މިމަހުގެ މިހާތަނަށް 18،000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދު ކުރުމަށްފަހު ހުޅުވި ފަހުން މިހާތަނަށް ރާއްޖެ އަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ މި ހިނގާ ނޮވެމްބަރު މަހެވެ. އެގޮތުން ބަލާއިރު، މިމަހުގެ 18 ވަނަ ދުވަހާއި ހަމައަށް 18،723 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތް ކޮށްފައެވެ.

މި މުއްދަތުގެ ތެރޭގައި އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައިވަނީ ރަޝިއާއިންނެވެ. އެ ގައުމުން މިހާތަނަށް 12،961 ފަތުރުވެރިން ވަނީ އައިސްފައިވެއެވެ. މިއީ ބޯޑަރު ހުޅުވިފަހުން އައި ޓޫރިސްޓުންގެ 21.9 ޕަސެންޓެވެ.

ދެވަނަ އަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ އަވަށްޓެރި އިންޑިއާއިންނެވެ. އެ ގައުމުން މިހާތަނަށް 5،449 ފަތުރުވެރިން އައިސްފައިވާއިރު، އިނގިރޭސިވިލާތުން އައިސްފައިވަނީ 4،745 ފަތުރުވެރިންނެވެ.

އެމެރިކާއިން 4،396 ފަތުރުވެރިން އައިސްފައިވާއިރު، ޔޫއޭއީން 4،051 ފަތުރުވެރިން، ޖަރުމަނުން 3،104 ފަތުރުވެރިން އަދި ޔޫކުރެއިން އިން 2،236 ފަތުރުވެރިން އައިސްފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

މިމަހުގެ އެއް ވަނަ ދުވަހުން 18 ވަނަ ދުވަހާއި ހަމައަށް 18،723 ފަތުރުވެރިން އައިސްފައިވާއިރު، މިދިޔަ އޮކްޓޫބަރު މަހު ރާއްޖެ އައިސްފައިވަނީ 21،515 ފަތުރުވެރިންނެވެ. އަދި ސެޕްޓެންބަރު 9،538 ފަތުރުވެރިން އައިސްފައިވާއިރު، އޮގަސްޓް މަހުގައި ރާއްޖެ އައިސްފައިވަނީ 7،628 ފަތުރުވެރިންނެވެ.

ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ބޯޑަރު ހުޅުވި ފަހުން ރާއްޖެ އައިސްފައިވަނީ 59،105 ފަތުރުވެރިންނެވެ. މި އަހަރުގެ ޖެނުއަރީން ފެށިގެން މިހާތަނަށް އައިސްފައިވާ ޓޫރިސްޓުންގެ ޖުމްލަ އަދަދަކީ 441،952 ޓޫރިސްޓުން އެވެ. މީގެ ތެރެއިން 382,760 މީހުންނަކީ ކޮވިޑް-19 ގެ ބަލި ރާއްޖޭން ފެށުމުގެ ކުރިން މި އަހަރުގެ މާޗް މަހުގެ ނިޔަލަށް އައި މީހުންނެވެ.