އެތައް ކުޑަކުދިންނަކާއި ޖިންސީ ގުޅުން ހިންގި މައްސަލައެއްގައި ހައްޔަރު ކޮށްފައި ހުއްޓާ މަރުވި ޖެފްރީ އެޕްސްޓެއިން ވަނީ އެމެރިކާގެ ބިލިއަނަރު ބިލް ގޭޓްސް ބްލެކްމެއިލް ކޮށްގެން ގިނަ އަދަދެއްގެ ފައިސާ ހޯދާފައި ކަމަށް ރިޕޯޓެއްގައި ބުނެފިއެވެ.

އެޕްސްޓެއިން އަކީ މަހުޖަނުންނާއި އަދި ސިޔާސީ ލީޑަރުންނާއި ވެސް ގާތް ގުޅުމެއް ބާއްވަމުން އައި މީހެކެވެ. ޖިންސީ ގޯނާގެ މައްސަލައެއްގައި އޭނާ ހައްޔަރު ކޮށްފައި ހުއްޓާ އަމިއްލަ އަށް މަރުވީ 2019 ވަނަ އަހަރުގެ އޮގަސްޓް މަހު އެވެ.

އިިއްޔެ ވޯލް ސްޓްރީޓް ޖާނަލްގައި އާއްމު ކޮށްފައިވާ ރިޕޯޓެއްގައި ބުނީ ރަޝިއާގެ ޒުވާން ބްރިޖް ޕްލޭޔަރާއި ބިލް ގޭޓްސް ސިއްރު ލޯބީގެ ގުޅުމެއް ބާއްވަމުން ދިޔަކަން އެޕްސްޓެއިން އަށް އެނގުމުން، އެކަން ފަޅައިއަރުވާލާނެ ކަމަށް ބުނެ އެޕްސްޓެއިން ވަނީ ބިލް ގޭޓްސް ބްލެކްމެއިލް ކޮށްފައެވެ.

ރިޕޯޓްގައި ބުނެފައިވާ ގޮތުގައި ރަޝިއާގެ މިލާ އެންޓޮނޯވާ އާއި ބިލް ގޭޓްސް ލޯބީގެ ގުޅުމެއް ބޭއްވީ 2010 ވަނަ އަހަރު އެވެ. އޭރު މިލާގެ އުމުރުން 30 އަހަރު ނުވާނެ ކަމަށް ރިޕޯޓްގައި ބުނެފައި ވެއެވެ. ދެމީހުންގެ ލޯބީގެ ގުޅުން އެޕްސްޓެއިން އަށް އެނގުނީ މިލާ އާއި ބައްދަލުވެ، ފަހުން އެދެމީހުންގެ ދެމެދުގައި އެކުވެރިކަން އުފެދިގެންނެވެ. އެޕްސްޓެއިން ވަނީ ބިލް ގޭޓްސް ބްލެކްމެއިލްކޮށް ފައިސާ ހޯދަން 2017 ވަނަ އަހަރު ބިލް ގޭޓްސް އަށް އީމެއިލެއް ފޮނުވާފައެވެ.

ބިލް ގޭޓްސް އެޕްސްޓެއިން އަށް ފައިސާ ދެމުން ގެންދިޔައީ އެޕްސްޓެއިން ހަދާފައިވާ "ހިލޭ އެހީދޭ ޖަމިއްޔާއަށް" ދެމުންދާ އެހީއެއްގެ ގޮތުގައެވެ.

ބިލް ގޭޓްސް އެޕްސްޓެއިންގެ ޖަމިއްޔާ އަށް ދީފައި ވަނީ ކިހައި އަދަދެއްގެ ފައިސާއެއް ކަމަށް ރިޕޯޓްގައި ބުނެފައެއް ނުވެއެވެ.

މިރިޕޯޓާއި ގުޅިގެން ބިލް ގޭޓްސް އަދި މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ބިލް ގޭޓްސް އާއި މެލިންޑާގެ 27 އަހަރުވީ ކައިވެނި 2021 ވަނަ އަހަރު ރޫޅިގެން ދިޔަ އެއްސަބަބަކީ ވެސް އެޕްސްޓެއިން އާއި ބިލް ގޭޓްސްގެ ދެމެދުގައި އޮތް ގުޅުން ކަމަށް މިދިޔަ އަހަރު މެލިންޑާ ވަނީ ބުނެފައެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް މެލިންޑާ ނުދެއެވެ.