2021 ވަނަ އަހަރު ރާއްޖެ އައި ފުރަތަމަ ފަތުރުވެރިޔާއާއެކު މޯލްޑިވްސް ބޯޑަރ މައިލްސް، ޕްރޮގްރާމް ފަށައިފިއެވެ. މިއީ މުޅި ދުނިޔޭގައި ވެސް މިފަދަ ޕްރޮގްރާމެއް ފެށި ފުރަތަމަ ފަހަރެވެ.

މި ޕްރޮގްރާމަކީ ކޮވިޑް-19 ބަލިމަޑުކަމާއެކު ދިވެހިރާއްޖޭގެ ބޯޑަރު ބަންދުކުރުމާއި ގުޅިގެން، ފަތުރުވެރިން ރާއްޖެއައުން ހުއްޓި، ޤައުމުގެ އިޤްތިޞާދަށް އައި ހީނަރުކަމުން އަރައިގަނެ، ރާއްޖޭގެ ފަތުރުވެރިކަން އާ ހަރުފަތަކަށް ގެންގޮސް، އިތުރަށް ކުރިއެރުވުމަށްޓަކައި މޯލްޑިވްސް އިމިގްރޭޝަންގެ އިސްނެގުމާއެކު، މިނިސްޓްރީ އޮފް ޓޫރިޒަމް، މޯލްޑިވްސް މަރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން އަދި މޯލްޑިވެސް އެއަރޕޯޓްސް ކޮމްޕެނީ ގުޅިގެން ފަށާފައިވާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގެ މެމްބަރަކަށްވުމުގެ ފުރުސަތު ރާއްޖެ އަންނަ ކޮންމެ ފަތުރުވެރިއަކަށް ވެސް ވަނީ ހުޅުވާލާފައެވެ. މި ޕްރޮގްރާމް މައިގަނޑު ގޮތެއްގައި ބިނާވެގެން ވަނީ ފަތުވެރިޔާ ރާއްޖެ ޒިޔާރަތްކުރާ އަދަދަށާއި އަދި ރާއްޖޭގައި ހޭދަކުރާ ދުވަހުގެ އަދަދަށެވެ. ޚާއްސަ މުނާސަބާތަކާއި ގުޅުވައިގެން ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންނަށް އިތުރު ޕޮއިންޓުތަކެއް މި ޕްރޮގްރާމުގައި ލިބިގެންދާނެއެވެ.

މި ޕްރޮގްރާމުގެ ބައިވެރިންނަށް ލިބޭ ޚާއްސަ ފައިދާތައް ބެހިގެންވަނީ ތިން ދަރަޖައަކަށެވެ. އެއީ އައިދު (ލޮއި ދަރަޖަ)، އަންތަރަ (ރިހި ދުރަޖަ) އަދި ޢަބާރަނަ (ރަން ދަރަޖަ) އެވެ. މިއިން ކޮންމެ ދަރަޖައެއް ހާސިލްކުރާ ފަތުރުވެރިއަކަށް ވެސް އެފަތުރުވެރިއަކު ހާސިލްކުރާ ދަރަޖައަކާއި ގުޅޭ ޚާއްސަ ފައިދާ ތަކެއް ލިބިގެން ދާނެއެވެ. އަދި މި ޕްރޮގްރާމްގައި ބައިވެރިވާ ފަތުރުވެރިންނަށް ލިބޭ ޕޮއިންޓު އިތުރުވަމުންދާ މިންވަރަކަށް، ފަތުރުވެރިންނަށް ލިބިގެންދާ ފައިދާތަކާ ޚިދުމަތްތައް ވެސް އިތުރުވެގެންދާނެއެވެ.

މި ޕްރޮގްރާމް ފެށުމުގެ ގޮތުން ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު އަޙުމަދު ޙުސައިން، އެމްއެމްޕީއާރސީގެ މެނޭޖިންގ ޑިރެކްޓަރ ޠައްޔިބު މުޙައްމަދު، މިނިސްޓްރީ އޮފް ޓުއަރިޒަމްގެ ޑެޕިއުޓީ މިނިސްޓަރ އަޙުމަދު އާތިފް އަދި އެމްއޭސީއެލްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި މީގެ އިތުރުން މި ޕްރޮގްރާމްގެ އެކިއެކި އިޝްތިހާރުތަކާއި ޕޯސްޓަރ ތަކުގައި ހިމަނާފައިވާ މޮޑެލުން، ދިވެހި ސަގާފީ ހެދުމުގައި ބޯޑަރ މައިލްސްގެ ފުރަތަމަ މެމްބަރަށް މަރުހަބާ ދެންނެވިއެވެ.

މި ޕްރޮގްރާމް ފެށުމާ ގުޅިގެން ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު އަޙުމަދު ޙުސެއިން ވިދާޅުވީ، މިފަދަ ޕްރޮގްރާމެއް ފެށުމުގެ ވިސްނުން އައީ، ފަތުރުވެރިޔާގެ ދަތުރު ރާއްޖެއިން ފެށެނީ އިމިގްރޭޝަން އޮފިސަރާއި ހަމައިން ކަމުގައިވުމުން ކަމަށެވެ. މިޕްރޮގްރާމުގެ ސަބަބުން ތަކުރާރުކޮށް ރާއްޖެއަންނަ ފަތުރުވެރިން އިތުރުވެގެން ދާނެކަމަށް ކޮންޓްރޯލަރ ވިދާޅުވިއެވެ. އަދި މިއީ، ސަރުކާރުގެ އިސްތިރާޖީ ޕްލޭންގައިވާ ނޫ އިގްތިސާދުގެ ސިޔާސަތުގެ ދަށުން ފަތުރުވެރިކަން އިތުރަށް ކުރިއެރުވުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަމުގައި އޭނާ ވިދާޅުވިއެވެ.

