ކޮވިޑް-19 އާ ގުޅިގެން ބަންދު ކުރި ރާއްޖޭގެ ބޯޑަރު ހުޅުވާލި ދުވަހުން ފެށިގެން، މި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 70،000 އަށްވުރެ މައްޗަށް އަރާފައިވާ ކަަމަށް ޓުއަރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ޓުއަރިޒަމް މިނިސްޓްރީ އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ޖުލައި 15 ވަނަ ދުވަހުން ފެށިގެން މިދިޔަ ހޮނިހިރު ދުވަހުގެ ނިޔަލަށް ރާއްޖެއަށް 72،623 ފަތުރުވެރިން ޒިޔާރަތްކޮށްފައި ވެއެވެ.

އަދި މީގެ ތެރެއިން އެންމެ ގިނައިން ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކޮށްފައި ވަނީ ރަޝިއާއިންނެވެ. އެގޮތުން ރަޝިއާއިން، 16،285 ފަތުރުވެރިން އައިސްފައިވާ ކަމަށް ތަފާސުހިސާބުތަކުން ދައްކައެވެ. ދެވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައި ވަނީ އިންޑިއާއިންނެވެ. އެއީ 8،690 ފަތުރުވެރިންނެވެ.
ތިންވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވަނީ އިނގިރޭސި ވިލާތުންނެވެ. އެއީ 5،312 ފަތުރުވެރިންނެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖޭގެ ޖުލައި މަހު ރާއްޖެއަށް ޒިޔާރަތްކޮށްފައި ވަނީ 1701 ފަތުރުވެރިންނެވެ. ޖެހިގެން އައި އޮގަސްޓް މަހު 7628 ފަތުރުވެރިން ރާއްޖެ އަށް ޒިޔާރަތްކޮށްފައިވާއިރު، ސެޕްޓެމްބަރު މަހު ރާއްޖެއަށް ޒިޔާރަތްކޮށްފައި ވަނީ 9538 ފަތުރުވެރިންނެވެ.

މިއާއެކު މިއަހަރު މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ވަނީ 445،470 އަށް އަރާފައެެވެ.