މިފެށޭ އަހަރު ރާއްޖޭގެ އިގްތިސާދު 13.5 އިންސައްތައަށް ކުރިއަރާނެ ކަމަށް ރާއްޖޭގެެ މަރުކަޒީ ބޭންކު (އެމްއެމްއޭ) އިން ލަފާކޮށްފިއެވެ.

އެމްއެމްއޭ އިން ނެރެފައިިވާ "އިކޮނޮމިކް އަޕްޑޭޓް" ރިޕޯޓުގައި ވިދާޅުވެފައި ވަނީ، މިއަހަރުގެ މޮޑަރޭޓް ހާލަތުގައި ޖީޑީޕީ 29.3 އިންސައްތައަށް ދަށްވެފައިވާ ކަމަށެވެ. އަދި މި ދަށްވުމަކީ މިހާރު ފެތުރެމުން އަންނަ ކޮވިޑް-19 ގުޅިގެން ފަތުރުވެރިކަމާއި، ހޯލްސޭލް، ރީޓެއިލް އަދި އިމާރާތްކުރުމާއި ރިއަލް އެސްޓޭޓުގެ އިތުރުން ޓްރާންސްޕޯޓު އަދި ކޮމިއުނިކޭޝަންގެ ދާއިރާއަށް އައި ހީނަރުކަމާއި ގުޅިގެންވި ދަށްވުމެއް ކަމަށް އެމްއެމްއޭ އިން ވިދާޅުވެފައި ވެއެވެ.

އެހެން ނަމަވެސް އަންނަ އަހަރުގެ ޖީޑީޕީ 13.5 އިންސައްތައަށް ކުރިއަރާނެ ކަމަށް އެ ރިޕޯޓުގައި ވަނީ ވިދާޅުވެފައެވެ. މި އަހަރުގެ ނޮވެމްބަރު މަހާއި ހަމަޔަށް ރާއްޖޭޭގެ ފަތުރުވެރިކަން ވަނީ 70 އިިންސައްތައަށް ދަށަށް ގޮސްފައެވެ.

ކޮވިޑް-19 އާއި ގުޅިގެެން ރާއްޖޭގެެ ބޯޑަރު ތިން މަހަށް ބަންދު ކުރިއެވެ. އެއާއެކު އިގްތިސާދަށް ބޮޑެތި ގެއްލުންތަކެއް ވިއެވެ. އެހެެން ނަމަވެސް މިހާރު ފަތުރުވެރިކަމުގެ ސިނާއަތުވެސް އަންނަނީ ރަނގަޅުވަމުންނެވެ.

ހިލޭ އެެހީއާއި ނުުލައި މިއަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް ދައުލަތަށް ލިބުނު އާމްދަނީ ވަނީ 45 އިންސައްތަ ދަށްވެފައެެވެ. އެއީ 647.8 މިލިއަން ރުފިޔާގެެ ތަފާތެކެވެެ. ހަމަ އެ މުއްދަތާއި ހަމަޔަށް ދައުލަތުގެ ހަރަދުވެސް ވަނީ 26 ޕަސެންޓު ނުވަތަ 733.8 މިލިއަން ރުފިޔާ ދަށްވެެފައެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހާއި އަޅާ ބަލާއިރު، މިއަހަރުގެ ނޮވެމްބަރު މަހު ދައުލަތުގެ ރިޒާވްގައި ހުރި ފައިިސާގެ އަދަދު ވަނީ ހަތަރު އިންސައްތަ މަތިވެފައެވެ. ނޮވެމްބަރު މަސް ނިމުނު އިރު ދައުލަތުގެ ރިޒާވް ހުރީ 629.9 މިލިއަން ޑޮލަރުގައެވެެ.