މޯލްޑިވްސް މާކެޓިން އެންޑްް ޕަބްލިކް ރިލޭޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން މެދުއިރުމަތީގައި ރާއްޖެ އިސްތިހާރު ކުރުމަށް ހާއްސަ ކެމްޕެެއިނެެއް ފަށައިފިއެވެ.

އެމްއެމްޕީއާރުސީން ހާމަކޮށްފައިވާ ގޮތުގައި މި ކެމްޕެއިންގެ ދަށުން ވީގޯ، ސްކައި ނިއުސް އަރަބިއްޔާ އަދި އަލް ރައިސްއާ ގުޅިގެން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިޔުމަށް ވަނީ ނިންމާފައެވެ. އެ ކޯޕަރޭޝަނުން ވިދާޅުވީ އަންނަ މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް މަޝްހޫރު ޓްރެވެލް މާކެޓްޕްލޭސް ވީގޯއާ ގުޅިގެން ރާއްޖެ އިޝްތިހާރު ކުރުމުގެ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ވީގޯ އަކީ މެދުއިރުމަތި، އުތުރު އެފްރިކާ، އިންޑިއާ އަދި ސައުތު އީސްޓް އޭޝިއާގެ އެންމެ ބޮޑު އެއް ޓްރެވެލް މާކެޓްޕްލޭސްއެވެ. ސަތޭކަ އަށް ވުރެ ގިނަ އެއާލައިން، ހޮޓެލް އަދި ޓްރެވެލް އޭޖެންސީތައް ހިމެނޭ ޑޭޓާބޭސްއަކުން ޑީލް އަދި އޮފާތައް އަޅައި ބެލުމުގެ ފުރުސަތު މި ޕްލެޓްފޯމްއިން ލިބެއެވެ.

މި ކެމްޕެއިންގައި ރާއްޖެ ފަތުރުވެރިކަމުގެ މަންޒިލެއް ގޮތުގައި ވީގޯގެ ވެބްސައިޓާއި ފޯން އެޕްލިކޭޝަންގައި އިޝްތިހާރުކުރާނެ ކަމަށާއި އެގޮތުން ރާއްޖެއަކީ ރައްކާތެރި މަންޒިލެއްކަން ހާމަކޮށްދީ އާޓިކަލްއަކާއި ޕުޝް ނޮޓިފިކޭޝަން އަދި ސޯޝަލް މީޑިއާ ޕޯސްޓްތައް އާންމުކުރާނެ ކަމަށް އެ ކޯޕަރޭޝަނުން ވަނީ ހާމަކޮށްފައެވެ.

މި ކެމްޕެއިންގެ ސަބަބުން 1.5 މިލިއަން އޮންލައިން އިމްޕްރެޝަން ޙާސިލްކުރެވޭނެކަމަށް އެމްއެމްޕީއާރުސީން ލަފާކުރެއެވެ. އަދި މިއާއެކު ރާއްޖެއަށް ބުކިންގް އިތުރުކުރުމަށް މި ކެމްޕެއިނުން އަމާޒުކުރެއެވެ. މީގެ އިތުރުން މިދިޔަ އޭޕްރިލް މަހުން ފެށިގެން ސްކައި ނިއުސް އަރަބިއްޔާ ގުޅިގެން މާކެޓިން ކެމްޕެއިނެއްވެސް ވަނީ ފަށައިފައެވެ. 35 މިލިއަންއަށް ވުރެ ގިނަ މީހުންނަށް ފޯރާ ސްކައި ނިއުސް އަރަބިއާއަކީ އަރަބިންގެ ތެރޭގައި އެންމެ މަގްބޫލު ޓީވީ ޗެނަލެވެ.

މި ކެމްޕެއިނުގެ ދަށުން ސްކައި ނިއުސްގައި ރާއްޖެއަށް ހާއްސަކޮށް މައުލޫމާތު ހިއްސާކުރުމުގެ ސެގްމެންޓެއް ހަދާނެ ކަަމަށާއި ރޭޑިއޯ ޝޯތަކުގައި އެންމެ ގިނައިން މީހުން އަޑުއަހާ ވަގުތުތަކުގައި ރާއްޖެ އިޝްތިހާރު ކުރާނެ ކަމަށް އެމްއެމްޕީއާރުސީން ވަނީ ހާމަކޮށްފައެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމާ ގުޅޭ އިޝްތިހާރުތައް ސްކައި ނިއުސް ވެބްސައިޓްގައި ހިމަނުމަށްވެސް ވަނީ ނިންމައިފައެވެ.

އެމްއެމްޕީއާރުސީން އަންނަނީ ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައި ރާއްޖެ އިސްތިހާރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.