ދިވެހިރާއްޖެ އާއި އަދި ދުނިޔޭގެ އެތައް ގައުމެއްގައި ރިސޯޓްތަކާއި ހޮޓާތައް ވެސް ހިންގަމުން އަންނަ ފޯސީޒަން ހޯލްޑިން ކުންފުނީގައި އޮތް ސައުދީ އަރަބިއްޔާގެ ވަލީއަހްދު އަލްވަލީދް ބިން ޠަލާލްގެ 2.2 ބިލިއަން ޑޮލަރުގެ ހިއްސާ މައިކްރޯސޮފްޓްގެ ބާނީ ބިލް ގޭޓްސް ގަނެފިއެވެ.

ފޯ ސީޒަންގައި މީގެ ކުރިން ވެސް ބިލް ގޭޓްސްގެ ހިއްސާ އޮވެއެވެ. ބިލް ގޭޓްސް އާއި އަލްވަލީދް ފޯ ސީޒަންގެ ހިއްސާ ގަތީ 2007 ވަނަ އަހަރު އެވެ. ފޯ ސީޒަންގައި އޮންނަ ބިލް ގޭޓްސްގެ ހިއްސާ އޮންނަނީ ކެސްކޭޑް ހޯލްޑިން ނަމަކަށް ކިޔާ ކުންފުންޏެއްގެ ނަމުގައެވެ. އެކުންފުނިން ފޯ ސީޒަންގެ %71.25 ހިއްސާ މިހާރު ކޮންޓްރޯލް ކުރެއެވެ. އެހެންކަމުން ފޯ ސީޒަންގެ މެޖޯރިޓީ ހިއްސާދާރަކީ މިހާރު ބިލް ގޭޓްސް އެވެ.

މިހާތަނަށް ވަލީދުގެ ކިންގްޑަމް ހޯލްޑިން އިން ފޯ ސީޒަންގެ %23.75 ހިއްސާ ކޮންޓްރޯލް ކުރެއެވެ. ނަމަވެސް އެހުރިހާ ހިއްސާއެއް ބިލް ގޭޓްސްގެ ކުންފުންޏަށް ވިއްކާލަން ވަނީ ނިންމާފައެވެ. ހިއްސާ ވިއްކުމުގެ ހުރިހާ މަރުހަލާތަކެއް ނިމޭނެ ކަމަށް ބެލެވެނީ 2022 ވަނަ އަހަރުގެ ޖަނަވަރީ މަހުއެވެ.

ބިލް ގޭޓްސް އާއި ވަލީދަކީ ވިޔަފާރީގައި ވަރަށް ގާތް ދެބޭފުޅުންނެވެ. މީގެ ކުރިން ވެސް މިދެބޭފުޅުން އެކުގައި ބައެއް ކުންފުނިތަކަށް އިންވެސްޓް ކުރައްވާފައިވެއެވެ.

ވަލީދު ފޯ ސީޒަންގެ ހިއްސާ ވިއްކާލަނީ އޭނާގެ ކުންފުނިތަކުން ނަގާފައި ހުރި ބައެއް ލޯނުތައް ދައްކަން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ބިލް ގޭޓްސް އާއި ވަލީދް 2007 ވަނަ އަހަރު ފޯ ސީޒަންގެ ހިއްސާ ގަތް ފަހުން އެކުންފުނިން ވަނީ ގިނަ ކުރިއެރުންތަކެއް ހޯދާފައެވެ. އޭރު އެކުންފުނިން ހިންގަމުން އައީ 74 ހޮޓަލެވެ. ނަމަވެސް މިހާރު 121 ހޮޓާ ހިންގަމުން އެބަގެންދެއެވެ. އަދި އިތުރު 50 ހޮޓަލެއް ހުޅުވުމަށް ވަނީ ތައްޔާރުވެފައެވެ.

ފަތުރުވެރިންނަށް ހާއްސަ ހޮޓާތަކުގެ އިތުރުން ލަގްޒަރީ ގެތައް ވިއްކުމާއި ރިއަލް އެސްޓޭޓްގައި ވެސް ފޯ ސީޒަން އިން ފަހަކަށް އައިސް ވަނީ އިންވެސްޓް ކޮށްފައެވެ.

ފޯ ސީޒަން އަކީ 1960 ވަނަ އަހަރު ކެނެޑާގެ ވިޔަފާރިވެރިއަކު އުފެއްދި ކުންފުންޏެކެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ގަމާރު

    ބިލްގޭޓްސް ވަލީއަހުދު ގަނެއްޖެ....

    5
    1
  2. ް

    ބިލްގޭޓްސް މަރިޔަމް ޝާނީ ވެސް ގަނެއްޖެ ފާނެ

    3
    2
  3. ަކޮކީ

    ސައޫދީ ވަލީއަހުދަކީ މުޙައްމަދު ބުނު ސަލްމާންއެއް ނޫންތަ؟