ރާއްޖެއަށް މިއަދު ރެކޯޑް އަދަދަކަށް ފަތުރުވެރިން އަންނާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ޑރ. މައުސޫމް މިހެން ވިދާޅުވީ، ދެންމެ ކުރި ޓްވީޓެއްގައެވެ.

ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުތައް އިތުރުވާން ފަށާފައި ވަނީ، ދެކުނު އޭޝިއާގެ ފަތުރުވެރިންނަށް ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމާއި ގުޅިގެންނެވެ. ކޮވިޑް-19 އާ ގުޅިގެން ދެކުނު އޭޝިއާގެ ފަތުރުވެރިން ރާއްޖެ އައުން މަނާ ކޮށްފައި އޮތުމަށްފަހު އަލުން ހުއްދަ ދިނީ މިދިޔަ ޖުލައި މަހުގެ 15 ވަނަ ދުވަހުއެވެ. އޭގެ ފަހުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދުތައް ވަނީ މައްޗަށް ދާން ފަށާފައެވެ.

އެގޮތުން 15 ޖުލައި އިން 29 ޖުލައިގެ ތެރޭގެ ދުވަސްތަކުގައި ކޮންމެ ދުވަހަކު ރާއްޖެ އައި ފަތުރުވެރިންގެ އަދަދުތައް އުޅެނީ 2500 އާއި 5000 އާއި ދެމެދު އެވެ.

ޑރ. މައުސޫމް ވިދާޅުވީ، އުއްމީދު ކުރަނީ މިއަަދު ރާއްޖެއަށް އަންނާނެ ކަމަށް ލަފާކުރެވޭ ފަތުރުވެރިންގެ އަދަދުތަކާއެކު، މިިއަހަރުގެ ތެރޭގައި އެއް ދުވަހެއްގައި މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދުތަކުގެ ރެކޯޑް މުގުރާނެ ކަމަށެވެ.

މިއަހަރު މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައި ވަނީ މާރިޗް މަހުގެ 26 ވަނަ ދުވަހުއެވެ. އެ ދުވަހު ރާއްޖެއަށް 5516 ފަތުރުވެރިން އައިސްފައި ވެއެވެ.

ޑރ. މައުސޫމް ވިދާޅުވީ، މިއަދު އާ ރެކޯޑް ގާއިމް ކުރެވިދާނެ ކަމުގެ އުއްމީދު އެބަ އޮތް ކަމަށެވެ.

"މިއަދުގެ އަދަދުތަކުން ދައްކުވައިދެނީ ރާއްޖެއަކީ ފަތުރުވެރިންނަށް ހިތްފަސޭހަ ތަނަކަށް ހެދުމަށް، އިދާރާތަކާއި ޓޫރިޒަމް ސިނާއަތުގައި މަސައްކަތް ކުރާ ފަރާތްތަކުން ކުރާ މަސައްކަތް". ޑރ. މައުސޫމް ވިދާޅުވިއެވެ.

މިހާރު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދުތަކުން، އެ ދާއިރާއަށް ކުރެވޭ އުއްމީދުތައް ބޮޑުވެފައިވާއިރު، ދުނިޔޭގާއި ހުރިހާ ގައުމެއްގައި ވެކްސިން ޖެހުމަށް ކުރިއަށްގެންދާ ކެމްޕޭންތައް ކާމިޔާބުވެއްޖެނަމަ، އިތުރު ފަތުރުވެރިން އަތުވެދާނެ ކަމުގެ އުއްމީދު އެބަ އޮތެވެ.

މިއަހަރު މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދުތައް އުޅެނީ 603،815 ގައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މީރާ

    މިއަދުވެސް ޓާމިނަލް ގަ ތޮއްޖެހުމުގެ ސަބަބުން އެތައްބަޔަކަށް ސީޕުލެން ނުލިބި މަޑުކުރަން ޖެހުނު. އެކަމުގެ ސަބަބުން އެމީހުން ރުޅިގަދަވެ އަދި ދާން ނުޖެހޭ އެތަށް ހަރަދުތަކެއް ދިޔަކަން ވެސް ފާހަގަ ކޮށްލަން ޖެހޭ. ޓޫރިސްޓުން ނަށްފަސޭހަ ވާނެ އަތަށް ކަމެެއް ހައްލު ކުރަން އެބަޖެހޭ.