މޯލްޑިވްސް ބޯޑަރ މައިލްސް ޕްރޮގްރާމް އިފްތިތާހުކުރެއްވުމާ ގުޅިގެން އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު ތައްޔިބު މުހައްމަދު ވިދާޅުވީ 2021 ވަނަ އަހަރު ދިވެހިރާއްޖެއަށް ޒިޔާރަތްކުރި ފުރަތަމަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔައި މޯލްޑިވްސް ބޯޑަރ މައިލްސްގެ ކާޑު ހަވާލުކުރެވިފައިވާއިރު މި ޕްރޮގްރާމް އަކީ ކާމިޔާބު ޕްރޮގްރާމަކަށް ވުމުގެ އުންމީދުކުރައްވާ ކަމަށެވެ. "މި ޕްރޮގްރާމް މެދުވެރިކޮށް ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެ ފަތުރުވެރިކަމުގެ ދާއިރާއަށް މީގެ ސަބަބުން މަންފާތަކެއް ކުރާނެކަމަށްވެސް އުއްމީދު ކުރަން. މިޕްރޮގްރާމް މާކެޓްކުރުމުގައި އަޅުގަނޑުމެންގެ ފަރާތުން ލިބެންޖެހޭ ހުރިހާ އެއްބާރުލުމެއް ދޭނެކަމުގެ ޔަގީންކަން ވެސް އަރުވަން." ތައްޔިބު ވިދާޅުވިއެވެ.

މޯލްޑިވްސް ބޯޑަރ މައިލްސް ޕްރޮގްރާމާއި ގުޅިގެން މިނިސްޓަރ އޮފް ޓޫރިޒަމްގެ ޑރ އަބްދުﷲ މަޢުސޫމް ވިދާޅުވީ، ފަތުރުވެރިކަމުގެ މަންޒިލްތަކުގެ މެދުގައި ވާދަވެރިކަން އިތުރުވަމުންދާ ވަގުތެއްގައި އައުކަންތައްތައް ތަޢާރުފުކޮށް ދިވެހިރާއްޖެއަކީ ދުނިޔޭގެ އެންމެ މަޤުބޫލު ފަތުރުވެރިކަމުގެ މަންޒިލްގެ ގޮތުގައި ދެމެހެއްޓުމަކީ މިނިސްޓްރީގެ އެއް އަމާޒުކަމުގައެވެ. އެގޮތުން، ބޯޑަރ މައިލްސް ޕްރޮގްރާމް ވެގެންދާނީ މިފަދައިން ތަޢާރަފުކުރެވުނު ވަރަށް މުޙިއްމު ޕްރޮގްރާމަކަމަށް ވިދާޅުވިއެވެ.

މި ޕްރޮގްރާމާއި ގުޅޭގޮތުން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ އެމްޑީ އަދި ސީއީއޯ ގޯޑަން އެންޑްރޫ ސްޓުވަރޓް ވިދާޅުވިގޮތުގައި، މޯލްޑިވްސް ބޯރޑަރ މައިލްސް އަކީ މިބާވަތުގެ ފުރަތަމަ އަދި ފަތުރުވެރިން ދިވެހި ރާއްޖެއަށް ވަރަށް ޝައުގު ކުރުވަނިވި ޕްރޮގްރާމަކަށް ވެގެންދާނެ ކަމަށެވެ. އަދި ފަތުރުވެރިން ދިވެހިރާއްޖެއަށް އައުމަށް ހިތްވަރު ދިނުމުގެ ގޮތުން ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން އެންމެ މަތީ ފަންތީގައި ހިފެހެއްޓުމަށް މަސައްކަތް ކުރަމުންދާކަމަށް ފާހަގަކުރެއްވެވިއެވެ. މީގެއިތުރުން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި އަޅާފައިވާ ސަލާމަތީ ފިޔަވަޅުތަކަށް ބަލައި، ދުނިޔޭގެ އެއަރޕޯޓު ޖަމީއާއިން ވަނީ އޭ.ސީ.އައި އިންޓަރނެޝަނަލް ހެލްތް އެކްރެޑިޓޭޝަން ސަރޓްފިކޭޓް ދެއްވާފައިކަމަށާއި، ދިވެހިރާއްޖޭގެ ބައިނަލްއަގްވާމީ ވައިގެ ބަނދަރު ހުޅުވާލުމަށްފަހު ފްލައިޓް ތަކުގެ އަދަދު ގިނަވުމާއިއެކު ފަތުރުވެރިންގެ އަދަދުތައްވެސް ގިނަކަމުގައި ދަންނަވައި، އެބޭފުޅާވަނީ "ޓީމް މޯލްޑިވްސް" އަށް މަރުހަބާއާއި ޝުކުރު ދަންނަވާފައެވެ.

ރާއްޖޭގައި ރަޖިސްޓަރ ކޮށްގެން ހިންގާ ފަތުރުވެރިންނަށް ޚިދުމަތްދޭ ހުރިހާ ތަނަކަށް ވަނީ މި ޕްރޮގްރާމްގެ ޕާޓްނަރަކަށް ވުމުގެ ފުރުސަތު ހުޅުވާލާފައެވެ. މި ޕްރޮގްރާމާއި ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު، ބޯޑަރ މައިލްސްގެ ވެބްސައިޓް، އަށް ޒިޔާރަތް ކުރެއްވުމުން ލިބިލައްވާނެއެވެ.