މިދިޔަ އަހަރު މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ޖުމްލަ 10.5 ބިލިއަން ރުފިޔާ ބަލައިގަނެފިއެވެ. މިއީ 2019 ވަނަ އަހަރާ އަޅައިބަލާއިރު %37.7 ދަށް އަދަދެކެވެ/

މީރާގެ ތަފަސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު މީރާއަށް ބަލައިގަތް ޖުމުލަ އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީ އެވެ. އެއީ 41.1% ނުވަތަ 4.31 ބިލިއަން ރުފިޔާއެވެ. ދެވަނައަށް އެންމެ ބޮޑު ބައެއް ހިއްސާކުރަނީ އިންކަމް ޓެކްސްއެވެ. އެއީ %18.0 ނުވަތަ 1.89 ބިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީ ލިބިފައިވަނީ ބީ.ޕީ.ޓީ (1.77 ބިލިއަން ރުފިޔާ ނުވަތަ %16.9) އާއި، ޓޫރިޒަމް ލޭންޑް ރެންޓް (702.78 މިލިއަން ރުފިޔާ ނުވަތަ %6.7) އަދި ގްރީން ޓެކްސް (351.95 މިލިއަން ރުފިޔާ ނުވަތަ %3.4) އިންނެވެ. 2020 ވަނަ އަހަރު މީރާއިން ބަލައިގަތް އާމްދަނީގެ ތެރޭގައި 296.84 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.

މީރާއިން ބުނީ، މިދިޔަ އަހަރު ލިބިފައިވާ އާމްދަނީގެ ތެރެއިން ޑިސެންބަރު މަހު ބަލައިގަތް ޖުމްލަ އާމްދަނީއަކީ 1.04 ބިލިއަން ރުފިޔާކަމަށެވެ. މިއީ މިދިޔަ އަހަރުގެ ޑިސެންބަރު މަހާ އަޅައިބަލާއިރު %34.1 ދަށް އަދަދެކެވެ.

މީރާއިން ބުނީ، ޑިސެންބަރު 2019 ގައި ލިބުނު އާމްދަނީ އާ އަޅާބަލާއިރު ޑިސެންބަރު 2020 ގައި ލިބިފައިވާ އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ ކޮވިޑް-19 އާ ގުޅިގެން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ މިންވަރު ދަށްވެފައިވުމުގެ ސަބަބުން ޓޫރިޒަމް ދާއިރާގެ އިޤްތިޞާދީ ހަރަކާތްތައް މަދުވެ، ޓޫރިޒަމް ދާއިރާއިން ޓެކުހުގެ ގޮތުގައި ލިބިފައިވާ އާމްދަނީ ދަށްވެފައިވާތީއެެވެ.

މިގޮތުން، ޖީ.އެސް.ޓީ އަދި ގްރީން ޓެކްސް ފަދަ ޓެކުހުން ލިބިފައިވާ އާމްދަނީ ވަނީ ދަށްވެފައެވެ.

އަދި މީގެ އިތުރުން، 2019 ވަނަ އަހަރުގެ ޑިސެންބަރު މަހުގައި ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި އާމްދަނީ ލިބިފައިވުމަކީ ޑިސެންބަރު 2019 ގައި ލިބުނު އާމްދަނީ އާ އަޅާބަލާއިރު ޑިސެންބަރު 2020 ގައި ލިބިފައިވާ އާމްދަނީ ދަށްވި ސަބަބެއް ކަމަށްވެސް މީރާ އިން ބުނެފައި ވެއެވެ. މި ފީ ޑިސެންބަރު 2020 ގައި ލިބިފައި ނުވެއެވެ.

މިދިޔަ މަހުގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީ އެވެ. އެއީ 39.0% ނުވަތަ 404.66 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓޫރިޒަމް ލޭންޑް ރެންޓް އިން އެވެ. އެއީ %30.1 ނުވަތަ 311.80 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން، ބީ.ޕީ.ޓީގެ ގޮތުގައި 138.75 މިލިއަން ރުފިޔާ (13.4%)، އިންކަމް ޓެކްސްގެ ގޮތުގައި 50.19 މިލިއަން ރުފިޔާ (4.8%)، ރެސިޑެންޓް ޕަރމިޓް ގޮތުގައި 26.19 މިލިއަން ރުފިޔާ (2.5%) އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ 105.69 މިލިއަން ރުފިޔާ (10.2%) ހިމެނެއެވެ.

އެ މަހުގައި މީރާއިން ބަލައިގަތް އާމްދަނީގެ ތެރޭގައި 39.13 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.