ދިވެހި އުފެއްދުންތެރިކަން ކުރިއެރުވުމަށާއި އަމިއްލަ މަސައްކަތުން އާންދަނީ ހޯދުމަށް މަސައްކަތް ކުރާ ފަރާތްތަކަށް ހިތްވަރު ދިނުމުގެ ގޮތުން، އެފަރާތްތަކުގެ އުފެއްދުންތައް މާކެޓްކޮށް އިޝްތިހާރު ކުރުމަށް އިހްސާން ފިހާރައިން ހާއްސަ ހަރަކާތެއް ފަށައިފިއެވެ.

މި ހަރަކާތުގެ ތެރެއިން އަމިއްލަ ގޭގައި އުފައްދާ ސަބްމެރިން ސޯސް، ޕިއްޒާ ސޯސް އަދި ސަންބޯލް ފަދަ ތަކެތިން ފެށިގެން އެކިބާވަތްތަކުގެ ކޭކާއި ޕުޑިންފަދަ ތަކެތިވެސް އިޝްތިހާރު ކުރެވިދާނެއެވެ.

މާފަންނު އިހްސާން ފިހާރައިގައި މިކަމަށް ހާއްސަ ކައުންޓަރެއް މިހާރު ވަނީ ހަމަޖައްސާފައެވެ.

"އުފެއްދުންތައް އިޝްތިހާރު ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް ހާއްސަ ކުރެވިފައިވާ ކައުންޓަރަށް ގޮސް އެ މީހުންގެ އުފެއްދުން އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ރަހަ ދައްކައި ޕްރޮޑަކްޓް އިޝްތިހާރު ކުރެވިދާނެ، އަޅުގަނޑުމެންގެ މަގްސަދަކީ ދިވެހިން އުފައްދާ އުފެއްދުންތައް މާކެޓަށް ނެރުމަށް މަގުތަނަވަސް ކޮށްދިނުމާއި، ދިވެހި އުފެއްދުންތަކަށް މަގުކޮށާދިނުން، މިކަމަށް އަޅުގަނޑުމެން އެއްވެސް އަގެއް ނުނަގާނަން." އިހްސާން ފިހާރަ-1 ފްލޯ މެނޭޖަރު މައުލޫމާތު ހިއްސާކުރަމުން ވިދާޅުވިއެވެ.

މިމަހުގެ 27 ވަނަ ދުވަހުން ފެށިގެން ރަމަޟާން މަހުގެ ފުރަތަމަ ދުވަހުގެ ނިޔަލަށް މާފަންނުގައި ހުންނަ އިހްސާން ފިހާރަ-1 ގައި ކުރިއަށް ގެންދާ މިހަރަކާތުގައި ބައިވެރިވެވޭނީ ސާންޕަލް ކައުންޓަރ ރެޖިސްޓްރޭޝަން ފޯމް ފުރިހަމަކޮށް ހުށަހެޅުމުންނެވެ.

މިކަމަށް އެދި ހުށަހަޅާފޯމް އިހްސާން ފިހާރައިގެ ކޮމިއުނިޓީ ވައިބަރ ގްރޫޕުން އަދި މާފަންނުގައި ހުންނަ އިހްސާން ފިހާރަ-1 އިން ލިބެން ހުންނާނެއެވެ.