއްކޭނެ ކެފޭ/ރެސްޓޯރަންޓުތަކުގެ ތެރޭގައި، ސަމްބޯ، މާފަންނު ލެމަންގްރާސް، ޕީޓާޕޭން، ޓާމިނަލް ކެފޭ އަދި ބަނބޫ ރެސްޓޯރެންޓު ހިމެނެެއެވެ.

އިހުސާން ވިދާޅުވި ގޮތުގައި މި ޕްރޮގްރާމް ޕައިލޮޓްކޮށްފައި ވަނީ މީގެ ތިން އަހަރު ކުރިންނެވެ. މި ޕްރޮގްރާމްގައި މިހާތަނަށް 7000 އަށްވުރެ ގިނަ މީހުން ބައިވެރިވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އިހުސާން ފިހާރައިގެ ހަތަރު އައްޓްލެޓެއް މާލޭގައި ހުންނަ އިރު އެތަންތަނަށް ޒިޔާރަތްކުރާ ކަސްޓަމަރުން ވަރަށް ގިނައެވެ. މިއީ ތަކުރާރުކޮށް ކަސްޓަމަރުން ދާ ފިހާރައެއް ކަމުން، އެތަނަށް ތަކުރާރުކޮށް ދާ ކަސްޓަމަރުންނަށް މިއީ ރަނުގެ ފުރުސަތަކަށް ވެގެން ދާނެ އެވެ.