މިދިޔަ މާޗު މަހު 1.33 ބިލިއަން ރުފިޔާ ބަލައިގެންފައިވާކަމަށް މޯލްޑިވްސް އިންލެެންޑް ރެވެނިއު އޮތޯރިިޓީ (މީރާ)އިން ހާމަކޮށްފިއެވެ.

މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 19.2 އިންސައްތަ އިތުރު އަދަދެކެވެ. އަދި، މިދިޔަ މާޗު ގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 28.4 އިންސައްތަ އިތުރު އަދަދެއް ކަމަށް މީރާއިން ވަނީ ވިދާޅުވެފައެވެ.

މީރާއިން ހާމަކޮށްފައިވާ ގޮތުގައި މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީ އާ އަޅާބަލާއިރު މިދިޔަ މަހުގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ޓޫރިޒަމް ލޭންޑް ރެންޓް އަދި ޓީޖީއެސްޓީގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވެފައިވުން ކަަމަށެވެ.

މިދިޔަ އަހަރުގެ މާޗު މަހު ކޮވިޑް-19 ގެ ސަބަބުން ރާއްޖެ ފުރަބަންދުކޮށްފައި އޮތުމުން، ޓޫރިޒަމް މިނިސްޓްރީން ވަނީ މިދިޔަ އަހަރުގެ ދެ ކުއާޓަރެއްގެ ޓުރިޒަމް ލޭންޑް ރެންޓް ދެއްކުމުގެ ސުންގަޑި ފަސްކޮށްދީފައިއެވެ. އެހެންކަމުން، މިދިޔަ އަހަރުގެ އެ މުއްދަތުގައި މި ފައިސާ ލިބިފައި ނުވާކަމަށް މީރާއިން ވަނީ ހާމަކޮށްފައެވެ.

މީގެ އިތުރުން، މިދިޔަ އަހަރު މާޗު މަހު ޓޫރިޒަމް ދާއިރާގެ ވިޔަފާރި އިތުރުވެފައިވާތީ، މި ދާއިރާއިން ލިބިފައިވާ ޓީޖީއެސްޓީ އިތުރުވެފައިވާކަމަށް މީރާއިން މައުލޫމާތުދެއެވެ.

މިދިޔަ މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީއެވެ. އެއީ 51.0 އިންސައްތަ ނުވަތަ 676.90 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓޫރިޒަމް ލޭންޑް ރެންޓުންނެވެ. އެއީ 25.3 އިންސައްތަ ނުވަތަ 335.39 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން، ގްރީން ޓެކްސްގެ ގޮތުގައި 69.96 މިލިއަން ރުފިޔާ، އާމްދަނީން ނަގާ ޓެކުހުގެ ގޮތުގައި 69.91 މިލިއަން ރުފިޔާ، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ ގެ ގޮތުގައި 32.41 މިލިއަން ރުފިޔާ، އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ 142.99 މިލިއަން ރުފިޔާ ހިމެނެއެވެ. ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި ހިމެނެނީ 63.73 މިލިއަން ޑޮލަރެވެ.